ކ. މާލެ
|
19 ނޮވެންބަރ 2023 | އާދީއްތަ 11:20
ޚާން ޔޫނިސްއަކީ، އުތުރު ޣައްޒާ ހުސްކުރަން އިޒްރޭލުން ކުރި އިންޒާރާއެކު އެތައް ސަތޭކަ ހާސް ބަޔަކު، އެމީހުންގެ ދިރިއުޅުން ބަދަލު ކުރި ދެކުނުގެ އަވަށެއް، މިއަދު ޚާން ޔޫނިސްގައި ސަލާމަތެއް ނެތް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ހިނދެމިލާނެ ފުރުޞަތެއްވެސް ނުލިބި، ޣައްޒާގެ ޙާލަތު ގޯހުން ގޯހަށް: "މުޅި ދިރިއުޅުން ހުއްޓިއްޖެ"
އަސާސީ މުދާ ހޯދުމަށް ދިގު ސަފުތަކުގައި އެތައް ގަޑިއިރެއް ހޭދަ ކުރަން މަޖުބޫރުވެފައި އޮތް މަގުތައް މަތީގައި އޮތީ ހުސް ކުނި
ބުރާސްފަތި ދުވަހުވެސް، އެހީގެ އެއްވެސް ގާފިލާއެއް، ޣައްޒާއަށް އެތެރެ ވެފައެއް ނެތް
ޤަތުލުޢާންމު ފަށާ، މާ ގިނަ އިރުތަކެއް ނުވެ، އިޒްރޭލުން ވަނީ ޛަރޫރީ ހުރިހާ ޙައްޤަކުން ޣައްޒާގެ ރަށްވެހިން މަހްރޫމު ކޮށްފައި

ޔަހޫދީ އިޒްރޭލާ ދެކޮޅަށް ފަލަސްޠީނުގައި ފުރަތަމަ އިންތިފާދާ ފެށުމަށްފަހު، 1987 ވަނަ އަހަރު 'ޙަމާސް' އުފެއްދީ ފަލަސްތީނުގެ އިމާމް އަދި އެކްޓިވިސްޓް އަހުމަދު ޔާސީންއެވެ. ޙަރަކާތު އަލްމުޤަވާމަތު އަލްއިސްލާމިއްޔާ ގެ ނަމަގައި 'ޙަމާސް' ޖަމާޢަތް އުފެއްދީ، ސިޔާސީ ރޫޙުގައި ކަމަށް ވީ ނަމަވެސް، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިޒްރޭލާއި، އިޒްރޭލުން ކުރާ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭ އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކަށް އެ މަންޒަރު ފެންނަނީ މުޅިން ތަފާތު ގޮތަކަށެވެ. އިޒްރޭލާއި، އިޒްރޭލަށް އެއްބާރުލުންދޭ މީހުން ޙަމާސް ޖަމާޢަތް ސިފަ ކުރަނީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައެވެ. ނިމިގެން މިދާ 2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހަކީ، ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހުލާނެ ކަމަށް ބުނެ، ޣައްޒާގައި، ފާޅުގައި ޔަހޫދީން ޤަތުލުޢާންމު ހިންގަން ފެށި ދުވަހެވެ.

އަދާ ޖެހުނުއިރުވެސް ސުލްޙައިގެ އަލިމަގެއް ފެންނަން ނެތް އިރު، ޢުދުވާންތަކާއި ޖަރީމާތައް ދަނީ ގަދަ ކުރަމުންނެވެ. ޤަތުލުޢާންމު ފެށުމުގެ ކުރިންވެސް ޣައްޒާއަކީ އިޒްރޭލުގެ މުށްދަށުލައި، ހުރިހާ ކޮޅަކުން ބައްދާލާފައި އޮތް ރަށެކެވެ. ޤައިދީންތަކެއްގެ ގޮތުގައި، ކުށެއް ނެތް 2.3 މިލިއަން މީހުން ގަނަތެޅެމުން ދިޔަ ޤައިދުޚާނާއެކެވެ. ޤަތުލުޢާންމު ފަށާ، މާ ގިނަ އިރުތަކެއް ނުވެ، އިޒްރޭލުން ވަނީ ޛަރޫރީ ހުރިހާ ޙައްޤަކުން ޣައްޒާގެ ރަށްވެހިން މަހްރޫމު ކޮށްފައެވެ. އިންސާނަކަށް ވީތީ ލިބިދޭން ޖެހޭ ދިރިހުރުމުގެ ޙައްޤު ކަށަވަރުކޮށްނުދޭތާ، އަސާސީ ޙައްޤުތަކަށްވެސް ބެލުމެއް ނެތެވެ. މުޅި ޣައްޒާއަށް ވަނީ ތެލާއި، ހަކަތައާއި، ގޭހާއި ކާބޯތަކެއްޗާއި، ބޭސް ފަދަ ޛަރޫރީ އެތައް އެއްޗެއްގެ ދަތިކަން، އޭގެ އެންމެ އިންތިހާއަށް ފޯރާފައެވެ. ކެނޑިނޭޅި، އެއްގަމާއި ކަނޑާއި ވައިގެ މަގުން ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ އިތުރަށް، ޢާންމު ދިރިއުޅުންވެސް މިއަދު އޮތީ ތަކުލީފަކަށް ވެފައެވެ.

ޚާން ޔޫނިސްގައި މިވަގުތު ދިރިއުޅެމުންދާ ޣައްޒާގެ ރަށްވެހިންނަށް އުފުލަންޖެހިފައި އޮތް ބުރަ، ވަކީން ބޮޑެވެ. ޚާން ޔޫނިސްއަކީ، އުތުރު ޣައްޒާ ހުސްކުރަން އިޒްރޭލުން ކުރި އިންޒާރާއެކު އެތައް ސަތޭކަ ހާސް ބަޔަކު، އެމީހުންގެ ދިރިއުޅުން ބަދަލު ކުރި ދެކުނުގެ އަވަށެކެވެ. މިއަދު ޚާން ޔޫނިސްގައި ސަލާމަތެއް ނެތެވެ. އިޒްރޭލުގެ ޙަމަލާތައް އަމާޒުވެއެވެ. ދިރިއުޅުމަށް ބޭނުންވާ އެތައް ޚިދުމަތަކުން، ރަށްވެހިން ވަނީ މަހުރޫމުކޮށްފައެވެ. ގެދޮރު ގެއްލި، ޚާން ޔޫނިސްއަށް ދިރިއުޅުން ބަދަލު ހުރި މަރްޔަމް ސަހްލޫލުގެ ވާހަކަ، އަޑު އަހާލަމާ ހިނގާށެވެ.

އަހަރެމެންނަށް މި ވީ ކިހިނެއް؟ ފެނެއް ނެތް، ކަރަންޓެއް ނެތް، ނިދަނީ ބިންމަތީގަ، އަހަރެމެންގެ ދަރިން އުޅެމުން އެ ދަނީ ކޮން ފަދަ ނިކަމެތި ޙާލެއްގަ! އަހަރެން ދެން ކަލޭމެންނަށް އިތުރަށް ކިހިނެއް ކިޔައިދޭނީ؟ އަހަރެމެން ވަރުބަލިވެއްޖެ. ﷲ އާ ވަކީލުކޮށްލައިގެން ތިބެނީ. އެކަލާންގެއީ ތަކުލީފުތަކުން އަޅުތަކުން މިންޖު ކުރައްވާ، އަޅުތަކުންނަށް ސަލާމަތްތެރިކަން ދެއްވާ ރަސްކަލާންގެ... މިތާ ހަމަ އެކައްޗެއްވެސް ނެތް. ތެލެއް ނެތް. ބޭކަރީތައް ބަންދުވެއްޖެ. ކަރަންޓެއް ނެތް. ދަރު އުނދުނުގަ ކެއްކުމަކީ ބޮޑު މުޞީބާތެއް. އަހަރެމެންގެ ދިރިއުޅުން މުޞީބާތަކަށްވެއްޖެ. މީގެ ކުރިން އަހަރެމެންނަށް އިވެނީ 1948ގެ ޙާދިޘާގެ ވާހަކަތައް. މިއަދު އަހަރެމެން މިދަނީ، އެކަން ތަޖުރިބާ ކުރަމުން. ތެލާއި ހަކަތައަކީ ދިރިއުޅުމުގެ އަސާސެއް. މަގުތަކުގަ ހުސް ކުނި. ބަލިމަޑުކަން ފެތުރިއްޖެ. އިތުރަށް ކީކޭ ބުނާނީ؟ ކަލޭމެންނަށްވެސް ފެންނަން މިއޮތީ ހުރިހާ ކަމެއް. ތެލެއް، ކަރަންޓެއް، ފެނެއް ނެތް.
މަރްޔަމް ސަހްލޫލް؛ ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހެއް

މިއީ ހަމަ އެކަނި މަރްޔަމްގެ ޝަކުވާއެއް ނޫނެވެ. ޣައްޒާއިން ކޮންމެ މީހަކާ ވާހަކަދައްކާލިޔަސް އިވެނީ ހަމަ މި ޒާތުގެ ވާހަކަތަކެވެ.

