ކ. މާލެ
|
12 އޮކްޓޯބަރ 2023 | ބުރާސްފަތި 12:41
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މަޖިލީހުގައި
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މަޖިލީހުގައި
ރައްޔިތުންގެ މަޖިލިސް
ދައުލަތުގެ ބަޖެޓް
އޮކްޓޯބަރުގެ ނިޔަލަށް ބަޖެޓް ހުށަހަޅާނެ، އިންތިގާލީ އޮފީހާއެކު މަސައްކަތްތަކެއް ދަނީ ކުރެވެމުން - ފިނޭންސް
2023 ވަނަ އަހަރަށް މަޖިލީހަށް ހުށަހެޅީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް
2023 ވަނަ އަަހަރުގެ ބަޖެޓުގައި ބުނެފައިވަނީ 2024 ވަނަ އަހަރަަށް ކަނޑައަޅާނީ 46.84 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް
ބަޖެޓާއި ގުޅޭގޮތުން އިންތިގާލީ އޮފީހާއި ދަނީ މަޝްވަރާކުރަމުން

އޮކްޓޯބަރު މަހުގެ ނިޔަލަށް ބަޖެޓް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ފޮނުވާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެ އެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މުހައްމަދު ޝަނޫން ވިދާޅުވީ، ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބުނާ މުއްދަތުގައި ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ހުށަހެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ބަޖެޓް ހުށަހަޅާއިރު، އައު ސަރުކާރު ބޭނުންވާ ގޮތަށް މަޖިލީހަށް ބަޖެޓް ހުށަހެޅުމަށް އިންތިގާލީ އޮފީހާއި އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝަނޫން ވިދާޅުވީ ބަޖެޓުގެ މަސައްކަތް ޖުލައި މަހުން ފެށިގެން ކުރަމުން އަންނަ ކަމަށާއި، ދައުލަތުގެ އޮފީސްތަކުން ބަޖެޓް ހޯދާ، މުޅި ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަަށްދާ ކަމަށެވެ. އަދި އިންތިހާބުގެ ފަހުން އަލަށް އަންނަ ސަރުކާރުން ބޭނުންވާ ގޮތަށް ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތައް އޮޅުން ފިލުވާ، އެކަމަށް އެކުލަވާލާފައިވާ ކޮމިޓީއާއެކު މަސައްކަތް މިހާރު ވެސް ކުރިއަށްދާކަމަށް ޝަނޫން ވިދާޅުވިއެވެ.

ޝަނޫން ވިދާޅުވީ ބަޖެޓުގެ މަސައްކަތް ކުރިއަށްދާ އިރު، އަންނަ ހަފްތާގައި ބަޖެޓުގެ މައުލޫމާތު ހާމަކުރާނެ ކަމަށެވެ. އަދި ބަޖެޓް މަޖިލީހަށް ފޮނުވުމުގެ ކުރިން އައު ސަރުކާރުން ބޭނުންވާ ގޮތަށް ބަޖެޓް ފައިނަލް ކުރާނެ ކަމަށެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓ،ު މިނިސްޓަރު ތައްޔާރުކޮށ،ް ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 1 މަސްދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި ބަޖެޓު ހުށަހަޅާއިރ،ު އެ ބަޖެޓުގައ،ި ބަޖެޓު އެކުލަވާލެވޭ މާލީ އަހަރަކަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރި ޚަރަދާއ،ި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އެއްޗެއްގެ ހިސާބާއ،ި އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއ،ި ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބ،ު އެ ބަޖެޓުގައި ވަކި ސުރުޚީތަކެއްގެ ދަށުން ފާހަގަކޮށް ބަޔާން ކުރަންވާނެ ކަމަށެވެ.

2023 ވަނަ އަހަރަށް މަޖިލީހަށް ހުށަހެޅީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިދިޔަ އަހަރުގެ ބަޖެޓަކީ މިހާތަނަށް ހުށަހެޅުނު އެންމެ ބޮޑު ބަޖެޓެވެ. 2023 ވަނަ އަަހަރުގެ ބަޖެޓުގައި ބުނެފައިވަނީ 2024 ވަނަ އަހަރަަށް ކަނޑައަޅާނީ 46.84 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. އަދި ޓެކުހުގެ ގޮތުގައި 25 ބިލިއަން ރުފިޔާ ލިބޭނެކަމަށް 2023 ވަނަ އަހަރުގެ ބަޖެޓުގައި ބުނެފައިވެއެވެ. ޓެކްސް ނޫން ގޮތުގައި 6 ބިލިއަން ރުފިޔާ، ހަރުމުދާ ވިއްކައިގެން 18 މިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބުނެފައިވެއެވެ. ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 34 ބިލިއަން ރުފިޔާ ލިބޭނެކަމަށް 2023 ވަނަ އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް