ކ. މާލެ
|
21 ސެޕްޓެންބަރ 2023 | ބުރާސްފަތި 15:29
ރާއްޖޭގެ ސިޔާސީ މަސްރަހު މިވަނީ ވަރަށް ބަދަލުވެފައި
ރާއްޖޭގެ ސިޔާސީ މަސްރަހު މިވަނީ ވަރަށް ބަދަލުވެފައި
ރާއްޖެއެމްވީ
ރާއްޖޭގެ ސިޔާސީ މަސްރަހު
އަންހެނުން ކުރި ސުވާލުގެ ސީދާ ޖަވާބު!
ސުވާލަކީ ކުރިއަށް އޮތް ފަސް އަހަރުވެސް އުޅެން ބޭނުންވަނީ މަގުމަތީގައިތޯ؟
ހާސްކަމާއި ހަމަނުޖެހުމުގެ ތެރޭގައި ހަތް އަހަރު މަގުމަތީގައި އުޅުނީ، އަނިޔާވެރިކަމެއް ނެތް ވެރިކަމެއް ގެނައުމަށް
އަނިޔާވެރިކަން ނިންމަން އަނެއް ފަސް އަހަރު މަގުމަތީގައި އުޅޭކަށް ބޭނުމެއްނުވޭ

ދޭނެ ޖަވާބެއް ނޭނގިގެން އަނެއްކާ އިށީނދެ ވިސްނަން ފަށައިފީމެވެ. ސުވާލަކީ ރަނގަޅު ސުވާލެކެވެ. ދަތިވެގެން މިއުޅެނީ ދޭނެ ރަނގަޅު ޖަވާބެކެވެ.

އެއްކޮޅުން އަނބިދަރީންނާއި އާއިލާއެވެ. އަނެއްކޮޅުން ޕާޓީއެވެ. ސިޔާސީ ފިކުރެވެ. ގާތް އެކުވެރިންނެވެ.

ހާލަތު މިހާ ހިސާބަށް ގެނުވީ ކޮން ކަމެއްކަން ބުނެދޭކަށް ނޭނގެއެވެ. އެނގޭ އެއްޗަކީ ހަތަރު އަނގޮޅިއެއްގެ މެދަށް އައިސް ހުއްޓިއްޖެކަމެވެ. އެކަން އިނގުނީ ވިސްނާލެވުނީމައެވެ. ވިސްނާލެވުނީ އަންހެނުން އެސުވާލު ކުރީމައެވެ. ސުވާލަކީ ތޯއެވެ.

ސުވާލަކީ ކުރިއަށް އޮތް ފަސް އަހަރުވެސް އުޅެން ބޭނުންވަނީ މަގުމަތީގައި ހެއްޔެވެ؟ މުޒާހަރައިގާ ހެއްޔެ؟ ސީދާ ހަރަކާތުގައި ހެއްޔެވެ؟ މަދަނީ ބަސް ނޭހުމުގައި ހެއްޔެވެ؟ އަނިޔާވެރިކަން ނިންމަން ހެއްޔެވެ؟ ރެއާއި ދުވާލު އެކަމުގައި ހެއްޔެވެ؟

ގަދަ އަވީގައި ދާހިއްލާ ފޯވެގެން ހެއްޔެވެ؟ ވެހޭ ވާރޭގައި ތެމި ފޯވެގެން ހެއްޔެވެ؟ އުޅެން ބޭނުމީ ކަރުނަ ގޭހާ އަސޭމިރުސް ދުމުގެ ތެރޭގައި ހެއްޔެވެ؟ ބޭނުންވަނީ ދެ ދުވަހުން އެއް ދުވަހު މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކޮށްގެން ގެންގޮސް ގޮޅީގައި ބާއްވަން ހެއްޔެވެ؟

ގޮޅީގައި ނޯންނަ ދުވަހު، ފުލުހުންގެ މުގުރަކުން ޖެހިގެން ބޭސް އަޅައިގެން ހޮސްޕިޓަލުގައި އޮންނަން ހެއްޔެވެ؟ އަނބިދަރިންނާ ބައްދަލުވާން ބޭނުންވަނީ ދޫނިދޫއިން ނުވަތަ ކޮންމެވެސް ހޮސްޕިޓަލަކުން ހެއްޔެވެ؟

މިއީ ހައްތަހާވެސް ސުވާލެވެ. އަންހެނުން ކުރިމަތިކުރުވިހާ ސުވާލެވެ. ސުވާލުތައް ކިތަންމެހާވެސް ރަނގަޅެވެ. ވިސްނާލަންޖެހުނީ މިހާ ހިސާބުންނެވެ.

އެއީ އެދުވަހު އުޅެން ޖެހުނު ގޮތެވެ. ކަން ހިނގައިދިޔަ ގޮތެވެ. ހަތް އަހަރު ވަންދެން އުޅެވުނީ ހަމަ އެހެންނެވެ. ބައެއް ފަހަރު ޕާޓީގެ ވެރިންނާއި ގާތް އެކުވެރިންގެ ހައްގުގައި އަޑު އުފުލުމުގައެވެ. އަނެއްބައި ފަހަރު ގައުމުގެ ހައްގުގައި މުޒާހަރާ ކުރުމުގައެވެ.

ހެނދުނު ނުކުންނަ މީހާއަށް ގެއަށް ވަދެވެނީ ދަންވަރުއެވެ. ކައިއުޅެނީ ބޭރުންނެވެ. ދަރިން ފެންނަނީ ނިދާފައި ތިއްބައެވެ. އެއްވެސް ކަމަކާ ވިސްނާނެ ވަގުތެއް ނުވެއެވެ.

ހާސްކަމާއި ހަމަނުޖެހުމުގެ ތެރޭގައި ހަތް އަހަރު މަގުމަތީގައި އުޅުނީ، އަނިޔާވެރިކަމެއް ނެތް ވެރިކަމެއް ގެނައުމަށެވެ. ހަމަޖެހިގެން އާއިލާއާއެކު އުޅެވޭނެ ދުވަހެއް ދުށުމަށެވެ. ކަރުނަ ގޭހާއި އަސޭމިރުސް ދުން ނޫން ކޮންމެވެސް މީރުވަސް ދުވާ އެއްޗެއް ގަޔަށް ޖަހާލައިގެން ހަމަޖެހިލައިގެން އުޅެވޭނެ ދުވަހެއް ހޯދުމަށެވެ.

އެކަން ކުރެވުނެވެ. އެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނެވުނެވެ. ބޭނުންވި، ހަމަޖެހޭ ދުވަސްވެސް ގެނެވުނެވެ. ހާސްކަމެއް ބިރެއް ނެތި އުޅެލެވޭނެ ވެރިކަމެއްވެސް ހޯދުނެވެ. އެކަމަކު ކަން ވެގެންދިޔައީ ދުނިޔެ ހިނގާ ބީދައިންނެވެ. ނިއުމަތެއް ލިބިފައި ހުންނައިރު އެއަށް ޝުކުރުވެރި ނުވުމަކީ އަބަދުވެސް ދިމާވާ ގޮތެކެވެ.

ކަންކަން ރަނގަޅުވުމުން ގޯހުން ހިނގި ކަންތައް މަތިން ހަނދާން ނެތުމަކީވެސް އިންސާނުންނަށް ދިމާވާ ކަމެކެވެ. ޝުކުރުވެރިވުމަށްވުރެ ޝަކުވާ ގިނަ ކުރުމާއި ފާޑު ކިޔުމަކީވެސް އާއްމު ކަމެކެވެ. ވެގެން މިއުޅެނީ އެހެން ކަންނޭނގެއެވެ. ގައުމުގައި އޮތީ ސުލްހަވެރިކަމާއި އަމާންކަމެވެ.

މުޒާހަރާތަކެއް ނެތެވެ. ސިޔާސީ ބޮޑެތި ހަމަނުޖެހުން ތަކެއްވެސް ނެތެވެ. މީހުން މެރުމާއި މީހުން ހައްޔަރު ކުރުމާއި އަނިޔާވެރިވުމެއްވެސް ނެތެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އިންތިހާއަށެވެ. ހައްދެއް ހުދޫދެއް ނެތެވެ.

ތަރައްގީގެ މަޝްރޫއުތައް ފަތުއަޑު ކިޔާފައި ހިނގަނީއެވެ. ހިޔާލު ތަފާތުވުމަކުން ތަފާތު ހިޔާލެއް ފާޅުކުރުމަކުން ވަކި ޕާޓީއެއްގައި އުޅުމަކުން ގެއްލޭ އެއްޗެއްވެސް ނެތެވެ. އޭރު ނުލިބިގެން އުޅުނު ހުރިހާ ހައްގެއް ބަރާބަރަށް ލިބެމުން އެބަދެއެވެ.

އެކަމަކު ރަނގަޅު ކަމެއްވެސް ނެތެވެ. ހައްތަހާވެސް ފެންނަނީ މައްސަލައެވެ. އެކަމަކު މައްސަލައަކީ ކޮބައިކަމެއްވެސް ނޭނގެއެވެ. އެނގޭ އެއްޗަކީ ޕާޓީގެ ބޮޑުންގެ މެދުގައި ހިޔާލު ތަފާތުވެ ބައިބައިވިކަމެވެ. ކަމެއް ގޯސްވިއްޔާ ގޯސްވީ އެކަމެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އުފެދުނީ ރުޅިވެރިކަމެވެ. ގޯސްވިއްޔާ ގޯސްވީ އެކަމެވެ. ދެއްކެންޏާ ދެއްކެންވެސް އޮތީ އެކަމެވެ. ހިފަން ބޭނުންވަނީ އޭގެ ބަދަލެވެ. ވަކި ބަޔަކު ވެރިކަމަށް އަޔަނުދިނުމަށްޓަކައި ވޯޓު ދޭން މިއުޅެވެނީ, އެބައެއްގެ ސަބަބުން ހަތް އަހަރު މަގުމަތީގައި އުޅެން ޖެހުނު މީހުންނަށެވެ. ވިސްނުމެއް ހިޔާލެއް ނެތިއެވެ. މާދަމާ ވާނެ ގޮތަކާ ދޭތެރޭ ފިކުރު ހިންގާލުމެއްވެސް ނެތިއެވެ.

ހީކުރެވުނީ ކޮންމެ ބަޔަކު އަޔަސް މިކަން މިހެން އޮންނާނެ ކަމަށެވެ. އެކަމަކު އެހެނެއް ނުވާނެތާއެވެ. އެއީ ހަމަ އެދުވަހުވެސް އެކަން ކުރި މީހުންނެވެ. އެކަން އަހަރެންނަށްވުރެ ކުރިން ވިސްނުނީ އަންހެނުންނަށެވެ.

އަހަރެންނަށް ވިސްނާލެވުނީ އޭނާ އެ ސުވާލުތައް ކުރީމައެވެ. ވަރަށް ވިސްނައިފީމެވެ. އެ ސުވާލުތަކަށް ސީދާ ދޭން އޮތް ޖަވާބަކީ "އެގޮތެއް ބޭނުމެއް ނުވެއެވެ. އެ ދުވަސް އަލުން ގެންނާކަށްވެސް ބޭނުމެއް ނުވެއެވެ."

މި ހަމަޖެހުން ގެއްލޭކަށްވެސް ބޭނުމެއް ނުވެއެވެ. ޕާޓީން ބުންޏަސް، ވެރިން ބުންޏަސް، އެކުވެރިން ބުންޏަސް ދެން އެގޮތެއް ބޭނުމެއް ނުވެއެވެ. ވާހަކަ ދައްކައިގެން ކުދިކުދި ތަފާތުވުން ހައްލު ކުރެވިދާނެއެވެ. އެކަމަކު އަނިޔާވެރިކަން ނިންމަން އަނެއް ފަސް އަހަރު މަގުމަތީގައި އުޅޭކަށް ބޭނުމެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް