ލާމަރުކަޒީ ގާނޫނަށް ގެނައުމަށް ނިންމާފައިވާ އިސްލާހާ ދެކޮޅަށް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ލޯކަލް ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިކުރަން ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށްހަޅާފައިވާ ބިލު ލާމަރުކަޒީ ކޮމެޓިން ފާސްކޮށްފި އެވެ.
އަންގާރަ ދުވަހުގެ ރޭ ބޭއްވި ކޮމެޓި ބައްދަލުވުމުގައި މި ބިލު ފާސްކުރަން ވޯޓު ދިނީ ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނެވެ. އެއީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން، އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ޝިފާޒް، ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުالله ޝިހާބު އަދި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ.
ސަރުކާރުން ހުށަހެޅި ބިލާ ދެކޮޅަށް ވޯޓު ދެއްވީ ކޮމިޓީގައި އިންނަވާ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު އެކަންޏެވެ.
ގިނަ އަދަދެއްގެ ކައުންސިލްތަކުގެ އިތުރުން އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް އަންނަނީ މި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލަމުންނެވެ.
ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.
އޭގެ އިތުރުން ދައުރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ކައުންސިލްތަކަށް އަމިއްލަ ބާރުގައި މުވައްޒަފުން ނެގުމާއި، ބިމާއި ފަޅުން ބައެއް ކުއްޔަށް ދިނުމާއި، ތަރައްގީގެ އައު މަޝްރޫއުތައް ހިންގުން ހުއްޓުމަކަށް އަންނާނެއެވެ.
މި އިސްލާހު ކޮމިޓީން ފާސްކޮށްފައި ވާއިރު، އިދިކޮޅު މައިޕާޓީ އެމްޑީޕީ އިން ވަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތައް ބަލައިނުގަނެ އެ ބަދަލުތަކާ ދެކޮޅަށް ތެދުވުމަށް ކައުންސިލަރުންނަށް ގޮވާލާފައެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ކައުންސިލްތަކުގެ ބާރު އެއްކޮށް ކަނޑުވާލައި، ލާމަރުކަޒީ ނިޒާމު ވުޖޫދުން ފޮހެލުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.