ޕާލިމަންޓް ސްޕީކަރުންގެ ވޯލްޑް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ސްވިޒަރލޭންޑަށް ފުރާވަޑައިގެންފިއެވެ.
6 ވަނަ މަޖިލިސް ސްޕީކަރުން ނުވަތަ މަޖިލިސްތަކުގެ ރައީސުންގެ ކޮންފަރެންސް އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހަށެވެ.
ވޯލްޑް ކޮންފަރެންސް ފޯރ ސްޕީކަރޒް އޮފް ޕަރލިމެންޓަކީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު އިންޓަރ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫއި) އިން އދ. އާ ގާތުން ގުޅިގެން އިންތިޒާމު ކުރާ ކޮންފަރެންސެކެވެ.
އައި.ޕީ.ޔޫ އިން އިންތިޒާމު ކުރާ، މި މަހާސިންތާ، މިފަހަރު އޮންނަނީ ޖެނީވާގައި ހުންނަ އދ. ގެ މައި އޮފީހުގައެވެ.
މި ބައްދަލުވުމުގެ ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޕާލަމެންޓަރީ ލީޑަރުންނަށް މުހިންމު މައްސަަލަ ތަކުގައި މަތީ ފެންވަރެއްގައި ބައްދަލުވެ މަޝްވަރާ ކުރެވޭނެ ޕްލެޓްފޯމެއް ހޯދައިދިނުމެވެ.
މި މަހާސިންތާ އެންމެ ފުރަތަމަ ބޭއްވުނީ 2000 ވަނަ އަހަރު އެވެ.
އޭގެ ފަހުން ކޮންމެ 5 އަހަރަކުން އެއްފަހަރު ބޭއްވޭ މި މަހާސިންތާ އަކީ ދުނިޔޭގެ ކަންކަން ހިންގުމުގައި ޕާލަމެންޓުތަކުގެ ދައުރު ދަމަހައްޓާ ހަރުދަނާ ކުރުމަށް މަގުފަހިކޮށްދިނުމެވެ. އަދި މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މުހިންމު މައްސަލަ ތަކުގައި ހުރި ޑިމޮކްރަސީގެ ހުސްކަން ފޫބެއްދުމަށް އެހީތެރިވެދެއެވެ.
މިފަހަރުގެ މަހާސިންތާ އަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުން ގާތްގަނޑަކަށް 20 ޕާލަމެންޓު ސްޕީކަރުން ހިމެނޭ ގޮތުން އެކުލަވާލި އިންތިޒާމު ކޮމިޓީއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ނަތީޖާ ކަމަށް އައިޕީޔޫ އިން ބުނެއެވެ. އަދި މިއީ ދުނިޔޭގެ ފެންވަރުގައި ބޭއްވޭ މި ބާވަތުގެ އެންމެ ބޮޑު އެއްވުން ކަމުގައި ވާނެ ކަމަށް އައިޕީޔޫ އިން ބުނެއެވެ.
މިއަހަރުގެ ކޮންފަރެންސްގެ އާންމު ބައްދަލުވުމުގެ މައިގަނޑު މައުޟޫ އަކީ "ހަމަޖެހުމެއްނެތް ދުނިޔެއެއް: އެންމެންނަށް ސުލްޙައާއި، އިންސާފާއި އަދި ފާގަތިކަން ހޯދައިދިނުމަށް ޕާލިމެންޓްތަކުގެ އެއްބާރުލުމާއި ބައިނަލްއަޤްވާމީ އެއްބައިވަންތަކަން" މިއެވެ.
"ހަމަޖެހުމެއްނެތް ދުނިޔެއެއް: ހުރިހާ އެންމެންނަށް ސުލްޙަ، އިންސާފު އަދި ފާގަތިކަން ހޯދުމަށް ޕާލިމެންޓްތަކުގެ އެއްބާރުލުމާއި ބައިނަލްއަޤްވާމީ އެއްބައިވަންތަކަން" މި މައުޟޫޢުގެ މައްޗަށް ބޭއްވޭ އާންމު ބަހުސް އޮންނާނީ ޖުލައި 29 ވާ އަންގާރަ ދުވަހުއެވެ.
Hon. Abdul Raheem Abdulla, Speaker of the People’s Majlis, departs to Geneva, Switzerland to attend the 6th World Conference for Speakers of Parliament, held from 29-31 July 2025. pic.twitter.com/VLW0EQe1U8
— People's Majlis (@mvpeoplesmajlis) July 28, 2025
މި ކޮންފަރެންސް ގައި ޕާލިމެންޓް ތަކުގެ ސްޕީކަރުން ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޖަމްއިއްޔާ ޖަމާއާތް ތަކުގެ ވެރިންނާއި އިލްމު ވެރިންނާއި، މީޑިއާ އާ ބައްދަލުވެ އެކިއެކި މުހިންމު ކަންކަމާ ބެހޭ ވާހަތަައް ދެކެވޭނެއެވެ.
މި ކޮންފަރެންސް ގައި އަބްދުއް ރަހީމް ތަގުރީރު ކުރައްވާކަމެއް ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.