ހުސްވެފައި ވާ ފެންތާގިތައް ކައިރިގައި ހުއްޓިލައިގެން ހުރި މުޙައްމަދު އަލްޤޫރާ ކުރަމުން ދިޔަ ޝަކުވާއަކީ، އިންސާނަކު ދިރިހުރުމަށްޓަކައި ބޭނުންވާ އެންމެ އަސާސީ ޙައްޤުތައްވެސް މި ވަޤުތު ޣައްޒާގައި ފުދެން ނެތް ކަމުގެ ޝަކުވާއެވެ. އޮކްޓޯބަރ 12 ވަނަ ދުވަހަކީ، ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ވަރުގަދަ ޢުދުވާނީ ޙަމަލާތައް ހުއްޓާ ނުލާ ދޭތާ 6 ވަނަ ދުވަހެވެ.
ޣައްޒާއަށް މި ވަޤުތު އިންތިހާއަށް ބޭނުންޖެހިފައި ވާ އެހީގެ ސާމާނުވެސް އެ ސިޓީއަށް އެތެރެ ކުރެވޭނެ ގޮތެއް ނެތެވެ. އަލަށް އުފަންވާ އެންމެ ތުއްތު ކުއްޖާވެސް އުފަން ވަނީ، ދުނިޔޭގެ އެއްވެސް ހިސާބެއްގައި ނެތް ފަދަ އަޅުވެތިކަމެއްގެ ތެރެއަށެވެ. ޣައްޒާއަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު، އަނގަމަތި ހާމަ ޖަލުގެ ގޮތުގައި މީގެ ކުރިން ސިފަ ކުރަމުން އައި ސިޓީއަކަށް ވީ ނަމަވެސް، މިއަދު ޣައްޒާގެ ފަޒާވެސް ވަށާލާފައި ވަނީ ޔަހޫދީންގެ ރަޙުމެއް ނެތް ފައުޖުތަކުންނެވެ. ބޮން އަޅާ ބޯޓުތަކާއި އަސްކަރީ ޑްރޯންތަކުންނެވެ.
ޣައްޒާއިން މި ވަޤުތު ލިބެން ހުރި ފެން ފޮދެއް ވިއްޔާ ހޯދައި، ރައްކާ ކުރުމުގެ މަސައްކަތުގައި ކުދިބޮޑު އެންމެން އަވަދިނެތި އުޅެމުން ދެއެވެ. އަމިއްލަ އަތުން ބޮޑެތި ހަންހަމަށް ފެން ފުރައިގެން، އަސްގާޑިޔާތަކާއި އެއްގަމު އުޅަނދުތަކުގައި ފެން ހަންތައް އުފުލުމުގައި ބޮޑެތި މީހުން ހަރަކާތްތެރި ވާ އިރު، އެކުއްޖަކަށް ވީ ވަރަކުން ބާލިދީތަކަށް ފެން އަޅައިގެން ދާ ކުޑަކުދިންވެސް މަދެއް ނުނެވެ. އެއް ބައި ކުދިންނަށް ބާލިދީ އުފުލާވެސް ނުލެވެއެވެ. ދެމުނު ގޮތަކަށް ދަމާ ގެންދަނީއެވެ.
