ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ބޭނުންކުރާ އެންމެ ބޮޑު ޓޫލްއަކީ އިންޑިޔާ ސިފައިންނެވެ. މި ގައުމުގައި އިންޑިޔާ ސިފައިން ތިބިކަމަށާއި ގައުމުގެ މިނިވަންކަން އެކަމުގެ ސަބަބުން ގެއްލިގެން ދާކަމަށެވެ.
މާ ރީތި ލަވަޔަކަށް ހަދައިގެން ވިއަސް އަދި ކެމްޕޭން ސްލޯގަންގެގޮތުގައި ކިތަންމެ ރީތިކޮށް ފަރުމާކޮށްގެން ދެއްކި ކަމުގައި ވީނަމަވެސް، ހަގީގަތް އޮޅުވާނުލެވޭހާ ސާފެވެ. އެކަމުގެ ފުރަތަމަ ހެތްކަކީ އެބުނާ ސިފައިންގެ ކަންކަމުގައި ރާއްޖެއިން ފުރަތަމަ އެއްބަސްވި އެއްބަސްވުންތަކުގައި ސޮއިކުރީ އެ ބޭފުޅުންގެ ސަރުކާރުގައި ކަމަށް ވުމެވެ. އަދި ސީދާ އެއްބަސްވުންތަކުގައި ސޮއިކުރެއްވި އޭރުގެ ޑިފެންސް މިނިސްޓަރުން ދިރިތިބި ހެކިންގެ ގޮތުގައި އެބޭފުޅުންގެ ތެރޭގައި އެ ތިއްބެވީއެވެ. އާދަމް ޝަރީފާއި ކާނަލް ނާޒިމަށް ކެރިވަޑައިގަންނަވާނަމަ އެއްބަސްވުންތަކާއި އެމްއޯޔޫތަކުގައި ސޮއިކުރެއްވިކަން ނިކަން ދޮގުކޮށްލަބައްލަވާށެވެ.
ޕީޕީއެމް ސަރުކާރުގައި ވެފައިވާ އެއްވަސްވުންތަކެއް މިއަދާ ހަމައަށް ދެމިއޮތީތީ އެބުނާ ބަޔަކު ތިބިނަމަވެސް ސިޔާސީ ބޭނުމަކަށްޓަކައި އެ ތިބެނީ އެކަން ރައްޔިތުންނަށް ސާފުކޮށް ނުދީ ކަމުގެ ހަގީގަތް އޮޅުވާލައިގެންނެވެ. ނިކަން ރަނގަޅަށް އެވާހަކަ ދައްކަމާ ބަހީއެވެ.
އިންޑިޔާގެ ހެލިކޮޕްޓަރެއް ފުރަތަމަ ރާއްޖެ ގެނައީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ. ދައުރުގެ މެދުތެރެއިން އެ ވެރިކަން ބަދަލުވުމުން ޕީޕީއެމްގެ ކުރީގެ މެމްބަރު ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އެއެއްބަސްވުން އާކުރެއްވިއެވެ. އދ.ގެ އެތައް މަތީ މަގާމެއްގައި އުޅުއްވާ، ރާއްޖޭގެ ސިޔާސީ މަސްރަހުގައިވެސް އުޅުއްވި ޑރ. ވަހީދު އެމަނިކުފާނުގެ ވެރިކަމުގައި އެ އެއްބަސްވުން އާކުރެއްވީ ގޯހެއްކަން އެނގިވަޑައިނުގެން ހެއްޔެވެ. ނޫންނަމަ އެ އެއްބަސްވުމުން ގޯހެއް ފެންނާން ނެތުމުންނާއި އެކަމުން ރާއްޖެއަށް ލިބެން އޮތް ފައިދާތައް ބޮޑުކަމުން ނޫންހެއްޔެވެ.
އެ ސަރުކާރު ނިމި ދެން އައި ޕީޕީއެމްގެ ރައީސް ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރު "ޑޯނިއަރ" މަތިންދާ ބޯޓެއް ފޮނުވައިދޭން އިންޑިޔާ ސަރުކާރުގައި އެދުނެވެ. މިއަދު އެއީ ގޯސްކަމަކަށް ވެގެން ވާހަކަދައްކާ ޕީޕީއެމް ސަރުކާރުން ރައީސް ޔާމީން އިންޑިޔާ ސަރުކާރުގައި އެ އަހަރު އެކަނިވެސް ތިންފަހަރަށް އެދުނެވެ.
ރައީސް ނަޝީދު ސަރުކާރުންނާއި ޑރ. ވަހީދުގެ ސަރުކާރުން އިންޑިޔާއާއެކު ހަދާފައިވާ އެއްބަސްވުން ތިންވަނަ ފަހަރަށް އާކުރީ، ޕީޕީއެމްގެ ރައީސް ޔާމީން ސަރުކާރުން 2015 ވަނަ އަހަރުއެވެ. މިއަދު އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ތިބި އެބުނާ އިންޑިޔާ ސިފައިންގެ މައްސަލަ ރައީސް ޔާމީނަކަށް ގައުމީ ސަލާމަތަކަށް ހުރި ނުރައްކަލަކަށް ނުވިއެވެ.
އޭގެ ފަހުން 2016 ވަނަ އަހަރު އަނެއްކާވެސް ރައީސް ޔާމީން އިންޑިޔާއާއެކު އިތުރު އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ. "ޑިފެންސް އެކްޝަން ޕްލޭން"ގެ ނަމުގައި ރައީސް ޔާމީންގެ ސަރުކާރުން ސޮއިކުރެއްވި މި އެއްބަސްވުމަކީ މިހާރު ޕީޕީއެމުން ކެމްޕެއިނަށް އެބޭނުންކުރާ މައި ހަތިޔާރު ކަމުގައިވާ "އުތުރު ތިލަފަޅު"ގެ ފެށުމެވެ.
ހަމައެއަހަރު ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިޔާއާއެކު "ޑޯނިއަރ މަތިންދާބޯޓު" އެއްބަސްވުމުގައި ސޮއިކުރިއެވެ. އަދި ހަމަ އެއަހަރުގެ ތެރޭގައި މެއި މަހުގެ އެއްވަނަ ދުވަހު އިތުރު ހެލިކޮޕްޓަރެއް ގެނައެވެ.
ރައީސް ޔާމީންގެ ސަރުކާރު ނިމުމުގެ ކުރިން 2018 ވަނަ އަހަރު އިންޑިޔާ ސިފައިންގެ ވިސާ އާކޮށްދިނެވެ. ނަމަވެސް ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބާލަންޖެހޭ ކަމަށްބުނެ ރައީސް ޔާމީންގެ ސަރުކާރުން އދ.އަށް ސިޓީއެއް ފޮނުއްވާފައެއް ނުވެއެވެ. އެކަން އދ.ގެ ރެކޯޑްތަކުންނާއި ދިވެހިރާއްޖޭގެ ޚާރިޖިއްޔާއިންވެސް ޔަގީން ކުރެވެއެވެ. ނަމަވެސް އަސްލެއްކަމަށްބުނެ މިހާރު ސޮއިނުކުރާ ފޭކު ސިޓީތައް ސިޔާސީ ބޭނުމަށް ތައްޔާރުކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ.
ކަން މިހެން ހުރިއިރު، ހަގީގަތަކީ އޭރުވެސް އަދި މިހާރުވެސް އަސްކަރީގޮތުން ހަރަކާތްތެރިވާ އިންޑިޔާ ސިފައިން ރާއްޖޭގައި ނުތިބޭކަމެވެ. ހެދިފައިވާ އެއްބަސްވުންތަކުން ތިބީ، އެމްއެންޑީއެފަށް ދޫކޮށްފައި އޮންނަ ދެ ހެލިކޮޕްޓަރާއި "ޑޯނިއަރ" މަތިންދާބޯޓުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޕައިލެޓުންނާއި ޓެކްނީޝަނުންނާއި ގްރައުންޑް ކުރޫއިންނެވެ. އެމީހުން މަސައްކަތްކުރަނީ ދިވެހި ސިފައިންގެ ބެލުމާއި އިރުޝާދުގެ ދަށުންނެވެ. މީގެ އިތުރުން ރާއްޖޭގައި ތިބެނީ ސެނަހިޔާ ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި މެޑިކަލް ޓެކްނީޝަނުންނެވެ.
އިންޑިޔާއިން ދޫކޮށްފައިވާ އުޅަނދުތައް ބޭނުންކުރަނީ އިމަރޖެންސީ ހާލަތްތަކުގައާއި ދިވެހިރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
ވޭތުވެ ދިޔަ ފަސްއަހަރުގެ ތެރޭގައި އެކަނިވެސް 1000ށްވުރެ ގިނަ އިންސާނީ އެހީގެ ދަތުރު އެ އުޅަނދުތަކުން ވަނީ ކޮށްފައެވެ. އޭގެ ތެރެއިން 600 ދަތުރަކީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން އެދިގެން ކޮށްފައިވާ ދަތުރުތަކެކެވެ.
ކޮންމެއަކަސް ސިޔާސީ ބޭނުމެއްގައި ކޮންމެ ވާހަކައެއްވެސް ދެއްކިދާނެއެވެ. ހަގީގަތަކީ ހެލިކޮޕްޓަރ ދުއްވަން ނަމަވެސް އަދި ޑޯނިއަރ ފްލައިޓް ދުއްވަންވިއަސް ހެދިފައިވާ އެއްބަސްވުންތައް ހަދާފައިވަނީ މިސަރުކާރަކުން ނޫންކަމެވެ. އެއާ ޚިލާފަށް މިސަރުކާރުން އެއްބަސްވުންތަކަށް ގެނައި ހަމައެކަނި ބަދަލަކީ އިތުރަށް ބައެއް ކަންކަން ރާއްޖެއަށް ފައިދާވާނޭ ގޮތައް ގެނައި ބަދަލުތަކެވެ.
ކަންމިހެން އޮތްއިރު ފެންނަ ހަގީގަތަކީ ރާއްޖޭގައި ތިބިއްޔާ ތިބި ބޭރުބަޔަކު، އަދި އެއީ އަސްކަރީ ބޭނުމަށް އައި ސިފައިން ނޫންކަމުގައި ވިޔަސް ނުވަތަ ކޮންމެ ނަމެއްގައި ތިއްބަސް އެތިބީ ސީދާ ޕީޕީއެމްގެ ޑރ. މުއިއްޒުގެ ނުފޫޒުގަދަ، ކުރީގެ އަނިޔާވެރި ސަރުކާރުން ގެނެސް ބޭތިއްބީމައެވެ. ދެން އަމުދުން އެމީހުން ނިކުނެ އިންޑިއާ އައުޓޭގޭ ގޮވީމާ އެކަން ހަމަޖެހޭ ހެއްޔެވެ. އަދި ޕީޕީއެމް ސަރުކާރުގައި މާ ވަރެއް އަރުވާލާފައި ގެނައި ބަޔަކު އެމީހުން އައުޓުކުރާނީ އަދި އަމުދުން ކިހިނެއްތޯއެވެ؟