ދަރު އުނދުނުގަ ކެއްކީމަ އަހަންނަށް ވަރަށް ވަރު ވޭ. މެޔަށް އުނދަގޫވޭ. ދުމާއި އެ ހުރިހާ ކަމަކުން އަހަންނަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރޭ. އުނދަގޫ ވޭ. މި ގޮތަށް ކައްކަން ވަރަށް ގިނަ ވަގުތުވެސް ދޭ. ގޭސް އުނދުނުގަ ކައްކާލެވޭނެ 25 އަކަށް މިނެޓުން. އެކަމަކު، ގޮތަށް ކައްކަން އެބަ ނަގާ ގަޑިއެއްގެ އިރު... ނޫނީ އެޔަށްވުރެވެސް ގިނަ ވަގުތު. ދެން ބަލާ މިތާ މި އޮތް ކުނިތަކަށް. މި ދުންގަނޑަށް. މި ވެލިގަނޑު ދެކިބަލަ. ދީފަ ހުރި ގެއްލުންތައް ދެކިބަލަ ނިކަން. މިސްކިތަށްވެސް ބޮން އަޅައިފިއޭ. މީ އެކަށީގެންވާ ފަދަ ތަނެއް ނޫން. އަހަރެމެންނަށް މިތާ ކައްކަން މަޖުބޫރު. ކޮންމެ ވަގުތަކުވެސް ބަލިވެދާނެ. ސްކޫލު އޮތީ ތޮއްޖެހި ބާރުވެފަ. ބަލިތައް އެހާ ގިނަ. ސުވާއެއްގެ މިންވަރު ތައްޔާރުކޮށްލެވޭތޯވެސް، މި ގޮތަށް ހުޅުގަނޑު ޖަހަން މަޖުބޫރު.
ޙަނާން އަލް-ޤަރާ؛ ޚާން ޔޫނިސްގެ އިރުމައްޗަށް ނިސްބަތްވާ ޣައްޒާގެ ރަށްވެއްސެއް

އަސާސީ މުދާ ހޯދުމަށް ދިގު ސަފުތަކުގައި އެތައް ގަޑިއިރެއް ހޭދަ ކުރަން މަޖުބޫރުވެފައި އޮތް މަގުތައް މަތީގައި އޮތީ ހުސް ކުންޏެވެ. ބައެއް ހިސާބުތަކަށް، ނަޖިސް ފެންވެސް ދަނީ ބޭރުވަމުންނެވެ. މިއީ ހަމަ ޔަޤީނުންވެސް، ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ވަރުގަދަ އިންޒާރެކެވެ.

މިގޮތަށް އަހަރެމެން ތިބެން ވެއްޖެއްޔާ، ހަމަ އެކަނި ބަލިމަޑުކަމެއް ނޫން ފެތުރޭނީ. އެ ކަމުގަ، މީހުން މަރު ވެސް ވާނެ. ކުނިބުންޏާ ހެދި ބަލިތައް އިތުރުވޭ. ކުރިން، މީ ވަރަށް ސާފު ތަނެއް. މިއަދު، ތާހިރު އެންމެ ތަންކޮޅެއްވެސް ނެތް. މިތަނަށް ޖެހިލިޔަސް ދުވާނީ ނުބައި ވަހެއް. އަވަށްޓެރިޔާގެ ގޭގަ ހުންނަ ކުނީގެ ވަސްވެސް ދުވާނެ. މީހުން ބަލިވާނެ. މީގެ 2 ދުވަސް ކުރިން އަންހެނަކު މަރުވެއްޖެ، ގޭގަ އިންދާ... އަހަރެމެން މިތާ މި ތިބެނީ ގެދޮރު ގެއްލިގެން. މިއަދު އަހަރެމެން މަރުވެ މި ދަނީ ކުނިތަކުގެ ތެރޭ. ކުނިތަކުން ބަލިތައް ޖައްސާ.
އާދަމް އަލް-ކަހްލޫތު؛ ސާފުކުރުމުގެ މަސައްކަތް ކުރާ މީހެއް

ތެލުގެ ސަޕްލައި ދަތިވުމާއި، މުވާޞަލާތީ ޚިދުމަތް މެދުކެނޑިފައި އޮތުމުގެ ސަބަބުން، ނޮވެމްބަރ 17 ވީ ހުކުރު ދުވަހަކީ، ފަލަސްޠީނުގެ ބޯޑަރު ހުރަސްކޮށް، އދގެ އެހީވެސް ޣައްޒާއަށް އެތެރެ ނުކުރެވުނު ދުވަހެކެވެ. ބުރާސްފަތި ދުވަހުވެސް، އެހީގެ އެއްވެސް ގާފިލާއެއް، ޣައްޒާއަށް އެތެރެ ވެފައެއް ނެތެވެ.

މުޅި ދިރިއުޅުން ހުއްޓިއްޖެ. ނަރުދަމާތައް މަސައްކަތެއް ނުކުރޭ. ތެލެއް ނެތް. ހުރިހާ ތަނެއް ކުނުބުނިން ފުރި ބާރުވެފަ. ބޭކަރީތަކުގެ މަސައްކަތްތައް ހުއްޓާލައިފި. ހުރިހާ ދިރުމެއް ހުއްޓިއްޖެ. އަހަރެމެންގެ ދިރިއުޅުމުގަ، ހިނގަނީ އެންމެ 15 ޕަސެންޓޭވެސް ކަލޭމެންނަށް ބުނެވިދާނެ. ކައްކަން ދަރު ހޮވާ މީހުންނާ ދިމާވާނެ، ދަރު އުނދުން ރޯކުރާ މީހުންނާ ދިމާވާނެ. ބައެއް މީހުން އެބަ ދަރު އުނދުން ހަދާ، އިހުގެ ގޭސް އުނދުނުގަވެސް. ތެލާ ނުލާ ދިރިއުޅެވޭކަށް ނެތް. މީ ބޮޑު ކާރިޘާއެއް. އިންސާނީ ކާރިޘާއެއް.
ޢިއްޒުއްދީޏް އަލްޖަލަމާގެ ރަށްވެއްސެއް

އިޒްރޭލުގެ އޮފިޝަލަކާ ޙަވާލާދީ، ރޮއިޓާޒްއިން ރިޕޯޓްކޮށްފައި ވާ ގޮތުގައި، އެމެރިކާގެ އެދުމުގެ މަތީޏް، އދގެ ބޭނުންތަކަށް 2 ޓްރަކެއް ހުކުރު ދުވަހު ޣައްޒާއަށް ވަނުމުގެ ހުއްދަ ވަނީ ދީފައެވެ. ނަމަވެސް، އެކަން ކަށަވަރު ކުރެވޭކަށް ނެތެވެ. 2 ޓްރަކްގެ އެހީ އެތެރެ ކުރި ކަމުގައި ވީ ނަމަވެސް، އެއީ ޣައްޒާއަށް ބޭނުން ޖެހިފައި އޮތް މިންވަރާ އަޅާ ބަލާ އިރު، އެއްވެސް އެއްޗެއް ނޫނެވެ. ޤަތުލުޢާންމުގެ ކުރިންވެސް، ޣައްޒާއަކީ އެހީގެ ގޮތުގައި ދުވާލެއްގެ މައްޗަށް 500 ޓްރަކްގެ މުދާ ބާލާ ސިޓީއެކެވެ.

މުޅި ޣައްޒާއިންހެން ކާބޯތަކެތި ވަނީ ހުސްވެފައެވެ. މިހާރުން މިހާރަށްވެސް ޣައްޒާގެ ރަށްވެހިން ބަނޑަށް ޖެހިދާނެ ކަމަށް ކާބޯތަކެއްޗާ ބެހޭ އދގެ މަޝްރޫޢިން ވަނީ އިންޒާރު ކޮށްފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ، ޣައްޒާގައި ބަލިމަޑުކަން ފެތުރިދާނެ ކަމުގެ ބިރު، އެ އިދާރާއަށް އޮތްކަން ހާމަކޮށްފައެވެ. އެގޮތުން ނޭވާލާ ނިޒާމުގެ ބަލިތަކުގެ އިތުރަށް، ބޭރަށް ހިންގުމުގެ ރޯގާ ފެތުރިދިއުމުގެ ފުރުޞަތު އެބައޮތް ކަމުގެ އިންޒާރު، ޑަބްލިއުއެޗްއޯއިން ވަނީ ދީފައެވެ.

މި ހުރިހާ ކަމެއް މިފަދަ ގޮތަކަށް ހުރި އިރު، އެއްވެސް ކައްޓާއަކުން ނުވަތަ މީޒާނަކުން، ނުވަތަ ޞިއްޙީ އެއްވެސް ޢާލާތަކުން ވަޒަން ނުކުރެވޭ، ނަފްސާނީ ބަލިމަޑުކަމުގެ ވާހަކަ ދެއްކުމުގެ ކޮޅެއްވެސް ނެތެވެ.

- ކޮމެންޓް