ހުކުރު ދުވަހުގެރޭ ބޭއްވި މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ), ފިލްމު އެވޯޑްސް 2024 ހަފްލާ ބޭއްވުމަށް ސަރުކާރުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާކަމަށް، އެމްއެސްޕީއޭ ގެ ޗެއާމަން މުހައްމަދު ރަޝީދު (ދަރާ ރަޝީދު) ވިދާޅުވެއްޖެ އެވެ.
ގިޔާސުއްދީން ސްކޫލްގައި ބޭއްވި މި ހަފްލާގައި ވާހަކަ ދައްކަވަމުން ދަރާ ރަޝީދު ވިދާޅުވީ، އެވޯޑް ހަފްލާ ބޭއްވުމަށް ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ފަރާތުން އެހީތެރިކަމަށް އެދިފައިވާނެ ކަމުގައެެވެ. އޭގެ ތެރޭގައި ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ)، ޔޫތު މިނިސްޓްރީ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަދި މޯލްޑިވިއަން އެއިރޯގެ ހިމެނެއެވެ.
އެހީތެރިކަމަށް އެދުނު އެއްވެސް އިދާރާއެއްގެ ފަރާތުން މި ހަފްލާއަށް، އެހީތެރިކަމެއް ނުދޭ ކަމަށް ދަރާ ރަޝީދު ވިދާޅުވި އެވެ. އަދި އެންސީއޭ އަދި ޔޫތު މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭން އަނގަބަހުން އެއްބަސް ވުމަށްފަހު ވެސް، އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މި ޝޯ ބޭއްވުމަށްޓަކައި އެކުގައި މަސައްކަތް ކުރުމަށް އަނގަބަހުން އެއްބަސް ވެވުނު ނަމަވެސް އެންސީއޭ، އަދި ޔޫތު މިނިސްޓްރީގެ ފަރާތުންވެސް އެއްވެސް މިންވަރެއްގެ އެއްބާރުލުމެއް ލިބިފައިނުވާކަން ހިތާމައާއެކު ފާހަގަކޮށްލަން، ޝޯ ލައިވްކޮށްދޭން އެދުމުން އަގެއް ނުނަގައި އެކަން ނުވާނެ ކަމަށް ޕީއެސްއެމް އިން ބުނި. އަދި އެވޯޑު ޝޯގައި ދޭ އެވޯޑުތައް ގެނެސްދޭން މޯލްޑިވިއަން އިން އެދުމުން އެކަން ވެސް ނުކޮށްދިން.
މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ)ގެ ޗެއާމަން، މުހައްމަދު ރަޝީދު (ދަރާ ރަޝީދު)![]()
ޕީއެސްއެމް ގެ ފަރާތުން ޝޯ ލައިވްކޮށްދޭން އެދުމުން އަގެއް ނުނަގައި އެކަން ނުވާނެ ކަމަށް ބުނި ކަމަށް ރަޝީދު ވިދާޅުވި އެވެ. އަދި އެވޯޑު ޝޯގައި ދޭ އެވޯޑުތައް ގެނެސްދޭން މޯލްޑިވިއަން އިން އެދުމުން އެކަން ވެސް ނުކޮށްދިން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިންވެސް، ފިލްމު ފެސްޓިވަލް ބޭއްވިއިރު ސަރުކާރުން އެމްއެސްޕީއޭ އާމެދު އަމަލު ކުރީ ވަރަށް އިހާނެތިކޮށް ކަމަށް ވެސް ރަޝީދު ރޭ ވިދާޅުވި އެވެ. އެގޮތުން، ފިލްމު ފެސްޓިވަލް ކުރިއަށްދަނިކޮށް، އެ ފެސްޓިވަލް އިސްތިހާރު ކުރަން ޖަހާފައި ހުރި ޕޯސްޓަރެއް އޮލިމްޕަސް ސިނަމާގެ ފާރުން ނެގުމަށް ސަރުކާރުން އެންގި ކަމަށް ރަޝީދު ވިދާޅުވި އެވެ. އަދި އެކަމާ ގުޅިގެން އޭނާ ޔޫތު މިނިސްޓްރީ އަށް ހާޒިރުވުމަށް އަންގާ، އެ ބޯޑު ނުނގާނަމޭ ބުނުމުން ސީދާ މިނިސްޓަރު އަރިހަށް ހާޒިރުކުރި ކަމަށްވެސް ދަރާ ރަޝީދު ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އައީ މުނިފޫހި ފިލުވުމުގެ ދާއިރާ އަށްވެސް އިންގިލާބީ ބަދަލު ތަކެއް ގެނެސްދިނުމުގެ ފޮނު ހުވަފެންތަކެއް ދެއްކުމަށްފަހު ގައެެވެ. ނަމަވެސް ފެނިގެން ދަނީ ހުވަފެން ބިލާހަކަށް ވެގެންދާ މަންޒަރު ކަމަށް ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.