Advertisement
ކ. މާލެ
|
6 ޖުލައި 2025 | އާދީއްތަ 13:00
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ގުޅީފަޅު ގޯތިތަކުގެ އައު ރަޖިސްޓްރީ ދޫކުރުން
ގުޅީފަޅު ބިންވެރިޔާ ގޯތިތަކުގެ އައު ރަޖިސްޓްރީއާއި އެއްބަސްވުން މާދަމާ ދޫކުރަން ފަށަނީ
ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
އެއްބަސްވުންތަކާއި ރަޖިސްޓްރީތައް ދޫކުރުން 07 ޖުލައި 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 ން ފެށިގެން ކުރިއަށްދާނެ
އެ ޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 05 މިނެޓް ފަހުން ހާޒިރުވާ ފަރާތްތަކުގެ އެޕޮއިންޓްމަންޓް ކެންސަލްވާނެ
f

ގުޅީފަޅު ބިންވެރިޔާ ގޯތިތަކުގެ އައު ރަޖިސްޓްރީއާއި އެއްބަސްވުން ހޯމަ ދުވަހު ދޫކުރަން ފަށާނެ ކަމަށް ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، ގުޅީފަޅުން "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތިތަކުގެ ލޮކޭޝަން ބަދަލުވެފައިވާތީ، އައު "ބަންޑާރަ ގޯތީގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ދޫކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ ފުރުސަތު "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް (01 ޖުލައި 2025) އިން ފެށިގެން ހުޅުވާލާފައިވާއިރު، އެއްބަސްވުންތަކާއި ރަޖިސްޓްރީތައް ދޫކުރުން 07 ޖުލައި 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 ން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭންގެ ދަށުން، ގޯތިތަކުގެ ލޮކޭޝަން ބަދަލުވުމާ ގުޅިގެން، 30 މޭ 2025ގައި އުސްފަސްގަނޑު ސަރަހައްދުގައި ވަނީ ގުރުއަތުލުމެއް ބާއްވާފައެވެ. މި ބަދަލާ ގުޅިގެން ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ބާތިލުވެ، ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތީގެ އެއްބަސްވުން" އުވިގެންގޮސްފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

އައު ރަޖިސްޓްރީއާއި އެއްބަސްވުމާ ހަވާލުވުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި، އައު "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ހާޒިރުވާނެ އެއް ފަރާތުގެ އައިޑީ ކާޑު ކޮޕީ، ގޯތި ލިބޭ ފަރާތް/ފަރާތްތަކުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވަން ބޭނުންވާނަމަ "ހިޔާވެހި ޕޯޓަލް" ގައި ހިމަނާފައިވާ ޕަވަރ އޮފް އެޓަރނީ، އަދި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ (ނޮޓަރައިޒްކުރެވިފައިވާ ޕަވަރ އޮފް އެޓަރނީއާއި ނޮޓަރީ ސެޓްފިކެޓް ހުށަހެޅުމުން ބަލައިގަނެވޭނެ) މިނިސްޓްރީއާއި ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގެ ކޮޕީ އަދި މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ ކޮޕީ ހުށަހަޅަން ޖެހެއެވެ.

މީގެ އިތުރުން އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ތާރީޚާއި ގަޑިއަށް މިނިސްޓްރީއިން އަންގާ ތަނަށް އަންނައިރު، ލިޔެކިޔުންތަކުގެ އަސްލު ގެނައުމަށް ވެސް ވަނީ އަންގާފައެވެ.

އެއީ ގޯތި ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު، ޕަވަރ އޮފް އެޓަރނީގެ ދަށުން ޙާޟިރުވާ ފަރާތެއްނަމަ ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު (ނޮޓަރައިޒްކުރެވިފައިވާ އަސްލު ޕަވަރ އޮފް އެޓަރނީއާއި ނޮޓަރީ ސެޓްފިކެޓްގެ އަސްލު ހިފައިގެން). މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގެ އަސްލު އަދި މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" އަސްލު ލިޔުމެވެ.

މިނިސްޓްރީން އިތުރަށް ބުނީ، އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 05 މިނެޓް ފަހުން ހާޒިރުވާ ފަރާތްތަކާއި އަދި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ހާޒިރުވާ ފަރާތްތަކަށް އެދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލް ކުރެވިގެންދާނެ ކަމަށާއި، އެ ހާލަތުގައި އެފަރާތަށް އަލުން އެހެން ތާރީޚަކާއި ގަޑިއަކަށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެހޭ ފަރާތްތަކަށް، "ހިޔާވެހި ޕޯޓަލް" އަދި އެސް.އެމް.އެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ގުޅީފަޅު ބިންވެރިޔާ ގޯތިތަކުގެ އައު ރަޖިސްޓްރީއާއި އެއްބަސްވުން ދޫކުރަން ފަށާފައިވާއިރު، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން (އެލްޔޫޕީ) އަށް ގެނެސްފައިވާ ބަދަލަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި ފަޅެއް ހިއްކައިގެން ގޯތިދެވޭނެ އެއްވެސް ގާބިލްކަމެއް މިސަރުކާރުގެ ނެތް ކަމަށާއި، އެލްޔޫޕީ އަކީ ވެސް ރައްޔިތުންނަށް ޖައްސާފައިވާ އުދަނގުލެއް ކަމަށް މާލޭ ރަށްވެހިންގެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ގުޅީފަޅުން ދޫކުރަން ނިންމާފައި ވަނީ 3670 ގޯއްޗެވެ. އެއީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރި 1337 ގޯތި ވެސް ހިމަނައިގެންނެވެ. އެންމެ ފަހުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައިރު 90 ގޯތި އޮތީ އިތުރުކޮށްފަ އެވެ. އެއީ ކޮން ބޭނުމެއްގައި އިތުރު ކުރި ގޯތިތަކެއް ކަމެއް ނޭނގެ އެވެ.

- ކޮމެންޓް