ކ. މާލެ
|
22 ނޮވެންބަރ 2023 | ބުދަ 11:50
ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ވަނީ ޕީއެންސީގެ ޕީޖީ ލީޑަރަކަށް ހަމަޖައްސާފައި
ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ވަނީ ޕީއެންސީގެ ޕީޖީ ލީޑަރަކަށް ހަމަޖައްސާފައި
މަޖިލިސް
ސަރުކާރު ހިންގާ ޕާޓީ
މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕާޓީއަކަށް ޕީއެންސީ
ޕީއެންސީގެ 3 މެންބަރުންނާއި ޕީޕިއެމްގެ ދެ މެންބަރުން ވަނީ އިސްތިއުފާ ދެއްވާފައި

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކަމަށް އިއުލާންކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން، މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގައި ސަރުކާރު ނިސްބަތްވާ ޕާޓީ ތަމްސީލު ކުރައްވާނެ ޕީޖީ ލީޑަރު ކަމަށް ފަޒުލް ހަމަޖައްސާފައިވާ ކަން އެ ޕާޓީން އަންގާފައިވާ ކަމަށެވެ.

މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕާޓީއަކީ ޕީއެންސީއަށް ވެފައިވަނީ، ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓުގައި ކަމަށްވުމުންނެވެ. ރިޔާސީ އިންތިހާބަށްފަހު ޕީއެންސީން ވަނީ އެ ޕާޓިގެ ރައީސްކަމަށް ވެސް މުއިއްޒު އައްޔަންކުރައްވާފައެވެ.

އައު ސަރުކާރުގެ ބައެއް ސިޔާސީ މަގާމުތަކަށް ޕީއެންސީގެ މަޖިލިސް މެންބަރުން އައްޔަންކުރުމާއެކު، މަޖިލީހުގައި އެޕާޓީ ތަމްސީލުކުރަނީ ދެ މެންބަރުންނެވެ. އެއީ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމެވެ.

ޕީއެންސީގެ މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ. މީގެ އިތުރުން ޕީޕީއެމްގެ ދެ މެންބަރުންކަމުގައިވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިމެނެނީ އެމްޑީޕީގެ 56 މެންބަރުންނާއި ޑިމޮކްރެޓްސްގެ 13 މެންބަރުންނާއި ޕީޕީއެމްގެ ދެ މެންބަރުންނާއި ޕީއެންސީގެ ދެ މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖޭޕީގެ ދެ މެންބަރުންނާއި، އެމްއެންޕީގެ ދެ މެންބަރުން އަދި މިނިވަން ހަތަރު މެންބަރުންނެވެ.

- ކޮމެންޓް