ސިވިލް ކޯޓުގެ ޤާޒީ ފައްޔާޒު ޝާތިރުގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
އެ ކޮމިޝަނުން ބަލާފައިވަނީ ކޯޓުގެ ޙުކުމެއް ލަސްކުރުމާގުޅޭ މައްސަލައެކެވެ. އެއީ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ އަޑުއެހުންތައް ނިންމަވާލެއްވުމަށްފަހު، މައްސަލައިގެ ޙުކުމް ނުކުރައްވައި، 01 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް މަޑުޖައްސާލެއްވި މައްސަލައެކެވެ.
ޖޭއެސްސީން އެކަން ބެލުމަށް ނިންމީ އެ މައްސަލަ ކުރިއަށް ގެންދިޔުމުގައި ފަރުވާކުޑަ ކުރައްވާފައިވާކަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއަކާއި ގުޅިގެންނެވެ.
އެ މައްސަ؛ލަ ބެލުމަށް 2023 ޖަނަވަރީ 8 ވީ އާދިއްތަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 2 ވަނަ ޖަލްސާގައި ނިންމައި، އެ ޝަކުވާ ތަޚްޤީޤު ކުރުމަށް ކޮމިޓީއެއް އެކުލަވާލައިގެން މައްސަލަ ވަނީ ބަލާފައެވެ.
ޖޭއެސްސީން ބުނީ، އެ މައްސަލަ ބެލިބެލުމުން، ފަނޑިޔާރުންގެ ސުލޫކާ ޚިލާފުވެފައިވާކަން ސާބިތު ނުވާކަމަށެވެ.