ޔޫޓާން ސަރުކާރު ނުވަތަ އުނބު ސަރުކާރޭ މީހުން ކިޔަނީ ހަމަ ކިޔާން ވެގެންނެވެ. ކުރެވޭ ގިނަ ކަންކަމުގައި އުނބަސް ޖެހުން ނޫން ކަމެއް ނެތުމުން އެކަމަށް ކިޔާނެ ރީތި އެހެން ނަމެއް ނެތުމުންނެވެ. އެބީދައިން ބަލާއިރު ރައީސް މުއިއްޒު ނުވަތަ އެމަނިކުފާނުގެ ސަރުކާރާ ގުޅުންހުރި އުނބަށް ޖެހުމެއް އެދިޔައީ އިތުރުވެގެންނެވެ. އަނެއްކާވެސް ހަމަ ރީތިކޮށް ނަލަކޮށް އެހާމެ ހާމަކޮށް ޖެހި އުނބެއްގެ ގޮތުގައެވެ. ސަރުކާރުގެ އުނބު ލިސްޓަށް އިތުރުވި ނަމްބަރެއްގެ ގޮތުގައެވެ.
ހައިކޯޓުގެ ފަނޑިޔާރަކަށް މުިއްޒުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ގެންނާން އުޅުނީ މުިއްޒު ޕާޓީގެ އެކްޓިވިސްޓެކެވެ. ސިޔާސީ މީހެކެވެ. އަދިވެސް އެޕާޓީގެ ދަފްތަރުގައި ނަން އޮތް ހަރަކާތްތެރިއެކެވެ. ޤާނޫނީ ވަކީލު ކަމުގައި 5 އަހަރު ދުވަހު އުޅުނު ނަމަވެސް މުހައްމަދު ޝަހީދުއަކީ މުިއްޒުގެ ޕީއެންސީގެ ހަރަކާތްތަކުގައި ނަގާކިޔާއުޅުނު ސިޔާސީ މީހެކެވެ. މިދިޔަ މަހާ ހަމައަށްވެސް އޭނާއަކީ ސަރުކާރު ނަގަހައްޓައި ސަރުކާރު ކުރިއަރުވާ އުޅުނު މިސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރެކެވެ.
ހައިކޯޓަށް ޝަހީދު ކުރިމަތިލާއިރުވެސް އޭނާއަކީ ސިޔާސީ މީހެއްކަމާ އޭނާއަށް ފާޑުކިޔުން އަމާޒުވާނޭކަން ނޭނގޭ ވަރުގެ އޭނާއަކީ ސިޔާސީ ގޮތުން ބޮލުގައި ތެތްކަމެއް ނެތް މީހެއް ނޫނެވެ. އަދި އޭނާ އެމަގާމަށްލާން އުޅުނު މުއިއްޒަށްވެސް ރޭ ދުވާ އެނގޭހެން އެކަން ސާފުވާނެއެވެ. އެކަމަކުވެސް ވަރިހަމައެވެ. ގަދަފައި ވިއްދާފައި އެމަގާމަށް އައްޔަން ކުރަން އުޅުނީ އޭނާއެވެ. އެކަން ރަސްމީ ކޮށްލާން މުއިއްޒު ވިދާޅުވީމާ ވިދާޅުވިހާ ގޮތަކަށް ކަންކުރާން އޮތް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީވެސް އޭނާއަށް އެމަގާމަށް އައްޔަން ކުރުމަށެވެ. ރާއްޖޭގެ ދެވަނައަށް އެންމެ މަތީކޯޓުގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އޭނާ ހަމަޖައްސާށެވެ.
ރައްޔިތުން ކެކިއަރައިގަތީ އެހާ ހިސާބުންނެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތަސް ރައްޔިތުން ދުލެއް ނުދިނެވެ. މަޑެއްކޮށެއް ނުތިއްބެވެ. ފާޅުގައި އެަކަމަށް ފާޑުކިޔަން ފެށީކީ ތިޔަހެނެއް ނޫނެވެ. ސޯޝަލް މިޑީޔާގެ މަންސަތަކުގައެވެ. ބަސްބުނެވޭފަދަ މިނިވަންކަމެއްގައި ހުރި ރަސްމީ މީޑިޔާތަކުގައެވެ. ގާނޫނީ ވަކީލުންނާއި ބައެއް ސިޔާސީ ޕާޓީތަކުންވެސް އެވާހަކަތައް ކަންބޮޑުވުންކަމާއެކު ކެނޑިނޭޅި ދައްކަމުންދިޔައެވެ. އޭނާ ހައި ކޯޓަށް އައްޔަން ކުރުން ހުއްޓުވުމަށް ސިވިލް ކޯޓުގައި އޮތީ ވަގުތީ އަމުރަކަށް ވެސް މީހަކު އެދުނެވެ. އެއީ، ޝަހީދަކީ ފަނޑިޔާރެއްގެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގައެވެ. އިސާހިތަކު މި ދެތިން ދުވަހު އެނޫން ވާހަކައެއް ނުދެކެވެއެވެ. އެކަމަކުވެސް މުއިއްޒުއާއި ޝަހީދު އަދި އޭނާގެ ކޮންޓްރޯލް އޮތް ޖޭއެސްސީންވެސް ކަހާތަން ހިރުވާލި ކަމަކަށްވެސް ނުހެދިއެވެ. ތައްޔާރުވަމުން ދިޔައީ ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާށެވެ.
އިސާހިތަކު ކަންވީ ގިނަ ކަންކަމުގައި ކަންވާ ގޮތަށެވެ. ފަސްމުގޫ ދޫވީމާ އެނޫން ގޮތެއް ނެތިގެން ނަނުބައި އެއްކޮށް ހޫރާލާ ގޮތަށެވެ. ރީތި ނަމެއް ކިޔާފައި މުއިއްޒު ގޮތްދޫކުރަނީ އެހާހިސާބުންނެވެ. މިފަހަރުވެސް އެވީ ހަމަ އެހެންނެވެ. ދެންވާ އެނޫން ގޮތެއް ނެތުނީމާ ޝަހީދު ލައްވައި އެފޮނުވާލީ ސިޓީއެކެވެ. އެމަގާމް ބޭނުން ނޫންކަމަށް ބުނެއެވެ. ވަރަށް ފަށުވި އެހާމެ ރީތި ހާސަރެއް ދަމާފައެވެ.
އޭނާގެ ނަން ނެގުމަށް އެދި ޝަހީދު ފޮނުވާފައިވާ ސިޓީގައި ޝަހީދު ވަނީ އޭނާގެ އެޕްލިކޭޝަން ބާތިލް ކޮށްދިނުމަށް އެދިފައެވެ. އެ ސިޓީގައި ޝަހީދު ވަނީ އޭނާ ނަން ނަގާ ސަބަބު ބަޔާންކޮށްފައެވެ. އެގޮތުން އެނާގެ ނަން ނަގަން ނިންމާފައި ވަނީ، އޭނާ އަކީ ސިޔާސީ މީހެއް ކަމަށް ސިފަކުރާތީ އޭނާގެ ނަޒާހަތްތެރިކަމާއި މެދު އާއްމުންގެ ހިތުގައި ޖާގަ ދޭން ބޭނުން ނުވާ ކަމަށް ބުނެއެވެ. އޭނާގެ ނަން އަނބުރާ ގެންދަނީ ދިވެހި ގައުމާއި ޖުޑީޝަރީގެ މުސްތަގިއްލުކަން ދަމަހައްޓަން ކަމަށް ޝަހީދު ބުނެފައިވެއެވެ. އަދި އޭނާ ފަނޑިޔާރަކަށް ކުރިމަތިލާން ނިންމީ އަމިއްލަ އަށް ކަމަށާއި އެކަމުގައި އިތުރު ނިޔަތެއް ނެތް ކަމަށް ޝަހީދު ގެ ސިޓީ ގައި ވެއެވެ.
ކިހާ ރީތި ހެއްޔެވެ. ކިހާ ފަސާހާތްތެރިކަމާއި ބަލާޣާތްތެރި ހެއްޔެވެ. ކިހާ އިޚްލާސްތެރި ހެއްޔެވެ. އެނެގީ ނަންވިޔާއެވެ. ގައުމާއި ޖުޑިޝަރީގެ ހައްގުގައެވެ. ކިލަނބު ކަމެއްނެތް ސާފު ތޯހިރު ތަނެއްގެ ގޮތުގައި ބާއްވާށެވެ.
ހައިރާނެއްފަހެ މީހަކު ނުވާނެ ހެއްޔެވެ. ތިޔަ ހިސާބަށް ނުދަނީސް ތިޔަކަން ނޭނގުނީ ހެއްޔެވެ. އެތައް ބަޔަކު އަޑުން އަޑު ނަގައި އެވާހަކަ ދައްކާ، ކާޅު ގޮވާހެން ގޮވިއިރުވެސް އެކަން ނޭނގުނީ ހެއްޔެވެ.
ކޮންމެއަކަސް ތިޔަ އަޅުވަން އުޅުނު ގަލަ އަނދުނުގެ ކުލައެއް ނެތެވެ. ގޮތްހުސްވެ ކަރުތާ ފެނަށް އެޅުނީމާ ދެންތިޔަކަން ކުރިއަސް ތިޔަކަމުގެ ރާހަތެއް މިހާރަކު ނެތެވެ. އަނެއްކާވެސް ތިޔަ ޖެހީ ރީތި ގޮތުގައި އުނބަށެވެ. ޝަހީދު ލައްވާ ނަންނެގުވިއަސް ތިޔައީ ހަމަ މުތުލަގަށް މުއިއްޒު ޖެއްސެވި އަނެއް އުނބެވެ. އެކަމަކު ތިޔައުނބުގެ ފަހަތުގައި މިފަހަރުވެސް އޮތީ ރައްޔިތުންގެ ބާރެވެ.