ބައެއްގެ ކުރިމަތީ ވާހަކައެއް ދައްކަންވާނީ ތިމާ އަށްވެސް އެވާހަކައިގައި އެ ބުނާ އެއްޗެއް ގެޓުވެގެންނެވެ. އަމުދުން މިއޮއް ތަރައްގީ ޒަމާނުގައި ބަޔަކު މީހުން ވީޑިއޯ ކޮށްފާނެ ކަމާއި ބަޔަކު މީހުން ވަގުތުން ލިއިވް ކޮށްފާނެ ކަންވެސް ދަންނަންވާނެ އެވެ. އަނެއްކޮޅުން ފޮތެއްގައި ދެއްކި ހުރިހާ ވާހަކައެއް ލިޔުނުއިރު މީހުން އެފޮތް ކިޔާނެ ކަމާއި ދެއްކި ވާހަކަ އާއި އަމަލާއި ދިމާނުވާނަމަ އެވާހަކަ ދައްކާނެ ކަންވެސް ދަންނަންވާނެއް ނޫންތޯއެވެ. ހާއްސަކޮށް އެބަޔަކާ ނުވަތަ އެމީހަކާ އިދިކޮޅުގައި ތިބޭ ބަޔަކު އެކަހަލަ ކަންކަމަކީ ވަރަށް ހުށިޔާރު ކަމާއެކު ކުރާ ކަމެކެވެ.
ބުނަން މިއުޅެނީ ރައީސް މުޢިއްޒު ބައެއްގެ ކުރިމަތީ ކެނޑި ފޮންޏެއްގެ ވާހަކައެކެވެ. ޔަންގު ރައީސަކަށް ދައުވާ ކުރާ މީހަކަށް ޔަންގު ކޮށް ބުނަންޏާ ބުނެވޭނި، އެދުވަހު ހާދަހާ އަޅިއެކޭ ބުރުވީ ހާދަހާ ކަރައެކޭ ފެޅީ، މިއަދު މުޅި ސޯޝަަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން އަހަރުން ހަމަ އަޖައިބުވެ އަންތަރީސް ވެއްޖެ އެވެ. ޒުވާނުންނާއި ދެބައި އުމުރު މީހުންނާއި މުސްކުޅިންތަކެއްގެ ކުރިމަތީ ދެއްކި ވާހަކައެއް އަނެއްކާވެސް ހަނދާން ކޮށްދޭނަމެވެ.
ރިޔާސީ ކެމްޕެއިނުގެ ތެރޭގައި ރައީސް މުޢިއްޒު ވިދާޅުވީ، ވެރިކަމަށް އަންނަނީ ސާފު ވެރިކަމެއް ކުރަން ކަމަށެވެ. ވެރިކަން ލިބިއްޖެ ނަމަ ފަސްބައި ސާފު ޚިދުމަތް ކުރުމުގައި ކެރޭ، ދެފުއް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ގާއިމު ކުރާނެ ކަމަށް ބުނި ހަނދާން ނެތުނީހެއްޔެވެ. އެވަރަކުން އަދި ނިންމާލީއެއް ނޫނެވެ. ދެން ބުނި ވާހަކަ އަދި އެއަށްވުރެ އޮލައެވެ. ވިދާޅުވީ ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވާނެ ކަމަށާއި ރައްޔިތުންނާއި ނޫސްވެރިންނަށް ކަމެއް ނޭންގިގެން އުޅެން ޖެހުނަކަ ނުދޭނެ ކަމަށެވެ. މިއަދުގެ މިރާއްޖޭގައި ރައްޔިތުންނާއި ނޫސްވެރިންނަކީ ކުށްވެރިންނަށް ހަދައިފި އެވެ. ދޮގަކަށް ވެދާނެތީ މީހަކު ބުނި ވާހަކައެއްވެސް ބުނެވޭކަށް ނެތެވެ. ހިޔާލާ ފިކުރުގައި ތަޅު އަޅުވަން ތިޔަ ހުންނެވީ ފައި ހިއްޕާލާފައެވެ. ގޮތް ދޫކުރުން މުޢިއްޒަށް ވަނީ ލަދު ކަމަކަށެވެ.
