ނިޤާބު އަޅައިގެން ސްކޫލަށް ޙާޟިރުވާ ދަރިވަރުން ސްކޫލަށް ދިޔުން މަނާކޮށްފައިނުވާކަމަށާއި، އެއްވެސް ކުއްޖެއް ކިޔެވުމުންވެސް މަޙުރޫމުކޮށްފައި ނުވާނެކަމަށް ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފިއެވެ.
މި ޤަޟިއްޔާގައި ދައުވާ ރައްދުވާ ފަރާތްތަކަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއެވެ.
މިއީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި ފަރާތްތަކުގެ ކުދިން ހިމެނޭގޮތުން އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ބައެއް އަންހެން ދަރިވަރުން ސްކޫލުން ހުއްދަދީގެން ނިޤާބު އަޅައިގެން ސްކޫލަށް ޙާޟިރުވަނިކޮށް، އެ ކުދިން ނިޤާބު އެޅުމުގެ ސަބަބުން ސްކޫލަށް ޙާޟިރުނުވެވޭނެކަމަށް ބެލެނިވެރިންނަށް އަނގަބަހުން އެންގި މައްސަލައެކެވެ.
އަދި ނިޤާބު އަޅައިގެން ސްކޫލަށް ޙާޟިރުވުމަކީ ޔުނީފޯމް ކޯޑާއި ޚިލާފުކަމެއް ކަމުގައި ލިޔުމުން އަންގައި ސްކޫލަށް ގޮސް ތަޢުލީމް ޙާޞިލުކުރުމަށް ވަނީ ހުރަސްއަޅާފައެވެ.
ވުމާއެކު، މި މައްސަލައާ ގުޅިގެން ޖުޑީޝަލް ރިވިއުގެ މައްސަލައެއް ސިވިލް ކޯޓަށް ވަނީ ހުށައަޅާފައެވެ.
އަދި ސިވިލް ކޯޓަށް ހުށައަޅާފައިވާ ޤަޟިއްޔާ ބަލައި ޙުކުމް ކުރެވެންދެން ޢަރަބިއްޔާ ސްކޫލްގައި ތަޢުލީމް ޙާޞިލުކުރަމުންގެންދާ ކުދިންނަށް ނިޤާބް އަޅައިގެން ސްކޫލަށް ދިޔުމުގެ ފުރުސަތު ލިބިދިނުމަށާއި އަދި އެއްވެސް ގޮތަކުން ސްކޫލަށްގޮސް ތަޢުލީމް ޙާޞިލު ކުރުމަށް ހުރަސްއެޅޭނެ އެއްވެސް ކަހަލަ ޢަމަލެއް ނުހިންގުމަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ސިވިލް ކޯޓުގައި މައްސަލަ ހުށައެޅި ފަރާތުން އެދުނެވެ. ނަމަވެސް ވަގުތީ އަމުރަށް އެދުމުގެ ޙައިޞިއްޔަތު ނެތްކަމަށް ބަޔާންކޮށް އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމީއެވެ.
ވުމާއެކު، ސިވިލް ކޯޓުގެ އެ ނިންމުން ހައިކޯޓަށް ހުށައެޅީއެވެ.
ހައިކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު ޙަސަން ޝަފީއު، ފަނޑިޔާރު ހުޒައިފާ މުޙައްމަދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމެވެ.
ފަނޑިޔާރުން ވިދާޅުވީ، ވަގުތީ އަމުރަށް އެދުނު ފަރާތްތަކަކީ ޙަޤީޤަތުގައިވެސް ޢަރަބިއްޔާ ސްކޫލްގައި ނިޤާބު އަޅައިގެން ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިންކަން އަންގައިދޭފަދަ ލިޔުމެއް ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމާއެކު އަދި ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާކަން އެނގެން ނެތްކަމަށެވެ.
ވުމާއެކު، ވަގުތީ އަމުރާމެދު ގޮތް ނިންމިއިރު ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލައި ވަގުތީ އަމުރަށް އެދުމުގެ ޙައިޞިއްޔަތު ނެތްކަމަށް ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް އޮތްކަމަކަށް ދެކިނުލައްވާކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.
އޭގެ އިތުރުން، އަމުރު ނެރެނުދިނުމުގެ ސަބަބުން ވަގުތީ އަމުރަށް އެދުނު ފަރާތަށް ލިބޭނެ ގެއްލުމެއް އޮތްކަމަކަށް ނުބެލެވޭކަމަށްވެސް ހައިކޯޓުން ނިންމިއެވެ.
ސަބަބަކީ ވަގުތީ އަމުރެއް ނެރެގެން ޙިމާޔަތްކުރަން އެދިފައިވާ ކަންކަމަކީ މިހާރުވެސް ޙިމާޔަތްކުރެވިފައިވާ ކަންކަމަށްވާތީއެވެ.
އަދި ވަގުތީ އަމުރަކުން ހުއްޓުވުމަށް އެދުނުކަންކަން ހިނގަމުން ނުދާނެކަމުގެ އިތުބާރު ދައުލަތުންދީފައިވާއިރު، ޔުނީފޯމް ކޯޑާ ޚިލާފުވުމުގެ ނަތީޖާއެއްގެ ގޮތުން ކުދިންގެ ތަޢުލީމަށް ހުރަސްއެޅޭފަދަ ފިޔަވަޅެއްވެސް ނޭޅޭނެކަމަށް ދަށު ކޯޓުގައްޔާއި ހައިކޯޓުގައިވެސް ދައުލަތުން ފާހަގަކޮށްފައިވާތީއެވެ.
ދައުލަތުންވެސް ފާހަގަކޮށްފައިވަނީ ނިޤާބު އަޅައިގެން ސްކޫލަށް ޙާޟިރުވާ ދަރިވަރުން ސްކޫލަށް ދިޔުން މަނާކޮށްފައިނުވާކަމަށާއި، އެއްވެސް ކުއްޖެއް ކިޔެވުމުންވެސް މަޙުރޫމުކޮށްފައި ނުވާނެކަމަށެވެ.
އަދި ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނާއި ޤަވާޢިދުތަކަށް ބަލާއިރުވެސް، އެފަދަ ފިޔަވަޅެއް ސްކޫލުން ނުވަތަ އެޑިއުކޭޝަން މިނިސްޓްރީންވެސް އެޅުމަށް ތަންނުދޭކަމަށް ދައުލަތުންވެސް ބުނެއެވެ.