ކ. މާލެ
|
29 ސެޕްޓެންބަރ 2023 | ހުކުރު 17:20
ދުނިޔޭގެ ހިތުގެ ދުވަސް 2023
ދުނިޔޭގެ ހިތުގެ ދުވަސް 2023
ގޫގުލް
ދުނިޔޭގެ ހިތުގެ ދުވަސް
ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ދުޅަހެޔޮ ހިތެއްގެ ވެރިބަޔަކަށް ވުމަށް ގަދައަޅާ މަސައްކަތްކުރުންޖެހޭ: އެޗް.ޕީ.އޭ
ހިތުގެ ތަފާތު ބަލިތަކުގެ ސަބަބުން ކޮންމެ އަހަރަކު ދުނިޔޭގައި ގާތްގަނދަކަށް 20.5 މިލިއަން މީހުން މަރުވޭ
ހިތުގެ ދުވަހުގެ ޝިއާރަކީ، "USE HEART KNOW HEART"
ހިތުގެ ބަލިން ރައްކާތެރިވުމަށް ބަލިޖެހުމަށް މެދުވެރިވާ ހިރާސްތަކުން ދުރުހެލިވުމާއިމެދު ސަމާލުވުން މުހިއްމު

ހިތުގެ ބަލިން ރައްކާތެރިވުމަށް ބަލިޖެހުމަށް މެދުވެރިވާ ހިރާސްތަކުން ދުރުހެލިވުމާއިމެދު ސަމާލުވުން މުހިއްމުކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ބުނެފިއެވެ.

ހުކުރު ދުވަހު އެޗް.ޕީ.އޭ އިން ވަނީ ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅިގެން ރިޕޯޓެއް ނެރެފައެވެ.

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހަކީ ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސްކަމާއި ހިތުގެ ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު މަގްސަދަކީ، ހިތުގެ ބަލިތަކާއި ހިތުގެ ދުޅަހެޔޮކަމަށް ކުރެވިދާނެ ކަންކަމާއިމެދު ވީހާވެސް ގިނަ ބަޔަކު ހޭލުންތެރިކުރުންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ބުނެއެވެ.

މިއަހަރުގެ ދުނިޔޭގެ ހިތުގެ ދުވަހުގެ ޝިއާރަކީ، "USE HEART KNOW HEART" އެވެ. މި ޝިއާރުގެ މަގުސަދަކީ، ހިތުގެ ދުވަހާއި ގުޅިގެން ކޮންމެ މީހަކުވެސް، ތިމާގެ ހިތުގެ ދުޅަހެޔޮކަމާއި، ތިމާ ދިރިއުޅޭ މާހައުލާ ހުރި ގުޅުމާއި، ތިމާގެ މުޖުތަމައުގައި ދިރިއުޅޭ އަޚުންނާއި އުޚުުތުންގެ ސިއްހީ ދުޅަހެޔޮކަމާއިމެދު ފުންކޮށް ވިސްނާލުމަށް ހިތް ބޭނުން ކުރުމެވެ. އަދި ހިތުގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ފަރުދީ ގޮތުން ތިމާއަށް ގެެނެވިދާނެ ބަދަލުތަކާއިމެދު ވިސްނާ އެގޮތަށް އަމަލުކުރުމެވެ.

ހިތުގެ ސިއްހަތާއި ގުޅިފައިވާ ހިތުގެ ތަފާތު ބަލިތަކުގެ ސަބަބުން ކޮންމެ އަހަރަކު ދުނިޔޭގައި ގާތްގަނދަކަށް 20.5 މިލިއަން މީހުން މަރުވާކަމަށް ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅިގެން އެޗް.ޕީ.އޭ އިން ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެއިތުރުން ރާއްޖޭގެ ހިތުގެ ބަލީގެ ހާލަތާއި ގުޅޭގޮތުން އެޗް.ޕީ.އޭ އިން ބުނީ، ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ދެނެގަތުމަށް 2020 އިން 2022 އަށް ރާއްޖޭގައި ހެދި ސްޓެޕް ސާވޭއިން ދައްކާގޮތުގައި ރާއްޖޭގެ 15 އަހަރާއި 65 އަހަރާއި ދެމެދުގެ އާބާދީގެ 4.7% މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުންކަމަށެވެ. އަދި 27.7% މީހުންނަކީ މި ބަލިތަކަށް ދިގުމުއްދަތަށް ބޭސް ބޭނުން ކުރަމުންދާ މީހުންކަމަށްވެސް އެ ދިރާސާއިން ދައްކައެވެ.

މީގެއިތުރުން، މި ދިރާސާއިން ދައްކާގޮތުގައި، ރާއްޖޭގައި 18 އަހަރާއި 44 އަހަރާއި ދެމެދު ކޮންމެ ތިން މީހަކުން އެކަކަކީ އަދި 45 އަހަރާއި 69 އަހަރާއި ދެމެދުގެ ކޮންމެ ދެ މީހަކުން އެކަކަކީ ތިނެއް ނުވަތަ އެއަށްވުރެން ގިނަ ލޭނާރާއި ހިތުގެ ބަލިތަކަށް މަގުފަހިވާ ހިރާސްތަކަށް ހުށަހެޅިފައިވާ މީހުންކަމަށެވެ.

ހިތުގެ ބަލިން ރައްކާތެރިވުމަށް ބަލިޖެހުމަށް މެދުވެރިވާ ހިރާސްތަކުން ދުރުހެލިވުމާއިމެދު ސަމާލުވުން މުހިއްމުކަމަށް އެޗް.ޕީ.އޭ އިން ވަނީ ބުނެފައެވެ.

އެގޮތުން، ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ދުންފަތުގެ ދުމުން ރައްކާތެރިވުމާއި، ދުޅަހެޔޮ ކާނާ ކެއުމާއި ކަސްރަތުކުރުމަށް އާދަކުރުމާއި، މަސްތުވާތަކެތި ބޭނުން ނުކުރުމާއި، ނަފުސާނީ ސިއްހަތާއިމެދު ސަމާލުވުން މުހިއްމުކަމަށް އެޗް.ޕީ.އޭ އިން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތިރުން، ދުރާލާ ބަލި ދެނެގަތުމަށް ޓެސްޓުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، ބަލި ޖެހުމުން ގަވާއިދުން ކާންޖެހޭ ބޭސްތައް ކެއުމަށް ސަމާލުވުމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މިއަހަރުގެ ދުނިޔޭގެ ހިތުގެ ދުވަހު އަޒުމް ކަނޑައަޅަންވީ، ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ދުޅަހެޔޮ ހިތެއްގެ ވެރިބަޔަކަށް ވުމަށް ގަދައަޅާ މަސައްކަތްކުރުމަށްކަމަށް އެޗް.ޕީ.އޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް