ކޮސޯވޯގެ އަލްބޭނިޔާ މާފިއާ ބޮޑުމީހާ ވަނީ މިދިޔަ ހަފުތާގައި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅަ ކުޅުންތެރިންގެ ގެއިން އޭނާ ވައްކަންކުރާ ގޮތް ކިޔައިދީފަ އެވެ. ސްޕޭނުގެ އެލް އެސްޕަނިޔޯލް ނޫހުގެ ޕޮޑްކާސްޓް ސެޝަނުގައި ސުމާރިއޯ އަބިއޭޓޯ މިކަން ހިއްސާކުރީ އެ ނޫހުގެ ލިޔުންތެރިޔާ ކާލޮސް ކުއިލެޒްއާ އެކު ވާހަކަ ދައްކަމުންނެވެ.
ސުމާރިއޯ އަކީ ފާއިތުވެދިޔަ ވިއްސަކަށް އަހަރު ދުނިޔޭގެ ކުޅިވަރުގެ ތަރިންގެ ގޭގެއަށް ވަދެ ވައްކަންކުރުމުގެ ފަހަތުގައި ހުރި އެންމެ އިސް މީހާ އެވެ. އަދި އޭނާ އަކީ 100ވުރެ ގިނަ ވަގުންގެ "ލަޝްކަރު" ކޮންޓްރޯލްކުރާ ނެޓްވޯކުގެ އެންމެ އިސް މީހާ އެވެ.
އޭނާ ކިޔައިދިން ގޮތުގައި އެމީހުން ބޭނުންވާ ކޮންމެ މީހަކު ވަގަށް ނެގުމަކީ އެއްވެސް ކަމެއްނޫނެވެ. އަދި މިކަން ކުރަނީ ވަރަށް ގިނަ ދުވަހު ކުޅުންތެރިޔާ އާއި އޭނާގެ އާއިލާގެ ފަސް ފަހަތްބަލައި، ވަރަށް ގިނަ މައުލޫމާތު އެއްކޮށްގެން ކަމަށް ވެސް ސުމާރިއޯ ބުންޏެވެ.
އޭނާގެ ގްރޫޕުން ވަނީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ކަރީމް ބެންޒެމާ އާއި ބާސެލޯނާ އާއި ނެދަލޭންޑްސްގެ ކުރީގެ ކެޕްޓަން ޔޯހަން ކްރައިފްގެ ގެއިން ވެސް ވައްކަންކޮށްފަ އެވެ.
އަހަރެންނަކީ ޕޯޗުގަލްގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ގެއަށް ވަދެ ވައްކަންކުރި މީހަކީ. އަދި ބާސެލޯނާގައި ޔޯހަން ކްރައިފްހުރިގެ އިން ވެސް ވައްކަން ކުރި މީހާ. ކްރައިފްގެ ގެއިން އަހަރެން ވަގަށް ނެގި ގަޑިއަކީ (އާސެނަލް އާއި ނެދަލޭންޑްސްގެ ކުރީގެ ފޯވަޑް) ޑެނިސް ބާކެމްޕްގެ އެއްޗެއް. އެހެން ބައެއް ކުޅުންތެރިންނާ ގުޅޭ ތަކެތި ވެސް ނެގިން. އަދި 20000 ޔޫރޯ ވެސް ނެގިން. އެއީ ދެ ވަނަ ފަންތީގެ ގެއެއް. އަހަރެންނަށް އެނގޭ ކާކުގެ ގެކަން ވެސްސުމާރިއޯ
އޭނާ ބުނީ ބެންޒެމާގެ ގެއިން ވެސް ވައްކަން ކުރި އިރުވެސް އޭނާ އަތުލައި ނުގަނުވުނު ކަމަށެވެ. އަދި ވައްކަން ކުރި ނަމަވެސް ލޫޓުވުމަކީ އެމީހުން ގަޔާވާ ކަމެއްނޫން ކަމަށެވެ. އޭނާ ބުނީ ޝޯޝަލް މީޑިއާ އަކީ މަޝްހޫރު އެތައް ބައެއްގެ ހަތުރެއް ކަމަށާއި އެމީހުންގެ ދިރިއުޅުން ފެނިގެންދާ ތަނެއް ކަމަށެވެ. އަދި އެއީ ބަދަލުހިފުމުގެ ގޮތުން މީހުންނަށް އިންޒާރުދޭ ތަން ކަމަށެވެ. ސުމާރިއޯ ބުނީ ރެއާލް މެޑްރިޑުގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ސްޕޭނުގެ ޓީވީ ޕްރެޒެންޓަރު ޕިލާ ރުބިއޯގެ ގެއިން ވައްކަންކުރީ އޭނާ ނޫން ކަމަށާއި ނަމަވެސް އެކަންކުރި މީހުން އެނގޭ ކަމަށެވެ.
މެސީގެ ގެއިން ވައްކަން ނުކުރީ ކީއްވެ؟
މާފިއާ ބޮސް ސުމާރިއޯ ބުނީ މީގެ އަހަރެއްހާ ދުވަސް ކުރިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީގެ ފްރާންސްގެ ޕެރިހުގައި ދިރިއުޅުނު އެޕާޓްމަންޓުން ވައްކަން ކުރަން އޭނާ އަށް ފުރުސަތު ލިބުނު ކަމަށެވެ. އަދި އެތައް ފަހަރަކު ތަކުރާރުކޮށް މެސީ ދިރިއުޅުނު ތަންތަނުން ވައްކަންކުރަން ފުރުސަތު ތަނަވަސްވި ކަމަށެވެ. އޭގެ ތެރޭގައި ސްޕޭނުގެ ބާސެލޯނާގައި މެސީ އުޅުނުގެ ވެސް ހިމެނޭ ކަމަށެވެ.
"އަހަރެން ވާނީ މެސީގެ ގެއިން ވައްކަން ކުރުން އެތައް ފަހަރަކު ހުއްޓުވާފައި. އަހަރެން އެކަންކުރިން. އަދި އެކަމާ ފަހުރުވެރިވަން. އަހަރެން އެކަން ކުރީ މެސީ އަށް ކުރާ އިހްތިރާމެއްގެ ސަބަބުން. ސަބަބަކީ އަހަރެން އޭނާ ދެކެ ލޯބިވާތީވެ،" ސުމާރިއޯ ބުންޏެވެ.
މަޝްހޫރު މީހުންގެ ގެއިން ވައްކަން ކުރުމަށް ސުމާރިއޯގެ ގްރޫޕަށް މައުލޫމާތު ފޯރުކޮށްދެނީ އެލް ސަންޓޯ ގްރޫޕުން ކަމަށް ވެސް އޭނާ ބުންޏެވެ.
އަހަރެންނަކަށް އެއްވެސް މީހަކު ނޭނގޭނެ މީހަކު ނުބުހާނާ ހިނދަކު. އަހަރެންނަށް މައުލޫމާތުދޭ ބަޔަކީ އެލް ސަންޓޯ ގްރޫޕް. އެ މީހުންނަކީ މިކަން ކުރަން އަހަރުމެންނާ ހަވާލުކޮށް މައުލޫމާތު ދޭ މީހުން. އެމީހުން މައުލޫމާތު ހޯދަން ވާހަކަ ދައްކާ މީހުންގެ ތެރޭގައި މަޝްހޫރު މީހެއްގެ އާއިލާގެ މެމްބަރަކު ވެސް ހިމެނިދާނެ. އެއީ ގެ ސާފުކުރާ މީހާއަށް ވެސް ވެދާނެ. ރައްޓެއްސަކަށް ވެސް ވެދާނެސުމާރިއޯ
ސުމާރިއޯ ބުނީ މައުލޫމާތު ފޯރުކޮށްދޭތީވެ ކޮންމެ ވައްކަމަކުން ލިބޭ ފައިދާގެ 30 ޕަސެންޓް އެލް ސަންޓޯ އަށް ދޭންޖެހޭ ކަމަށެވެ. އަދި އެއްވެސް މީހަކަށް އޭނާ ނުހުއްޓުވޭނެ ކަމަށާއި ނަމަވެސް އޭނާ ބޭނުން ކަމެއް މަޑުޖައްސާލާނެ ކަމަށެވެ.
އަހަރެން އެމީހަކު ހުންނަތަން ދެނެ ގަތުމަށްފަހު، އަބަދުވެސް ފޮލޯކުރަމުންގެންދާނެ. މިކަމަށް އެތައް މަސް ދުވަހެއް ވެދާނެ. އެމީހެއްގެ ގޭގައި މީހަކު ނެތި އެގެއަށް ވަންނަން ފުރުސަތު ލިބެންދެން މިކަން ކުރިއަށްދާނެސުމާރިއޯ