ކ. މާލެ
|
10 އޮކްޓޯބަރ 2023 | އަންގާރަ 11:50
ސޮވެރިން ފަންޑަކީ ސަރުކާރުން ނަގާ ލޯނުތަކަށް ފައިސާ ދައްކަން ހަދާފައިވާ ފަންޑެއް
ސޮވެރިން ފަންޑަކީ ސަރުކާރުން ނަގާ ލޯނުތަކަށް ފައިސާ ދައްކަން ހަދާފައިވާ ފަންޑެއް
އިދުހާމް ނަޢީމް
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 724 މިލިއަން ރުފިޔާ
ކައުންސިލް ބްލޮކްގްރާންޓުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ވަނީ 1.4 ބިލިއަން ރުފިޔާ ދޫކޮށްފައިވޭ
ޕީއެސްއައިޕީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 8،325.5 ނުވަތަ 8.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ

ސަރުކާރުން ނަގާ ލޯނުތަކަށް ފައިސާ ދެއްކުމަށްޓަކައި ފައިސާ ރައްކާ ކުރުމަށް އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މިއަހަރުގެ މިހާތަނަށް 724.8 މިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު އާންމުކުރާ މާލީ ރިޕޯޓުގައި ބުނެފައިވަނީ މިއަހަރުގެ މިހާތަނަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 724.8 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 99.2 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޖަމާކޮށްފައިވަނީ 625.6 މިލިއަން ރުފިޔާއެވެ.

ހަފްތާއަކު އެއްފަހަރު އާންމުކުރާ މާލީ ރިޕޯޓުގައި ބުނެފައިވަނީ ޕީއެސްއައިޕީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 8،325.5 ނުވަތަ 8.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރު މި މުއްދަތާ އަޅާ ބަލާއިރު 2.8 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.

މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ލޯނުގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. އަދި ކައުންސިލް ބްލޮކްގްރާންޓުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ވަނީ 1.4 ބިލިއަން ރުފިޔާ ދޫކޮށްފައެވެ.

ދައުލަތަށް ލިބިފައިވާ އާމްދަނީއަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި 18 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ތަރައްގީގެ މަޝްރޫއުތަކަށް އިންވެސްޓްކުރަން ސަރުކާރުން ނަގާ ލޯނުތަކުގެ ބުރަ ފަހުގެ ޖީލުތަކަށް އުފުލަން ނުޖެހޭނެހެން، ފަހަށް ފައިސާ ރައްކާކުރުމަށް އެކުލަވާލާފައިވާ ފަންޑެކެވެ.

- ކޮމެންޓް