މަސްތުގެ ހާލުގައި މަތިންދާބޯޓެއް ދުއްވުމަކީ އަދަބު ކަނޑައެޅިފައިވާ ކުށެއްކަމަށް ނުބުނާނެ އެއާލައިނެއް ހޯދަން އުނދަގޫ ވާނެއެވެ. މިހާރު އަޑުއިވޭ ގޮތުން ޕައިލެޓުންނާއި ފްލައިޓް އެޓެންޑަންޓުން ވަކިބާވަތެއްގެ ސެންޓް ޖެހުމުންވެސް ފިޔަވަޅު އެޅޭނެ ކަމަށް ބުނާ އައު ގަވާއިދެއް، ނުވަތަ އިސްލާހެއް އިންޑިޔާއިން ހުށަހަޅައިފި އެވެ.
އިންޑިޔާގެ ޑައިރެކްޓަރ-ޖެނެރަލް އޮފް ސިވިލް އެވިއޭޝަނުން ދާދި ފަހުން ވަނީ ޕައިލެޓުންނާއި ފްލައިޓް އެޓެންޑަންޓުން އެލްކޮހޯލް ނުވަތަ ބަނގުރާ ބޭނުން ކުރުމުގެ ކަންތަކާބެހޭ ގަވާއިދަށް އިސްލާހެއް ހުށަހަޅާފައެވެ. މިހާރުވެސް އެފަރާތް ތަކަށް ބޭނުން ނުކުރެވޭ، ނުވަތަ ވަކި އުސޫލަކުން ބޭނުން ކުރަންޖެހޭ ބާވަތްތަކެއްގެ ލިސްޓެއް ވަނީ އެގަވާއިދުގައި ހިމަނާފައެވެ. އެއީ ނޭވާގެ ޓެސްޓެއް ހަދާއިރު ޕޮޒިޓިވް ނަތީޖާއެއް ގެނުވަފާނެ ތަކެއްޗެވެ. މިފަދަ ތަކެތީގެ ތެރޭގައި މައުތުވޮޝް އާއި ތޫތު-ޖެލް ފަދަ ބާވަތްތައް ހިމެނެއެވެ. މިހާރު ގަވާއިދަށް އިސްލާހު ގެނެސް، ބޭނުން ނުކުރެވޭނެ ތަކެތީގެ ތެރޭގައިއެލްކޮހޯލް އާއި ޑްރަގްސްގެ އިތުރުން އެލްކަހޯލް ހިމެނޭ ސެންޓްވެސް ހިމެނެއެވެ. އެހެނީ އެފަދަ ބާވަތަކުންވެސް ނޭވާގެ ޓެސްޓެއް ޕޮޒިޓިވް ވެދާނެތީ ކަމަށްވެއެވެ. އެފަދަ ބޭހެއް ބޭނުންކުރާ ފަރާތަކުންވެސް ދަތުރަކަށް އެރުމުގެ ކުރިން ކުންފުނީގެ ޑޮކްޓަރާ މަޝްވަރާކުރުމަށްވެސް އަންގާފައިވެއެވެ. މިކަން މަނާކުރެވެނީ ނޭވާ އެނަލައިޒް ކޮށްގެން ހަދާ ޓެސްޓް ޕޮޒިޓިވް ވެދާނެތީ ކަމަށް ވެއެވެ.
ސެންޓުގަ ވަކި މިންވަރަކަށް އެލްކޮހޯލް ހިމެނުނު ނަމަވެސް ޖަހައިގެން ހުންނަ ސެންޓަކުން ނޭވާ އެނަލައިޒް ކޮށްގެން ހަދާ ޓެސްޓަކަށް އަސަރު ކުރާނެ ކަން ނުވަތަ ނޫންކަން ޔަގީން ނުވާކަމަށް ވެއެވެ.
މިކަމާބެހޭ ގޮތުން ޑައިރެކްޓަރ-ޖެނެރަލް އޮފް ސިވިލް އެވިއޭޝަނުން އެންމެ ފަހުން އެކުލަވާލި ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. މިހާރު ހުށަހަޅާފައިވާ އިސްލާހަށް އޮކްޓޯބަރ 5 ގެ ނިޔަލަށް އާންމުން ޚިޔާލު ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
މަސްތުވެގެން ހުރިހާލުގައި ބޯޓުދުއްވަން އަރާ ޕައިލެޓުންގެ މައްސަލަ ދޭތެރެދޭތެރެއިން ފެންމަތި ވެއެވެ. އެކަމަށް ޝައްކުވާނަމަ ފުރަތަމަ ހަދަނީ ނޭވާގެ ޓެސްޓެކެވެ. އެއަށްފަހު ލޭގެ ޓެސްޓްވެސް ހަދައެވެ.
މިގޮތުން ޖަޕާންއެއާލައިންސް ގެ ޕައިލެޓެއްގެ ހަށިގަނޑުގައި ހުއްދަކުރާ މިންގަނޑަށްވުރެ އެލްކޮހޯލް ލެވެލް ނުވަ ގުނަ މަތިކަން ހާމަވެގެން 10 މަހުގެ ޖަލުހުކުމެއް އިއްވާފައިވެއެވެ. އަދި ޕައިލެޓް މަސްތުގެ ހާލުގައި ހުރިކަން ހާމަވުމުން ފަސިންޖަރުން އަރާ ބޯޓު ފުރިފައިވަނިކޮން ވެސް ޕައިލެޓް ބޯޓުން ބާލުވާފަވެސް އެބަހުއްޓެވެ.