Advertisement
ކ. މާލެ
|
4 އޯގަސްޓް 2025 | ހޯމަ 11:15
ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވި ޖަމީލް، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި
ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވި ޖަމީލް، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި
ހައި ކޯޓް
ހައި ކޯޓު
ޖަމީލް، ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފި
ޖަމީލް ވަނީ ސިވިލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައި
ފަނޑިޔާރު ކަމުގައި 15 އަހަރު ދުވަހުގެ ތަޖުރިބާ އޮތް ޖަމީލް ވަނީ، ޤާނޫނީ ވަކީލެއްގެ ގޮތުގައި ވެސް އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައި

ދިވެހި ރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ، ޢަބްދުﷲ ޖަމީލް ކުރައްވައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ޖަމީލް ކުރެއްވީ، އެކަމަށްޓަކައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގައި އާދީއްތަ ދުވަހުގެ ރޭ އޮތް ޚާއްސަ ރަސްމިއްޔާތުގަ އެވެ.

މީގެ ކުރިން ޖަމީލް ވަނީ ސިވިލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވައިފަ އެވެ. ފަނޑިޔާރު ކަމުގައި 15 އަހަރު ދުވަހުގެ ތަޖުރިބާ އޮތް ޖަމީލް ވަނީ، ޤާނޫނީ ވަކީލެއްގެ ގޮތުގައި ވެސް އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛް ޙުސެއިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް އައްޔަން ކުރެއްވުމުންނެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖަމީލްގެ އިތުރުން، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ދެން ފާސް ކުރީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި ހުުރި މުޙައްމަދު ޝަހީދު އެވެ.

އެ މަގާމަށް އޭނާ އައްޔަން ކުރުމަށް ޖޭއެސްސީ އިން ފާސް ކުރިއިރު، އޭނާ ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އަރިހުގައި މަސައްކަތް ކޮށްފަ އެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރައީސް މުޢިއްޒު ވަނީ ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އޭނާ އައްޔަން ކޮށްފަ އެވެ.

އޭގެ ފަހުން 2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ޝަހީދު ވަނީ ޕީއެންސީގެ ކެމްޕެއިން ތަކުގައި އިސްކޮށް މަސައްކަތްކޮށް، ޕީއެންސީގެ ޕޯޑިއަމްތަކުގައި ވާހަކަ ވެސް ދައްކައިފަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަން ކުރުމަށް ޖޭއެސްސީ އިން ނިންމުމާ އެކު، އެތައް ބައެއްގެ ފާޑު ކިޔުން ސަރުކާރާއި، ޖޭއެސްސީ އަށް އަމާޒުވި އެވެ. އެންމެ ފަހުން އާދީއްތަ ދުވަހު ޝަހީދު ވަނީ ފަނޑިޔާރު ކަމުން އޭނާގެ ނަން ނެގުމަށް ހުށަހަޅައިފަ އެވެ.

ޝަހީދު އޭނާގެ ނަން ނެގުމަށް ޖޭއެސްސީ އަށް ސިޓީ ފޮނުވުމުން، އާދީއްތަ ދުވަހުގެ ރޭ ހުވާ ކުރެއްވީ ޖަމީލް އެކަންޏެވެ.

- ކޮމެންޓް