ކ. މާލެ
|
13 ސެޕްޓެންބަރ 2023 | ބުދަ 07:17
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
ރާއްޖެއެމްވީ
އިންޑިއާ ސިފައިން
އިންޑިއާ ސިފައިންނޭ ކިޔައިގެން ވާހަކަ ދައްކަނީ ފިތުނަ އުފެއްދުމަށް: އަބްދުލްޣަފޫރު މޫސާ
އެވާހަކަތަކުގައި އެއްވެސް ކަހަލަ އަސާސެއް ނެތް

އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ބުނެ ވާހަކަ ދައްކަނީ ފިތުނަ އުފެއްދުމަށް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އެއީ ބައެއް ފަރާތްތަކުން ދައްކާނެ އެހެން ވާހަކައެއް ނެތުމުން ފިތުނަ ފަސާދަ އުފެއްދުމަށްޓަކައި ފަލްސަފާގެ ތެރޭގައި ހިމަނައިގެން ކުރަމުން އަންނަ ސިޔާސީ މަސައްކަތެއް ކަމަށެވެ.

އެންމެ ފުރަތަމަ މި ސަރުކާރު ވެރިކަމަށް ގެންނަން އުޅުނުއިރު އިދިކޮޅުން ގޮވަމުންދިޔައީ ރާއްޖޭގެ މިސްކިތްތަކުގައި ބަންގި ނުގޮވާނެ ކަމަށެވެ. އެހެންނަމަވެސް މި ދައުރު ނިމުމާއި ގާތްވެފައިވާއިރު އެފަދަ ކަމެއް ނުހިނގާ ކަމަށް ވިދާޅުވިއެވެ.

އަބްދުލްޣަފޫރު މޫސާ އިތުރަށް ވިދާޅުވީ ދީނާއި ޤައުމިއްޔާ ގުޅުންހުރި އެފަދަ ޒާތުގެ ވާހަކަތައް ރައްޔިތުންގެ ބޮލަށް ވައްދައިގެން، ފިތުނަ އުފެއްދުމުގެ ނިޔަތުގައި ހިންގަމުންދާ ކަމެއް ކަމަށެވެ. އެވާހަކަތަކުގައި އެއްވެސް ކަހަލަ އަސާސެއް ނެތް ކަމަށާއި ކިތަންމެ ވަރަކަށް ވެސް ދޮގު ހެދިދާނެ ކަމަށް ވިދާޅުވިއެވެ.

ސިޔާސީ މަޤްސަދެއްގައި ކޮށްގެންނުވާނެ ކަންތައްތައް ވެސް ހުންނަން ޖެހޭނެ ކަމަށާއި ރައްޔިތުންނަށް ނުރަނގަޅު ވިސްނުންތަކެއް ގެނެސްދީ ޤައުމު ބައިބައި ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަންކަމުގެ ސާފު މައުލޫމާތު ރައްޔިތުންނަށް އެނގުމުން، ރައްޔިތުން އެ ވާހަކަތައް ޤަބޫލުނުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މެންބަރު އަބްދުލްޣަފޫރު މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖޭގައި ބޭރުގެ ސިފައިން ގާއިމްވެފައި ނެތްކަމަށާއި، މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ނުހިނގާކަމުގެ ޔަގީންކަން އެމްއެންޑީއެފްގެ ލީޑަރޝިޕުން ވެސް ވަނީ ދެއްވާފައެވެ.

އަސްކަރިއްޔާގެ ސިފައިން ތަމްރީން ކުރުމުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވި މޭޖަރ ޖެނެރަލް ވައިސް ވަހީދު ވިދާޅުވީ، ރާއްޖޭގައި ދިވެހި އަސްކަރިއްޔާއަށް ތަމްރީން ދިނުމަށް ގިނަ މަރުކަޒުތަކެއް އެބަހުރިކަމަށެވެ. އަދި ސިފައިން ތަމްރީންކުރުމަށްޓަކައި އެއްވެސް މަރުކަޒެއްގައި ބޭރު އެއްވެސް އަސްކަރިއްޔާގެ ސިފައިންގެ މީހަކު ޤާއިމްވެ ނެތްކަމަށެވެ. ދިވެހި ސިފައިން ތަމްރީން ކުރަނީ ޤާބިލް ދިވެހި އިންސްޓްރަކްޓަރުން ކަމަށް ވިދާޅުވިއެވެ.

- ކޮމެންޓް