Advertisement
ކ. މާލެ
|
27 އޯގަސްޓް 2023 | އާދީއްތަ 19:47
ބިންވެރިޔާ ސްކީމްގެ ދަށުން އެންމެ ފުރަތަމަ ގޯތި ކަނޑައި ހަވާލުކުރުން
ބިންވެރިޔާ ސްކީމްގެ ދަށުން އެންމެ ފުރަތަމަ ގޯތި ކަނޑައި ހަވާލުކުރުން
ބިންވެރިޔާ ސްކީމް
ރައީސްގެ ވައުދުފުޅާ އެއްގޮތަށް، މާލޭ ސަރަހައްދުން ގޯތި ކަނޑައި ގޯތި ދޭން ފަށައިފި
ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ނަމޫނާއާއި ޕަވަރ އޮފް އެޓާނީ އާދިއްތަ ދުވަހުން ފެށިގެން "ގެދޮރުވެރިން ޕޯޓަލް"އިން ފެންނަން ހުންނާނެ
އަކްރަމް ވިދާޅުވީ ސަރުކާރުން ގޯތި ނުދޭނެ ކަމަށް ބުނެ ފަތުރަމުން ދިޔަ އަޑުތަަކަކީ ހަގީގަތެއް ނޫން ކަން މިހާރު އެނގޭނެ ކަމަށް
އެންމެ ފުރަތަމަ ގޯތީގެ އިން ވަކިކޮށް ހަވާލުކޮށްފައި ވަނީ 20793، މުހައްމަދު ވިޝާލްއާ

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް މާލޭ ސަރަހައްދުން ގޯތި ކަނޑައި ދޭން ފަށައިފިއެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް ގޯތި ދިނުމުގެ މަސައްކަތް ފަށާފައިވަނީ އާދިއްތަ ދުވަހު ހަވީރު، ހުޅުމާލޭ ސިންތެޓިކް ސަރަހައްދުގައެވެ. މާލޭ ސަރަހައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން، މާލޭ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކާ ގޯތި ހަވާލުކުރުން އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގޯތި ލިބޭ ފަރާތްތަކުން ހާޒިރުވާނެ ދުވަހާއި ގަޑި ހައުސިންގ މިނިސްޓްރީން އަންގާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

Advertisement

މީގެ އިތުރުން ގޯތި ލިބޭ ފޯމުގައި ހިމެނޭ، ގޯތި ލިބޭ ފަރާތަކުން ގޯއްޗާ ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބަދަލުގައި އެހެން ފަރާތެއް އައްޔަނުކުރާނަމަ "ގެދޮރުވެރިން ޕޯޓަލް"ގައި އެޓޭޗްކޮށްފައިވާ ޕަވަރ އޮފް އެޓާނީ ފުރިހަމަކުރެއްވުމަށްފަހު، ނޮޓޮރައިޒްކޮށް ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ ފަރާތާ ހަވާލުކުރަން ޖެހޭނެ ކަަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ދާ ފަރާތްތަކުން، ގޯތި ލިބޭ ފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީ، އަދި ބަދަލުގައި ސޮއިކުރަން ހާޒިރުވާ ފަރާތެއްނަމަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަނުކޮށްފައިވާ ޕަވަރ އޮފް އެޓާނީގެ އަސްލާއި، އައި.ޑީ ކާޑުގެ ކޮޕީ ގެންދިއުމަށްވެސް އެ މިނިސްޓްރީން ވަނީ އަންގަވާފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން އެންމެ ފުރަތަމަ ގޯތީގެ ރަޖިސްޓްރޭޝަން

ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ނަމޫނާއާއި ޕަވަރ އޮފް އެޓާނީ އާދިއްތަ ދުވަހުން ފެށިގެން "ގެދޮރުވެރިން ޕޯޓަލް"އިން ފެންނަން ހުންނާނެއެވެ. އާދިއްތަ ދުވަހު ގޯތި ހަވާލުކުރުމަށް 30 ފަރާތަކަށް ވަނީ ކިޔާފައެވެ. އޭގެ ތެރެއިން ހާޒިރުވި ހުރިހާ މީހުންނަށް ވަނީ ގޯތި ކަނޑައި ހަވާލުކޮށްފައެވެ. ސިންތެޓިކް ޓްރެކްގައި ކުރިއަށްދަނީ އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓްރީ ހަވާލުކުރުމެވެ. ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރި ފަރާތަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްދެއްވީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.

ގޯތި ލިބުނު އާއްމުންނާއި މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން އަކްރަމް ވިދާޅުވީ ސަރުކާރުން ގޯތި ނުދޭނެކަމަށް ބުނެ ފަތުރަމުން ދިޔަ އަޑުތަަކަކީ ހަގީގަތެއް ނޫންކަން މިހާރު އެނގޭނެ ކަމަށެވެ. އެގޮތުން ގޯތިތައް ދީ ނިމެންދެން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަަމަށް އަކްރަމް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން އެންމެ ފުރަތަމަ ގޯތީގެ ރަޖިސްޓްރޭޝަން ހަވާލުކޮށްދެއްވުމަށް ފަހު، ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ވާހަކަފުޅުދައްކަވަނީ
ބިން ކަނޑާފަ ގޯތި ހަވާލުކުރާނީ. ރަޖިސްޓްރީއާމެދު ވެސް ސުވާލެއް ނުއުފެދޭނެ.
ސްޓޭޓް މިނިސްޓަރު އަކްރަމް

އާދިއްތަ ދުވަހު ގޯތި ހަވާލުކުރި އާއްމުން، ގޯތީގެ އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލުކުރުމަށްފަހު ގޯތި ދޫކުރާ ސަރަހައްދުތަކަށް އެ އާއްމުން ވަނީ ގެންގޮސްފައެވެ. އަދި އެ މީހުންނަށް ގޯތި ކަނޑައި، އިން ވަކިކޮށް ގޯތި ވަނީ ދީފައެވެ. އަދި ގޯތި ލިބުނު ސަރަހައްދު ގޯތިވެެރިންނާއި މީޑިއާއަށް ވަނީ ދައްކާލާފައެވެ.

އެންމެ ފުރަތަމަ ގޯތީގެ އިން ވަކިކޮށް ހަވާލުކޮށްފައިވަނީ 20793، މުހައްމަދު ވިޝާލްއާއެވެ. އޭނާ މީޑިއާއަށް ބުނީ މި ދުވަސް އަންނާނެ ކަމަށް އުންމީދުވެސް ނުކުރާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި މަޝްރޫއު ކުރިއަށް ގެންދިއުން އެއީ އެދޭ ގޮތް ކަމަށް އޭނާ ބުންޏެވެ. ގޯތި ލިބުނު އެހެން އާއްމުންވެސް ވަނީ އެ މީހުން ތިބީ ވަރަށް އުފަލުން ކަމަށް ބުނެފައެވެ. އަދި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކޮށްދެއްވިކަމަށްޓަކައި ރައީސް ސާލިހަށް އާއްމުން ވަނީ ޝުކުރުވެސް ދަންނަވާފައެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި 19639 މީހުންނަށް ގޯތި ލިބެއެވެ. އެއީ 9000ށްވުރެ ގިނަ ބިމެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1351 ބިން، ގުޅިފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ. މި ގޯތިތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދިނުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެއާއި، ގުޅީފަޅާއި ގިރާވަރު ފަޅުންނެއެވެ. އޭގެ އިތުރުން 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް