އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ހުކުރު ދުވަހު ހެނދުނު ރާއްޖެ ވަޑައިގަތުމުން، މުޅިތަން ގުގުމާލީ، "ވަންދޭ މާތަރަމް" އާއި "ބާރަތު މާތާ ކީ ޖައި" ގެ އަޑުންނެވެ.
މޯދީ ރާއްޖެ ވަޑައިގަތީ، ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ އިހްތިފާލު ތަކުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުންނެވެ. ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށެވެ.
ބޮޑު ވަޒީރު ރަތްދޫލައިގެ މަތިން މުއިއްޒު އާ އަތާ އަތް ޖޯޑުކުރައްވާ ކޮނޑުފުޅާއި ކޮނޑުފުޅު ޖައްސަވާ ސަލާމް ކުރެއްވުމަށް ފަހު ހިންގަވާފައި ވަޑައިގަތުމާ އެކު ދިވެހި ފަސްގަނޑުން ގުގުމަން ފެށީ، ރާއްޖޭގެ މިނިވަން ކަމުގެ ޝިއާރެއް ނޫނެވެ.
"އިންޑިއާ އައުޓް" ގެ ނަމުގައި، ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ކެބިނެޓް ވަޒީރުން ހިމެނޭ ގޮތައް ހިންގި އިންޑިއާ އާ ދެކޮޅު ކެމްޕޭނުގައި ރާއްޖޭގެ މިނިވަންކަމަށް އިންޑިއާ އަރައިގަނެފައިވާ ކަމަށް ބުނެ އެތައް ވާހަކަ އެއް ދެއްކި އެވެ. އިންޑިއާ އަށް ބަރޯސާ ވާން ނުޖެހޭނެ ކަމަށާއި، އިންޑިއާ ނޫން ގޮތެއް ހޯދަން ޖެހޭނެ ކަމަށް ބުނަމުން ދިޔައެވެ. ބޮޑު ވަޒީރު މޯދީ އަށް ހަޖޫ ޖަހައި، އިންޑިއާ އަށް ބަދުބަސް ބުނުމުގައި ކުރީ ސަފުގައި ތިއްބެވި ބޭފުޅުން މިއަދު ފެނުނީ މޯދީ އަށް ސަނާ ކިޔާ މަރުހަބާ ދަންނަވަން ސަފު ހައްދަވާފައި އުފަލާ އެކު ހިނިތުންވެފައި ތިއްބައެވެ. އެބޭފުޅުން އަތް ޖައްސަވަން ތިއްބެވިތަން ފެނުނީ، "ވަންދޭ މާތަރަމް" އާއި "ބާރަތު މާތާ ކީ ޖައި" އަށެވެ.
މި ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟
ވަންދޭ މާތަރަމް ޢިބާރާތަކީ ބަންކިމް ޗަންދްރާ ޗަޓަރްޖީގެ ޅެމަކުން ނަގާފައިވާ ޢިބާރާތެކެވެ. އަދި މިއީ އިންޑިޔާގެ މިނިވަންކަން ހޯދުމަށް ހިންގުނު ހަރަކާތުގެ މައިގަނޑު ބައެކެވެ. މި ޅެމުގައި އިންޑިޔާ ސިފަ ކޮށްދީފައި ވަނީ އަންހެން ކަލާނގެ އެއްގެ ގޮތުގައެވެ. މި ޝިއާރަކީ އިންޑިއާގެ ރައްޔިތުން އެމީހުންގެ ޤައުމަށް ޓަކައި ކުރާ އިޙްތިރާމް ފާޅުކޮށްދޭ ޝިއާރެކެވެ.
ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރައްވަން މޯދީ ވަޑައިގަތުމުން ދެން ގުގުމާލި އަނެއް ޝިއާރަކީ "ބާރަތް މާތާ ކީ ޖައި" އެވެ. މި ޝިޢާރަކީ އިންޑިޔާ އަށް އޮތް ވަފާތެރިކަން ހާމަ ކޮށްދޭ ވަރުގަދަ ޝިއާރެކެވެ. މި ޝިއާރުގައި ސީދާ އެ ބުނަނީ އިންޑިއާ އަކީ މަދަރލޭންޑް ކަމުގައެވެ. އެއީ އެ ބިމަށް ކާމިޔާބާއި ވަފާތެރިވާ ކަން ހާމަ ކޮށްދޭ ބަޔާނެކެވެ. މިއީ އިންޑިއާގެ ގައުމީ ވަންތަކަން ފާޅު ކުރުމަށް ސިޔާސީ އެއްވުންތަކާއި އިންޑިޔާގެ ސިފައިންގެ ހަރަކާތްތަކުގައި ގައުމީ ލޯބި ހާމަ ކުރަން ބޭނުންކުރާ މަޤްބޫލު ޝިއާރެކެވެ. ބާރަތް މާތާ އަކީ އިންޑިއާގެ މިނިވަންކަމުގެ ހަރަކާތްތަކުގެ ތެރެއިން އަންހެން ކަލާނގެ އެއް ފަދަ ގޮތަކަށް އިންޑިއާ ސޫރަ ކުރަން އުފެދުނު ޚިޔާލެކެވެ.
އިންޑިއާގެ ގައުމީވަންތަކަން ކިތަންމެ ބޮޑަށް މި ޝިއާރުން ހާމަވާ ކަމަށް ބުނި ކަމުގައި ވިޔަސް އިންޑިއާގެ ބައެއް މުސްލިމް ސިޔާސީ ފަރާތްތަކުން މި ޝިއާރު ބޭނުން ކުރަން ދެކޮޅު ހަދާފައިވާކަން ވެސް ފާހަގަ ކުރެވެއެވެ. އެ ފަރާތްތަކުން ބުނެފައިވަނީ ކަރަށް ވަޅި ދިއްކުރިޔަސް މި ޝިއާރު ނުކިޔާނެ ކަމަށެވެ.
#WATCH | Chants of 'Vande Mataram' and 'Bharat Mata ki Jai' resonate as PM Narendra Modi arrives in Maldives on a two-day official visit pic.twitter.com/vRadq9Wjs5
— ANI (@ANI) July 25, 2025
ރާއްޖޭގެ މިނިވަން ދުވަހު އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަށް އިވި ވަޑައިގަތީ، އިންޑިއާ އަކީ ކަލެއް ކަމަށް ދިވެހި ފަސްގަނޑުން ގޮވާ އަޑެވެ. އިންޑިއާ އަށް ނަސްރާ ނަސީބުގެ އަޑެވެ. އިންޑިއާ ގެ ފަޚްރާއި ޝަރަފް ގެ އަޑެވެ. އިންޑިއާގެ އަަގީދާ އާއި ގަބޫލު ކުރުންތަކުގެ އަޑެވެ. އިންޑިއާ އަށް ވަފާތެރިވުމުގެ އަޑެވެ.
އެކަމަކު މިއީ އިންޑިއާ އެއް ނޫނެވެ. އަދި އިންޑިއާ ގެ މިނިވަން ދުވަހެއް ވެސް ނޫނެވެ.