Advertisement
ކ. މާލެ
|
6 އޮކްޓޯބަރ 2023 | ހުކުރު 18:46
ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރުދަނީ ވިއްސާރަކުރަމުން
ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރުދަނީ ވިއްސާރަކުރަމުން
ރާއްޖެއެމްވީ
ބޯކޮށް ވާރޭ ވެހި މޫސުން ގޯސްވުން
އިއްޔެ އާއި މިއަދު އެކަނިވެސް 4 ރަށުގައި ފެންބޮޑުވި - ބައެއް ރަށްރަށުގައި އާންމު ފަރުދުންގެ ދިރިއުޅުމަށް އަސަރުކޮށްފައިވޭ
ފަރުނީޗަރާއި ކަރަންޓު ސާމާނަށް ލިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށް އެންޑީއެމްއޭ އިން ވަނީ އެދިފަ
އެންޑީއެމްއޭއިން ބުނީ އެ ހަތަރު ރަށުންވެސް ރިޕޯޓުކޮށްފައިވަނީ ބޯކޮށް ވާރޭ ވެހެމުގެ ސަބަބުން ލިބުނު ގެއްލުންތައް ކަމަށް
ރަށްރަށުގައި ކައުންސިލާއި އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބުރާސްފަތި ދުވަހާއި ހުކުރު ދުވަހާއި ދެ ދުވަހު އެކަނި ވެސް 4 ރަށެއްގައި ފެންބޮޑުވެގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭއިން ބުނީ އެ ހަތަރު ރަށުންވެސް ރިޕޯޓުކޮށްފައިވަނީ ބޯކޮށް ވާރޭ ވެހެމުގެ ސަބަބުން ލިބުނު ގެއްލުންތައް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބައެއް ރަށްރަށުގައި އާންމު ފަރުދުންގެ ދިރިއުޅުމަށް އަސަރުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން އާއްމު ދިރިއުޅުމަށް އަސަރު ކުރި ރަށްތަކުގެ ތެރޭގައި ޅ.ނައިފަރު ހިމެނެއެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ރަށުގައި އެއްކޮށްކަހަލަ ގޮތަކަށް ވަނީ ފެންބޮޑުވެފައެވެ.

ށ.ގޮއިދޫގައި ވެސް ވަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެގެން އެންޑީއެމްއޭ އަށް ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް އެ ދެ ރަށުގައި ވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ހާލަތަކަށް ގޮސްފައި ނުވާކަމަށް އެންޑީއެމްްއޭ އިން ވަނީ ބުނެފައެވެ.

Advertisement

ހުކުރު ދުވަހު އއ.ފެރިދޫ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އެ ރަށުގެ 2 ގެއަކަށް ފެނުގެ އަސަރުކޮށްފައި ވަނީ ދިރިއުޅެން ދަތިވާ ވަރަށް ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ބ.މާޅޮހަށް ވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެކަން ވަނީ ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް އެ ދެ ރަށުގައި ވެސް މީހުން ނެރެން ޖެހޭ ފަދަ ހާލަތަކަށް ގޮސްފައެއްނުވެއެވެ.

ފެންބޮޑުވުމުގެ މައްސަލަތައް ދިމާވާ ރަށްރަށުގައި ކައުންސިލާއި އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ. އެ މަސައްކަތަށް އެހީވުމަށް އެންޑީއެމްއޭ އިން ވަނީ ވެލި ބަސްތާޖެހުމަށް އެމްއެންޑީއެފަށް 1000 ގޯނި ވެސް ހަވާލުކޮށްފައެވެ.

އަދި، ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށްވެސް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ. ހާއްސަކޮށް މެންދަމު ވާރޭވެހި ގެއަށް ފެންވަނުމުގެ ސަބަބުން ފަރުނީޗަރާއި ކަރަންޓު ސާމާނަށް ލިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށް އެންޑީއެމްއޭ އިން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް