މި ފަހުން ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އުފެއްދި ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައި، ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމް ޓްރަސްޓް ފަންޑެއް އެކުލަވައިލުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފެންވަރު ދަމަހައްޓައި، އެ ސިނާއަތުގެ ފައިދާ ދެމެހެއްޓެނިވި ގޮތުގައި ލިބޭނޭ ގޮތް މަގުފަހިކުރުމަށް ސަރުކާރުން އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ހޯމަ ދުވަހު އާންމުކުރި ގަވައިދުގައި ފަންޑަށް ލިބޭ ފައިސާ ހަރަދު ކުރާނެ ގޮތްތައް ހިމަނާފައި ވެ އެވެ.
އެގޮތުން ފަންޑުގެ މައިގަނޑު މަސްއޫލިއްޔަތަކީ ފަތުރުވެރިކަމުގެ ދާއިރާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އެފަދަ އެހީތައް ޒިންމާދާރުގޮތެއްގައި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކުރުމެވެ. އަދި ފަންޑުގެ ގޮތުގައި ސަރުކާރަށް ލިބޭ ފައިސާ ޚަރަދުކުރާނެ ގޮތާއި، އެހެނިހެން ކަންކަމުގައި ފައިސާއާމެދު އަމަލުކުރާނެ ގޮތް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ނިންމުމެވެ.
ޓޫރިޒަމް ޓްރަސްޓު ފަންޑު ބަލަހައްޓަނީ ޓްރަސްޓު ފަންޑު ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ޓޫރިޒަމް މިނިސްޓްރީންނެވެ. މި ކޮމިޓީން ފަންޑު ހިންގަން ޖެހެނީ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށެވެ. ޓޫރިޒަމް ޓްރަސްޓު ފަންޑު ކޮމިޓީގައި ހަތް މެންބަރުން ތިބެން ޖެހެ އެވެ.
އެ ހަތް މެންބަރުން ނަގަނީ ރައީސް އޮފީހުންނާއި ޓޫރިޒަމް މިނިސްޓްރީންނާއި ފިނޭންސް މިނިސްޓްރީންނާއި އިކޮނޮމިކް މިނިސްޓްރީންނާއި ބަންޑާރަނައިބުގެ އޮފީހުގެ އިތުރުން ހައުސިން މިނިސްޓްރީންނާއި އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.
މި ކޮމިޓީއަށް ހަތް މެންބަރުން ނަގަނީ ޓޫރިޒަމް މިނިސްޓްރީންނެވެ. އަދި ކޮމިޓީގެ ޗެއާއަކަށް ހުންނަވަނީ ޓޫރިޒަމް މިނިސްޓަރެވެ. މި ކޮމިޓީއަށް މެންބަރުން އައްޔަނުކުރަނީ ފަސް އަހަރަށެވެ.
މި ފަންޑަށް ޖަމާކުރާ ފައިސާ ބޭނުންކުރެވެނީ ޓޫރިޒަމް ސިނާއަތް ތަރައްގީކުރުމަށް ހިންގާ ހަރަކާތްތަކަށާއި ޓޫރިޒަމްގެ ވަސީލަތްތައް ކުރިއެރުވުމަށްޓަކައި އިންވެސްޓުކުރުމަށާއި ޓޫރިޒަމް ދާއިރާގެ މީހުންނަށް ތައުލީމާއި ތަމްރީނު ދިނުމުގެ ޕްރޮގްރާމުތައް ހިންގުމުގެ އިތުރުން އާންމު އިޖުތިމާއި ފައިސާ ލިބެނިވި ހަރަކާތްތަކަށެވެ.
މި ފަންޑުގެ މާލީ ހިސާބުތައް ހިމެނޭ ރިޕޯޓެއް، ކޮންމެ މާލީ އަހަރެއް ނިމޭއިރު ތައްޔާރުކޮށް ތިން މަސް ތެރޭގައި ރައީސް އޮފީހަށާއި، ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލަށާއި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ.