ކ. މާލެ
|
1 ސެޕްޓެންބަރ 2023 | ހުކުރު 13:36
އެމްއެސްޕީއޭ އިން ފަންނާނުންގެ އަގުވަޒަންކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެމްއެސްޕީއޭ އިން ފަންނާނުންގެ އަގުވަޒަންކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ފަންނާނުންގެ އަގު ވަޒަންކުރުން
ރާއްޖެޓީވީން ޕްރޮޑިއުސްކުރި "ހަޔާތް" ފިލްމަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިފައިވާތީ އެމްއެސްޕީއޭ އިން އަގުވަޒަންކޮށްފި
ސީނިއަރ އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ) އަދި އަޙްމަދު ނިމާލަށް ވެސް ވަނީ އެވޯޑު ލިބިފައި

ރާއްޖެޓީވީން ޕްރޮޑިއުސްކުރި ކުރު ފިލްމު “ހަޔާތް”އަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިފައިވާތީ މޯލްޑިވްސް ސޮސައިޓި ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އިން އެކަމުގެ އަގުވަޒަންކޮށްފިއެވެ.

ފަންނާނުންގެ އަގު ވަޒަންކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ފިލްމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޚާއްސަ ހަނދާނި ފިލައެއް ވަނީ ދީފައެވެ. އެ ހަނދާނީ ފިލާ ދީފައި ވަނީ މިހިނގާ 2023 ވަނަ އަހަރުގެ ޖެނުއަރީ 28 އަދި 29 ވަނަ ދުވަހު ތައިލޭންޑްގެ ބެންކޮކްގައި ބޭއްވި “ބެންކޮކް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް”އަށް ހުށަހަޅާފައިވާ ކުރު ފިލްމުތަކުގެ ބައިން އެއްވަނަ ލިބިފައިވާތީއެވެ.

2021 ވަނަ އަހަރު ރާއްޖެޓީވީން ގެނެސްދިން އެންތޮލޮޖީ ސީރީޒް “ހަތަރު މަންޒަރު”ގައި ހިމެނޭ މި ފިލްމަކީ މަގްބޫލު ބަތަލު އަދި ޑައިރެކްޓަރު ރަވީ ފާރޫޤް ލިޔެ ޑައިރެކްޓްކޮށްފައިވާ އުފެއްދުމެކެވެ. މި ފިލްމުގެ ކެމެރާމަނަކީ ސަމާހް އިބްރާހީމްއެވެ. އަދި ފިލްމުގެ ޕޯސްޓްޕްރޮޑަކްޝަން ހެދީ ‘އާރް ސްކޮޔާޑް ސްޓޫޑިއޯ”އިންނެވެ.

ބެންކޮކް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލުން ރާއްޖޭގެ ތަޖުރިބާކާރު ސީނިއަރ އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ) އަދި އަޙްމަދު ނިމާލަށް ވެސް ވަނީ އެވޯޑު ލިބިފައެވެ. އެކަމުގެ ޝަރަފުގައި އެމްއެސްޕީއޭ އިން ވަނީ އެ ދެ ފަންނާނުންނަށް ވެސް ހަނދާނީ ލިޔުން ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް