ޕީއެންސީ އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އަށް ތާއީދުކުރައްވާ ބޭފުޅުން އެންމެ ބާރަށް ދައްކަވާ ވާހަކަ އަކީ އަދި އެންމެ ފަޚުރުވެރިވާ ވާހަކަ އަކީ "ބާރަށު ދާއިރާގެ މައިކު"ގެ ވާހަކައެވެ. އެ މައިކުގެ އަޑު ހަރު ވާހަކަ އާއި ބާރު ގަދަ ވާހަކައެވެ.
ތެދެކެވެ. އެ މައިކުން ލައްކަ އަޑު ހަރުކޮށް ލައްކަ ބައިވަރު ވާހަކަ ގޮވާ އަޑު އަޅުގަނޑުމެން އަހަމުއެވެ. އެންމެ ފަހުން އިވުނު އަޑަކީ ޕާޓީ ވެރިކަމެއް ކުރައްވަން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައެވެ. މީހަކު ސަހަނރޯ ހީނުވާ ވަރު ހެއްޔެވެ؟ ސަމާލުކަން ހޯދަން ވެސް އަޑު ގަދަ ވާހަކަ އެއް ދައްކަވަން ވިޔަސް ތިޔަ ދެއްކެވުނީ ވަރަށް ދެރަވަރު ވާހަކައެކެވެ.
ތިމާމެންގެ ހުރި ތަފާތު ކުރުމާއި އަމިއްލަ ޖާހާއި، ޖާހަތު އިސް ކުރުމުގެ ވާހަކަ އަމިއްލަ އަށް ވިދާޅުވެވުނީތާއެވެ. ފާޅުކަން ބޮޑުކޮށް ޕާޓީ މީހުންނަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވާން ކުޑަ ވެސް ޖެހިލުމެއް ނުވިއެވެ. "އެއްޕާޓީ (ޕީޕީއެމް) އުވާލާ ކުރިން ރާވާފައި އޮތްގޮތަށް އެއް ޕާޓީއަކަށް ޕާޓީ ބަދަލުކޮށް ޕާޓީގެ އެތެރޭގެ ހުރިހާ ގުނަންތަކެއް ރަނގަޅަށް ގިރިސްޖަހާ އިސްކުރުތައް ބާރުކޮށް މި ފަށަނީ ޕާޓީގެ ވެރިކަމެއް" ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އަތޮޅު ތެރެއަށް ކުރާ ދަތުރުގެ އެއް ބޭނުމަކީ ވެސް ޕާޓީގެ މެންބަރުން ހިތްހަމަޖައްސައިދިނުން ކަމަށް ވިދާޅުވީ ހަމަ މި މަނިކުފާނެވެ. ނުވިތާކަށް ޕާޓީގެ މެންބަރަކަށް ވަޒީފާއެއް ނުލިބިއްޖެނަމަ އޮންނަ އުސޫލުގެ ތެރެއިން އެމީހަކަށް ވަޒީފާ ލިބޭނެ ކަމަށް ވެސް ވިދާޅުވީ ލައިވް ޓީވީގައެވެ.
އަޖައިބު އަންތަރީސް ނުވޭތޯއެވެ؟ ވަޒީފާ ދެނީ މަމެން ޕާޓީ ވީމަ މަމެން ރުހޭ މީހާއަށްތޯއެވެ. ވެރިކަމަށް ހޮވިވަޑައިގެން ރައީސް މުއިއްޒު އެ ހުންނެވީ ހަމައެކަނި ތިޔަ ވިލު ނޫކުލައިގެ ތޮފި އަޅައިގެން ތިބި ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި އެކަނި ކަމަށް މަނިކުފާނަށް ހީފުޅުވަނީތޯއެވެ.
ޕާޓީ ވެރިކަމެއް ކުރައްވަން ރައީސް މުއިއްޒުއަށް ކެރިވަޑައިގަންނަވާނެ ކަމަށް ތިހެން ވިދާޅުވަން ތިޔަ ކެރިވަޑައިގަތީ އާއްމުންނާއި މެދު ހުރި ވިސްނުން ކުޑަ ކަމުން ނޫން ދެން ކޮންކަމަކާއި ހުރެތޯއެވެ؟ ތިމާމެން ބޭނުމީ އާއްމުންގެ މަސްލަހަތުގެ މައްޗަށް ޕާޓީގެ މަސްލަހަތާއި ތިމާމެންގެ ކުރިއެރުން ކަމަށް އަމިއްލަ ދޫފުޅުން ވިދާޅުވެފައި ދެން އާއްމު ރައްޔިތުންނޭ ކިޔަން ހެޔޮ ވާނެތޯއެވެ؟
ބޭނުންވަނީ ވަޒީފާ ހޯދަން ޕާޓީގެ ފެންޑާއަށް ސަލާން ޖަހަން ދާނެ މަގެއް ކޮށަން ނަމަ އެކަން ވަރަށް ރަނގަޅަށް އެބަ ކުރައްވަމުއެވެ. އެކަމަކު ރައްޔިތުންނަށްޓަކާ ވެރިކަމެއް ކުރުމުގެ ބަދަލުގައި ތަފާތު ކުރުންތައް ނައްތާލުމުގެ ބަދަލުގައި ފާޅުގައި ތިޔަ ވިދާޅުވަނީ ތިމަންނާމެންގެ ޕާޓީ އިސްކުރާނެ ވާހަކައެވެ. ޕާޓީ މީހުންނަށް ރަނގަޅު ގޮތް ހޯދާދޭނެ ވާހަކައެވެ. މާދަމާ ވޯޓު ހޯދަންވީމަ ވެސް ޓަކި ޖަހާނީ ހަމަ އެކަނި ޕާޓީ މީހާގެ ދޮރުގައިތޯއެވެ؟ އޭރުން ޕާޓީގެ ވެރިކަމެއް ކުރާނެ ކަމަށް ބުނެ ފަރުޖައްސާލަން ކެރިވަޑައިގަންނަވާނެތޯއެވެ؟