ކ. މާލެ
|
2 ސެޕްޓެންބަރ 2023 | ހޮނިހިރު 18:30
ލަނޑު ޖެހުމަށްފަހު މިޓްރޮވިޗް އުފާފާޅުކުރަނީ
ލަނޑު ޖެހުމަށްފަހު މިޓްރޮވިޗް އުފާފާޅުކުރަނީ
ރޮއިޓާރސް
ސައުދީ ޕްރޯ ލީގު
މިޓްރޮވިޗްގެ ހެޓްރިކާއެކު އަލް އިއްތިހާދު ބަލިކޮށް، އަލް ހިލާލް އެއްވަނައަށް
އަލް ހިލާލުން މެޗު ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުން

މިޓްރޮވިޗްގެ ހެޓްރިކާއެކު އަލް އިއްތިހާދު ބަލިކޮށް، ސައުދީ ޕްރޯ ލީގުގެ އެއްވަނައަށް އަލް ހިލާލް ޖެހިލައިފިއެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު މެޗު އަލް ހިލާލުން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ. އަލް ހިލާލްގެ ފުރަތަމަ 11 އަށް ބަލާއިރު، މިޓްރޮވިޗް، މިލިންކޮވިޗް-ސަވިޗް، މެލްކަމް، ނެވޭސް، ކުލިބާލީ އަދި ބޯނޯ ހިމެނެއެވެ. އަލް އިއްތިހާދުގެ ފުރަތަމަ 11 ގައި ބެންޒެމާ، ކާންޓޭ އަދި ފަބީނިއޯ ހިމަނާފައިވެއެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ އިއްތިހާދުންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި އެ ލަނޑު ޖަހައިދިނީ ރިކާޑޯ ޑަ ސިލްވާ އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން މިޓްރޮވިޗް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އިއްތިހާދުން ވަނީ ފުރަތަމަ ހާފުގައި އިތުރު ދެ ލަނޑު ޖަހައި، ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެ ދެ ލަނޑު ޖަހައިދިނީ ބެންޒެމާ އާއި ހަމްދުﷲ އެވެ.

ދެވަނަ ހާފު ފެށިގެން، މެޗުގެ 60 ވަނަ މިނެޓުގައި މިޓްރޮވިޗް ވަނީ އިތުރު ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އޭގެ ފަސް މިނެޓު ފަހުން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، މިޓްރޮވިޗް ވަނީ ހެޓްރިކް ފުރިހަމަކޮށް، ނަތީޖާ އަނެއްކާވެސް ހަމަހަމަކޮށްފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި މިލިންކޮވިޗް-ސަވިޗް ތަނަވަސްކޮށްދިން ފުރުސަތަކުން އަލް ހިލާލް މޮޅުކޮށްދިނީ ސަލީމް އެވެ.

މި މޮޅާއެކު އަލް ހިލާލް ވަނީ 13 ޕޮއިންޓާއެކު އެއްވަނައަށް ޖެހިލާފައެވެ. ދެވަނައިގައި އަލް އިއްތިހާދަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. 12 ޕޮއިންޓާއެކު ތިންވަނައިގައި އޮތް އަލް އަހްލީ އަށް އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް