ކ. މާލެ
|
17 ސެޕްޓެންބަރ 2023 | އާދީއްތަ 15:10
މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުއިއްޒު
މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުއިއްޒު
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
މުއިއްޒުގެ ވައުދުފުޅުތައް ބޮޑު ޖޯކަކަށް
ހިޔާ ފްލެޓްތަކަށް ލިފްޓް މަދުވާނެކަން ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު އެތަން ހެދިއިރަކު މުއިއްޒަކަށް އެނގިވަޑައިނުގަންނަވާ
ވައުދުފުޅުތައް ވެވަޑައިގަންނަވާއިރު އެކަން ކުރައްވާނެ ގޮތެއްގެ ތަފްސީލެއް ހާމައެއް ނުކުރައްވާ

ރައީސް އިބްރާހީމް މުހައްމަދު ސާލިޙުގެ ވެރިކަން ފެށުނީންސުރެ އިދިކޮޅުން ގޮވަމުން އައީ ދައުލަތް އޮތީ ދަރަނިވެރިވެފައި ކަމަށެވެ. ޤައުމު އޮތީ ބޭންކްރަޕްޓް ވެފައި ކަމަށެވެ. ރައްޔިތުން ބަނޑަށްޖެހޭނެ ކަމަށާއި ތެލާއި ކާޑުކޮޅު ގަންނާނެހާވެސް ފައިސާ ނެތްކަމަށެވެ.

ރައްދުގައި ސަރުކާރުން ބުނަމުން ދިޔައީ އެއީ ރޯ ބުހުތާނު ދޮގެއް ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅުން ފެށިގެން މިއަދާ ހަމައަށް އައިއިރުވެސް އެބުނާ ހާލަތެއް ނައިސް ދައުރު ނިމެންދިޔައިރުވެސް އެކަން އެހެން ނުވި ކަމަށެވެ. ސަބަބެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިޙު ވިދާޅުވަމުން ގެންދަވަނީ އެކަން އެހެން ހިނގަނީ އިންތިޒާމްވެގެ ކަންކަން ތަރުތީބުން، ހާލަތަށް ރިއާޔަތް ކޮށްގެން ކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް ކޮށްދެމުންދާ ކަންކަމާއި އަދި ކުރިއަށް އޮތް ދައުރުގައި ކުރުމަށް ރޭވި ވައުދުވަމުންދާ ކަންކަމަކީ ހިސާބު ޖެހިގެން ފަންނީ މާހިރުންގެ ލަފާގެ މަތިން ކުރެވޭ އަދި ވެވޭ ވައުދުތައް ކަމަށެވެ. އެފަދަ އެއް މިސާލަކީ ރަށެއްގައި ބޭއްވޭ ޖަލްސާއެއްގައި އެރަށު ރައްޔިތުން ކަމަކު އެދުނަސް ވަގުތުން އެކަމެއް ކޮށްދެއްވަން ވައުދުވެވަޑައިގަންނަވަނީ އޭގެ ތެރެއިން ކޮށްދެވޭނެ ކަންކަންކަމަށް ވިދާޅުވާ ވިދާޅުވުމެވެ. އަދި ބައެއް ކަންކަމާ ގުޅޭ ގޮތުން ވިދާޅުވަމުން ގެންދެވީ ޓެކްނިކަލް ބޭފުޅުންނާއި އިޤްތިސާދީ ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު ކުރެއްވޭނެ ކަމެއް ނަމަ އެކަމެއް ކޮށްދެއްވާނެ ކަމަށެވެ.

މި ބީދައިން ބަލާއިރު ސަރުކާރުން އިންގިލާބީ ބަދަލެއް ގެންނެވި އެއްކަމަކީ މިނިމަމް ވޭޖް ކަނޑައެޅުމާއި މުސާރަތައް ބޮޑު ކުރުމެވެ. އެކަން ކުރެއްވުމަށް ޕޭ ހަމަނައިޒޭޝަން ކޮމެޓީއެއް އުފައްދަވާ އެކަން ކުރެވޭނޭ ގޮތްތަކެއް ހޯއްދެވިއެވެ. އެގޮތުން މުދައްރިސުންގެ މުސާރަތައް ބޮޑުކުރުމާއި ހަމައިން ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގެ މުސާރަ އަންނަ ޖެނުއަރީ އެކަކުން ފެށިގެން ބޮޑުކުރުމަށް ނިންމަވާ އަންނަ އަހަރުގެ ބަޖެޓްގައި އެކަން ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރޭގައި ސިވިލް ސަރވިސްގެ މުސާރައަށް 40 އިންސައްތައިގެ ކުރިއެރުމެއް އަންނާނެ ކަމަށާއި ފުލުހުންނާއި ސިފައިންގެ ވާހަކަ ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މި ނިންމެވުން ނިންމަވާފައި ވަނިކޮށް އިދިކޮޅު ކެންޑިޑޭޓް ޑރ މުއިއްޒު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މުސާރަ ޑަބަލް ކުރައްވާނެ ވާހަކަފުޅެވެ. އެގޮތައް ވިދާޅުވިއިރު އެއީ ކިހާ ބައެއް ކަމާއި އެކަން ކުރައްވާނޭ ގޮތެއްވެސް އަދި ޖެއްސެވި ހިސާބެއްވެސް ވިދާޅެއް ނުވެއެވެ. އެ ވައުދުވެވަޑައިގެން ގެއަށްވަޑައިގެންނެވިފަހުން އަނބިކަނބަލުން ދަންނަވައިގެން ކަމެއް ނުވަތަ ލިބިވަޑައިގެންނެވި ޕްރެޝަރެއްގެ ސަބަބުން ކަމެއް ނޭނގެއެވެ. ޖެހިގެން އައި ރޭ ސިވިލް ސަރވަންޓުންގެ މުސާރަވެސް ބޮޑު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ.

ހަމަހުރެފައި މުއިއްޒު ވެވަޑައިގަންނަވާ މިވައުދުފުޅުތަކަކީ ޕީއެންސީގެ މެނިފެސްޓޯގައި ހިމެނިފައިވާ ވެސް ކަންކަމެއް ނޫނެވެ. ބައްދަލުވާ ކޮންމެ ތަނެއްގައި ހިތްޕުޅަށްއެރިހާ ވައުދެއް ވެވަޑައިގަންނަވަނީއެވެ. ބޮޑެތި ލޯނުތައް ނަގައިގެން ހަދާފައި ހުރި ފްލެޓްތަކުގެ ކުލިތައް އިންތިހާއަށް ކުޑަކޮށްލުމާއި އެކިއެކި ފީތައް އެއްކޮށް ކަނޑާލެއްވުމެވެ. އެކިއެކި ފަރާތްތަކަށް ދެއްވާނޭ އިނާޔަތްތައް ސުމާރެއްނެތި މައްޗަށް ޖައްސާލުމާއި ދޭނެ އެހީތައް އިންތިހާއަށް އިތުރުކޮލަމުންނެވެ.

އުފެދޭ ސުވާލަކީ ދައުލަތް ދަރަނިވެރިވެފައިވާ ކަމަށާއި ބޭންކްރަޕްޓް ވެފައިވާ ކަމަށް ވިދާޅުވަމުން، އިތުރަށް ލޯނު ނުނަގާ، އިތުރު ޓެކްސެއް ނުނަގާ ނުވިތާކަށް ފައިސާވެސް ޗާޕު ނުކުރައްވާނެ ކަމަށް ވިދާޅުވަމުން މިވަރުގެ ވައުދުތަކެއް ފުއްދަނީ ކިހިނެއް ކަމެވެ. ހިލޭ އެހީ އޮއްސިއަސް އެއީކީ ކުރެވޭނެ ކަންކަން ނޫންކަން ދެކޮނޑުދޭތެރެއިން ބޮލެއް މައްޗަށް ހުރި ކޮންމެ އިންސާނަކަށްވެސް އެނގޭނެއެވެ. އަދި އެއީ ހޮޅި ވާހަކަތަކެއް ކަމަށާއި އެއީ އަދި ކުރަން ވާ ވައުދުތަކެއް ނޫންކަން ސާފެވެ. އެހެންކަމުން މިއީ ޒާތެއްގެ ޖޯކަކަށް ވަނީ ވެފައެވެ. ކިތައްމެ އަތްޖަހާފައި އެއަށް ތައުރީފް ކުރިއަސް މުއިއްޒުގެ ވައުދުފުޅުތަކަކީ އެއްވެސް ފުލެތް ބިތެއްނެތް އަދި ބޮޑު ޖޯކެއްކަން ސާބިތުވަނީ މުއިއްޒުގެ އާރުކާޓީގެ ދަށުން ޑިޒައިންކޮށް އެޅި ހިޔާ ފްލެޓްތަކަށް ވެވަޑައިގެންނެވި ވައުދުފުޅުންނެވެ. ފުރަތަމަ ކަމަކަށް އެއީ މުއިއްޒުގެ ބޮޑު ފެއިލިއަރއެއްކަން އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގަތުމެވެ. އެތަން ޑިޒައިންކުރިއިރު އެތަނުގައި ދިރިއުޅޭ މީހުންނަށް  ޒަރޫރީ ގޮތުން ބޭނުންވާނޭ ތަންތަނަށް ޖާގަ ކަނޑައެޅިފައި ނުވުމެވެ. އަނެއް ކަމަކީ އެތަނަށް ކަތާވަރަށް ލިފްޓު ނެތުމެވެ. ދިރިއުޅޭތާ 5 އަހަރު ނުވަނީސް މުއިއްޒު އެ ވިދާޅުވީ އެތަނުގައި އިތުރު ލިފްޓު ބަހައްޓައިދެއްވާނެ ކަމަށެވެ. ފްލެޓް އެޅުމަށް ހުށަހެޅި އެންމެ ބޮޑު އަގަށް އެކަން ކުރުވިއިރު ލިފްޓްގެ ހާލަތު އެގޮތައް ފަރުމާކޮށް ދޫކޮށްލުމަކީ ރައްޔިތުންނަށް މުއިއްޒުވެވަޑައިގެންނެވި ބޮޑު އިހުމާލެކެވެ. އެހާ ބޮޑު އަގެއް ދީގެން ހެދިތަނެއްގެ ފިނިޝިންގ ނުހިމެނުމަކީ ރައްޔިތުންނަށް މުއިއްޒު ދެއްވި ބޮޑު އަނިޔާއެކެވެ. މިއަދު 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހިޔާ ފްލެޓްތަކުގެ ރައްޔިތުންނަށް ދެއްވުމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް އެއީ މުޅި ރައްޔިތުންގެ ހައްގަށް ބަލާއިރު މުއިއްޒުއަށް ވިއަސް ކުރެެއްވޭނެ ކަމެއް ނޫންކަން ވަރަށް ސާފެވެ. އެހެންކަމުން ތާއީދު ހޯއްދެއްވުމަށް ވެވަޑައިގެންނެވި މި ވައުދުފުޅުތަކަކީ ބޮޑެތި ފެން ނުހިފޭ ވާހަކަ ތަކެކެވެ. ބޮޑެތި ޖޯކު ތަކެކެވެ.

ކޮންމެއަކަސް ރައްޔިތުންނަށް މިއަދު އޮޅޭކަށް ނެތެވެ. މުއިއްޒުގެ ވަޒީރުކަމުގައި ކުރެއްވި ކަންކަމަށް ދައުލަތުގެ ބަޖެޓުން މިލިއަނުން ކުރި ޚަރަދު ދެފަހަރަށް ތިންފަހަރަށް ކުރަންޖެހުނުކަމާއި މުއިއްޒުގެ ރޭވުންތެރިކަމުގައި ރައްޔިތުން އުފުލަންޖެހުނު ހިތްދަތި ތަކުލީފްތައް އިތުރަށް ކިޔައިދޭކަށް ނެތީމެވެ. ހިންގި މަޝްރޫއުތަކުގެ ފޮޓޯތަކުން ބައެއް، އެކަމެއް ނިމޭއިރު ނެތަސް އެއަށް ހަރަދުވި ފައިސާއިން ލޯލާރިއެއްވެސް އުނިވެފައި ނެތުމީ ފެންނާންހުރި ހަޤީގަތްތަކެވެ. އެހެންކަމުން ދެވަނަ ފަހަރަށް ރައްޔިތުން އެހޮޅި ވައުދުތަކުގައި ޖެހުމަކީ ބިރުހުރި ކަމެކެވެ. ރައްޔިތުން ބިކަވެ، ގައުމުގެ ހާލަތު އެތައް ގުނައެއް ފަހަތައް ސޮއްސާލާނޭ ކަމެކެވެ. މިއީ ރައްޔިތުން ފުންކޮށް ވިސްނާން ޖެހޭނޭ ކަމެކެވެ.

- ކޮމެންޓް