ރައްޔިތުން މުޢިއްޒަށް ވެރިކަން ދީނީމަ ރައްޔިތުންނަށް އަނިޔާވެރިވެ ރައްޔިތުންނަށް ތިޔަވަރުގެ ބޮޑު ދޯކައެއް ދޭން ހެޔޮވާނެ ހެއްޔެވެ. ރައީސް މުޢީއްޒުއެވެ. ގަބޫލުފުޅު ކުރައްވާށެ، ރަސްކަމެއް މިތާ އޮތް ނަމަ މަނިކުފާނަށް ވެރިކަން ނުލިބުނީހެވެ. ވެރިކަމަށް އަންނަން ބޭނުންވަނީ ޑިމޮކްރަޓިކް ހަމަތަކުގެ ތެރެއިންނެވެ. ވެރިކަމަށް އައިއްސަ ކުރަން ބޭނުންވަނީ ރަސްކަމެވެ. ނުސްވެރިންނާއި ރައްޔިތުން އުޅެންޖެހެނީ އަޅުވެތި ކަމުގައެވެ. އަދިވެސް ހަނދާންކޮށްދެމެވެ. ތިޔަ ކުރައްވަނީ ރަސްކަމެއް ނޫނެވެ. މި ގައުމުގައި ވެރިކަން ހިނގާނީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިންކަން ހަނދަމަފުޅު ބަހައްޓަވާށެވެ. ތިޔަ އުޅުއްވަނީ ރައްޔިތުން ދިން ބާރުން ރައްޔިތުންނަށް ގޯނާ ކުރަންކަމަށް ވަންޔާ ރައްޔިތުން ބަލަން ނުތިބޭނެކަން އެންމެ ރަނގަޅަށް އިނގޭނީ ރައީސް މުޢިއްޒު ނޫން ކާކަށް ހެއްޔެވެ. ބެހެއްޓި ހިސާބަށްވުރެ މައްޗަށް އަރައި މޮހޮރު ޖަހައިގެން އިނދެވިދާނެކަމަށް ގަބޫލުކުރުމަކީ ރައްޔިތުން މޫޢިއްޒަށް ނަފުރަތު ކުރަން ފޭށި އެއް ސަބަބެވެ.
"ހިޔާލާއި ފިކުރު ކަފުނަށް" ނަމުގައި ބޭއްވި ފޯރަމް ރައީސް މުޢިއްޒު އަޑުއެއްސެވި ކަން އޮތީ އެނގިފައެވެ. އެހެން ނަމަވެސް އެ ފޯރަމްގައި ނޫސްވެރިއަކު ބުނި އެންމެ ތަންކޮޅެއް ހަނދާން ކޮށްދެމެވެ. އެ ނޫސްވެރިޔާ ބުނީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްފި ކަމަށާއި ރައްޔިތުން އިންތިހާބު ކުރި ރައްޔިތުންގެ މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސި ޕާޓިތަކަށް ދީފި ކަމަށެވެ. އެނާ ބުނީ ފަހަރަކު މޮހޮރެއް ޖައްސަވަމުން ތިޔަ ގެންދަވަނީ ތަހުތަކަށް ކަމަށާއި އެންމެ ފަހު މޮހޮރުގައި ތަޅަން ފަށައިފި ނަމަ ގޯސްވާނެ ކަމަށެވެ. އެއީ ތިމޮހޮރުގައި ތަޅަން ފަށައިފި ނަމަ ޖެހޭނީ އަތުގައި ކަމަށް އެ ނޫސްވެރިޔާ ބުންޏެވެ. ރައީސް މުޢިއްޒު އެވެ. ވިސްނައިފި ނަމަ މިވެސް އިބުރަތެކެވެ.
އަދިވެސް ބުނަންހެއްޔެވެ. މަނިކުފާނަށް ފަރުވާ ދޭންވީ ޅެމަކުންތޯއެވެ. މައްސަލައެއް ނެތެވެ. މި ޅެމުންވެސް އިބުރަތެއް ހާސިލް ކުރައްވާނެ ކަމަށް އުންމީދު ކުރަމެވެ. "ފެނި ނަސަބު އެނގި ބޮޑާ ކަމުގާ، ވެރިވެ އަނިޔާ ރަހުމް ކުޑަކޮށް، ފެތިގަރަގުކޮށްފަ އޯގާ ހިތް، ނެތި ހިނގައިދާނެ އިންސާނާ". މުޢިއްޒު އެވެ. މިއީ ދިވެހި ޅެންވެރިޔަކު ހަދާފައިވާ ޅެމެކެވެ. މަނިކުފާނުގެ ލޯބިވާ އަނބިކަނބުލޭގެ ކަރޯކެ ކިޔާ ދުވަހެއްގައި ކިޔާލަންވެސް ރަނގަޅުވާނެ ނޫންތޯއެވެ.