ނިކަން އާދެބަލަ މިތަނަށް. ޣައްޒާގެ ރަށްވެހިން މިހާރު އުފުލަމުން ދާ ތަކުލީފުތައް ބަލައިލަން ނިކަން އާދެބަލަ މިތަނަށް. ދިރިހުންނަން ކޮންމެހެން ބޭނުންވާ ޛަރޫރީ އަސާސްތައްވެސް މިތާކު ނެތް. ޣައްޒާގެ ދިރުން ނެތި ހިނގައްޖެ. ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުން ތިބީ އދގެ ހިޔާވަހިތަކުގަ. އެކަމަކު، އެތާކު ފެނެއް، ކަރަންޓެއް، ކާއެއްޗެއް ނެތް. އެތާ ކުޑަކުދިންވެސް އެބަ ތިބި. އެކަމަކު، ޑައިޕަރއެއް، ކިރެއް ނެތް. ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ޛަރޫރީ އެއްޗެހިވެސް ނެތް. މިއަކަށް ދިރިއުޅުމެކޭ ނުކިޔާނެ.މުޙައްމަދު އަލް-ޤޫރާ؛ ޣައްޒާގެ ރަށްވެއްސެއް
އިޒްރޭލުން ވަނީ ޣައްޒާއަށް ކުރިމަތިކުރަމުންދާ ފިއްތުންތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. ޣައްޒާއަށް ބޭނުން ވާ ކާބޯތަކެއްޗާއި ހަކަތަ އިމްޕޯޓް ކުރުން އޮތީ މުޅިން ހުއްޓުވާފައެވެ. ޣައްޒާގައި މި ވަޤުތު ކަރަންޓުގެ ޚިދުމަތެއް ނެތެވެ. އިޒްރޭލުގެ ދިފާޢީ ވަޒީރު ޔުއާފް ޖަލާންތު ވަނީ، ޣައްޒާއިން އަދާ ކުރަމުންދާނެ އަގަކީ، އަންނަން އޮތް ޖީލުތަކަށްވެސް ޙަޤީޤަތް ބަދަލު ކޮށްލާނެ ވަރުގެ އަގަކަށް ބުނެ އިންޒާރު ކޮށްފައެވެ.
ގެދޮރު ގެއްލިފައި ތިބި މީހުންނާއި ހިތާމަތަކާއި ތަކުލީފުތައް އުފުލަމުން ދާ މިހުންނަށް އަހަރެން ފެން ގެންގޮސްދެން. ގެދޮރު ގެއްލިފަ ތިބި އެއްވެސް މީހެއްގެ އަތަކު ބޯފެނެއް، ކާއެއްޗެއް ނެތް. އެކައްޗެއްވެސް ނެތް. އެމީހުން އަތުގަ އޮތްހާވެސް އެއްޗަކީ ކެކުޅުމާއި، ހިތްދަތިކަމާއި، ބިރުވެރިކަމާއި ނާމާންކަން... މި ކަންކަމުގެ ތެރެއަށް ދެން އިތުރުކޮށްލާ، ފެނާއި ކާބޯތަކެތި ނުލިބުމުގެ މައްސަލަވެސް.އަހުމަދު ޔޫސުފް މިޚްމާރު؛ ޣައްޒާގައި ފެން ވިއްކާ މީހެއް
ޕަލަސްޓީނިއަން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ އެގްޒެކެޓިވް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޙުސައިން އަލް-ޝައިޚު ވިދާޅުވީ، ޣައްޒާއަށް ބޭނުން ވާ ކާބޯތަކެއްޗާއި ޞިއްޙީ ޢާލާތްތަކުގެ ސަޕްލައިއަށް ހުއްދަ ދޫކުރުމަށް އިޒްރޭލުގެ ކިބައިން އެދުނު އެދުމަށް އިންކާރު ކޮށްފައި ވާ ކަމަށެވެ. ޣައްޒާގައި ވަރުގަދަ އިންސާނީ ކާރިޘާއެއް އުފެދިފައި ވާ ކަމަށްވެސް ޙުސައިން ވަނީ ވިދާޅުވެފައެވެ.
ޣައްޒާއަށް ބޭނުންވާ މުދާ ސަޕްލައި ކުރުމާއި، އެއް ތަނުން އަނެއް ތަނަށް މީހުން ދަތުރުކޮށް އުޅުމަކީ މި ފަހުގެ ހަނގުރާމަގަނޑު ގަދަ ވުމުގެ ކުރިންވެސް މާ ފަސޭހަ ގޮތަކަށް އޮތް ކަންކަމެއް ނޫނެވެ. އިޒްރޭލާއި މިޞްރުން ޣައްޒާ ފިއްތާލާފައި އޮންނަތާ ކިތަންމެ ދުވަހެއް ވެފައި ވާ އިރު، ފަލަސްޠީނުގެ މައި ސަރުކާރުންވެސް ޣައްޒާއަށް އެކަށީގެން ވާ ސަމާލުކަމެއް ދޭ ކަމަކަށް ނުދެންނެވޭނެއެވެ. ފަލަސްޠީނުގެ މައި ސަރުކާރާ ވަކިން، ޣައްޒާގައި ވެރިކަން ހިންގަމުން ދަނީ ހަމާސް ޖަމާޢަތުންނެވެ.