Advertisement
ކ. މާލެ
|
26 ޖުލައި 2025 | ހޮނިހިރު 13:44
ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެ ބައްދަލު ކުރެއްވުމަށް ފަހު، މުއިއްޒު ވާހަކަފުޅު ދައްކަވަނީ - 25 ޖުލައި 2025
ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެ ބައްދަލު ކުރެއްވުމަށް ފަހު، މުއިއްޒު ވާހަކަފުޅު ދައްކަވަނީ - 25 ޖުލައި 2025
ރައީސް އޮފީސް
ދިވެހިރާއްޖެ-އިންޑިއާ ގުޅުން
އިންޑިއާ އަކީ އެންމެ ގާތް އެންމެ އިތުބާރު ކުރެވޭ ބައިވެރިޔާ: މުއިއްޒު
އިންޑިއާ އަކީ ދިވެހިރާއްޖެ އަށް ދިމާވާ ބޮޑެތި ކަންކަމުގައި އެންމެ ފުރަތަމަ އެހީތެރިވެ ދޭ ގައުމު ކަމަށް ވިދާޅުވި
މުއިއްޒު ވަނީ މޯދީ ގެ ލީޑަރޝިޕް އަށް ތައުރީފު ކުރައްވާފައި
ބޮޑު ވަޒީރުގެ ދަތުރުފުޅުގައި އިންޑިއާ އިން ރާއްޖެ އަށް 550 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ހަމަޖައްސައި ދިން

އިންޑިއާ އަކީ ދިވެހިރާއްޖޭގެ "އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެވޭ ބައިވެރިޔާ" ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒު ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް ޝުކުރު އަދާ ކުރައްވާ ތައުރީފް ކުރައްވައިފި އެވެ.

ކުރިން ރާއްޖޭ ގައި ހިންގި "އިންޑިއާ އައުޓް" ކެމްޕޭނުގެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ރައީސް މުޙައްމަދު މުއިއްޒު، ހުކުރު ދުވަހު އިންޑިއާ އާ ބެހޭ ގޮތުން މިދެއްކެވި ވާހަކަފުޅު އިންޑިއާ ގެ މީޑިއާ އިން ފާހަގަ ކޮށްފައި ވަނީ އިންޑިއާ އާ ބެހޭ ގޮތުން މުއިއްޒުގެ "ވާހަކަފުޅުތަކަށް އައި ފާހަގަ ކުރެވޭ ބޮޑު ބަދަލެއް،" ގެ ގޮތުގައެވެ.

މުއިއްޒު މި މޭރުމުން ވާހަކަފުޅު ދެއްކެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސް އޮފީހުގައި ދެ ލީޑަރުން ބައްދަލު ކުރެއްވުމަށް ފަހު ދެއްވި ބަޔާނުގައެވެ.

ދިވެހިރާއްޖެ އަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިވެދޭ ފަރާތެއްގެ ގޮތުގައި އިންޑިއާ އިން ދޭ އެހީތެރި ކަމަށް ރައީސް މުއިއްޒު ޝުކުރު އަދާކުރެއްވިއެވެ.

"އިންޑިއާ އަކީ ޒަމާންތަކަކަށް ދިވެހިރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރުހުރި ބައިވެރިޔާގެ ގޮތުގައި ދެމި އޮތް ޤައުމެކެވެ. އަޅުގަނޑުމެންގެ ދެ ގައުމުން އެއްބާރުލުން ދޭ ކަންކަމުގެ ތެރޭގައި ސަލާމަތީ ކަންކަމާއި، ވިޔަފާރިއާއި، ޞިއްޙަތާއި، ތަޢުލީމު އަދި އެހެނިހެން ދާއިރާތަކަށް ވަނީ ފުޅާވެފައެވެ. މިއީ އަޅުގަނޑުމެންގެ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ކަންކަމެވެ،" މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު، ބޮޑުވަޒީރު މޯދީގެ ޝަރަފުގައި ރަސްމީ ފަރިއްކޮޅެއް ވަނީ ބާއްވަވާފައެވެ. އަދި މޯދީ ގެ ލީޑަރޝިޕް އަށް މުއިއްޒު ވަނީ ތައުރީފް ކުރައްވާފައެވެ.

ދެ ގައުމުގެ ވެރިން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ތަރައްޤީ އާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފިޔަވަޅުތަކާއި، ޞިއްޙީ ދާއިރާ އާއި، ޤާބިލުކަން އިތުރުކުރުން ހިމެނެއެވެ.

ދެބޭފުޅުން ވެސް ދިފާޢީ އަދި އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ދަށުން ގުޅިގެން ކުރިއަށް ގެންދެވޭ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ.

އެ ދެ ލީޑަރުން އިޤްތިޞާދީ ގުޅުންތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

އިންޑިއާ ގެ ޕަހަލްގާމް ގައި ދާދި ފަހުން ހިނގި ޓެރަރިސްޓް ޙަމަލާ ހަރުކަށި އިބާރާތުން ރާއްޖެ އިން ކުށްވެރިކޮށްފައި ވާތީ އާއި، ޓެރަރިޒަމާ ދެކޮޅަށް އިންޑިއާ އިން ކުރާ މަސައްކަތަށް އެއްބާރުލުން ދެއްވި ކަމަށްޓަކައި ރައީސް މުޙައްމަދު މުއިއްޒު އަށް ބޮޑު ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

ދެ ލީޑަރުންގެ ބައްދަލުވުމުގައި، މަސްވެރިކަމާއި އެކުއަކަލްޗަރ، މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ، ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި)، އިންޑިއަން ފާމަކޯޕިއާ، އަދި އައު ކޮންސެޝަނަލް ލައިން އޮފް ކްރެޑިޓެއް ހިމެނޭ ގޮތަށް މުހިންމު 6 ދާއިރާ އަކުން މޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ ގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބޭއްވުނެވެ.

ބޮޑު ވަޒީރުގެ މި ދަތުރުފުޅުގައި ގާތްގަނޑަކަށް 550 މިލިއަން އެމެރިކާ ޑޮލަރު ގެ ލައިން އޮފް ކްރެޑިޓް ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އެއާ ގުޅުންހުރި މަޝްރޫޢުތަކަށް ވަނީ ހަމަޖައްސައިދެއްވާފައެވެ.

- ކޮމެންޓް