ކ. މާލެ
|
2 އޯގަސްޓް 2023 | ބުދަ 12:44
ކޭ ޕާކު ފްލެޓުތަކުގެ މައްސަލާގައި ހިމެނޭ ހަސަން މަމްދޫހު (މަންޑޭ)
ކޭ ޕާކު ފްލެޓުތަކުގެ މައްސަލާގައި ހިމެނޭ ހަސަން މަމްދޫހު (މަންޑޭ)
ރާއްޖެއެމްވީ
މަންޑޭގެ ޕާސްޕޯޓު ދޫކޮށްލުން
މަންޑޭގެ ޕާސްޕޯޓު ދޫކޮށްލަން ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށްފި
ތިން ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ މަންޑޭގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށްފައި
ޚާއްސަ ޙާލަތުގައި ލުއި ދިނުމަކީ އެކަމުގެ ޟަރޫރަތްތެރިކަމެއްގެ މައްޗަށް ބަލައި ކޯޓުތަކުން ކޮންމެވެސް މިންވަރަކަށް ކުރާ ކަމެއް
އަމުރު ނެރޭއިރު، އެއީ އެ ނޫން ގޮތަކަށް އެ ކަންކަން ފުރިހަމަ ކުރެވެން ނެތް ޙާލަތެއްތޯ ފަނޑިޔާރު ބަލަން ޖެހޭ

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ ޕާކު ފްލެޓުތަކުގެ މައްސަލާގައި ހިފަހައްޓާފައިވާ ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކޮށްފިއެވެ.

ހައިކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މުޙައްމަދު ޝަނީޒު އަބްދުﷲ އެވެ. ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުޙައްމަދު ނިޔާޒު އަދި ފަނޑިޔާރު ޙަސަން ޝަފީއުއެވެ.

ފަނޑިޔާރު ވިދާޅުވީ، ޚާއްސަ ޙާލަތުގައި ލުއި ދިނުމަކީ އެކަމުގެ ޟަރޫރަތްތެރިކަމެއްގެ މައްޗަށް ބަލައި ކޯޓުތަކުން ކޮންމެވެސް މިންވަރަކަށް ނަމަވެސް ކުރަމުންދާ ކަމެއް ކަމަށެވެ.

މި މައްސަލައިގައި ޚާއްސަ ޙާލަތެއް އޮތްތޯ ބަލާއިރު، ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ ޙަސަން މަމްދޫހުގެ އަނބިމީހާ 23 މެއި 2023 ގައި ހޮސްޕިޓަލުގައި ސިޒޭރިއަންއެއް ހަދާފައިވާ ކަމަށާއި، އެ ޙާލަތާއި ގުޅިގެން އާއިލާއާ ބައްދަލުކޮށް ބޭސްފަރުވާ ފަދަ ކަންކަން އިންތިޒާމު ކުރަންޖެހޭތީ ޚާއްސަ ޙާލަތެއްގެ ގޮތުގައި ބަލާފައެވެ.

އޭގެ އިތުރުން، 3 ޖޫން 2023 ގައި ޙަސަން މަމްދޫހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ސިޓީގައި ވަނީ އޭނާގެ އަނބިމީހާ މެލޭޝިއާގައި ވިހެއި ދަރިފުޅުގެ ފޫޅުމާ ފޯމާއި، ދަރިފުޅުގެ ޕާސްޕޯޓު ހެއްދުމަށް ބޭނުންވާ އުފަންދުވަހުގެ ސެޓްފިކެޓު ހެއްދެން އޮތީ އޭނާގެ ޕާސްޕޯޓުގެ އޮރިޖިނަލް އެ ހޮސްޕިޓަލަށް ލިބިގެންކަމަށް ބަޔާންކޮށްފައެވެ.

އަދި ދަރިފުޅު ރާއްޖެ ގެނެވެން އޮތީ އެކަންކަން ކޮށްގެންކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެ ޙާލަތްތަކަށް ބަލާއިރު، އޭނާ އާއިލާ ކައިރިއަށް ދިއުމުގެ ބޭނުންތެރިކަން އޮތްކަމަށް ފެނިވަޑައިގަންނަވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ، ޚާއްސަ ޙާލަތެއްގައި އަމުރު ނެރޭއިރު، އެއީ އެ ނޫން ގޮތަކަށް އެ ކަންކަން ފުރިހަމަ ކުރެވެން ނެތް ޙާލަތެއްތޯ ފަނޑިޔާރު ބަލަން ޖެހޭނެކަމަށާއި، ނަމަވެސް ދަށު ކޯޓުގެ އަމުރުން އެކަން އެނގޭކަށް ނެތް ކަމަށެވެ.

ފަނޑިޔާރުންގެ އިއްތިފާޤުން މި މައްސަލައިގައި ނިންމާފައިވަނީ ކްރިމިނަލް ކޯޓުން ޚާއްސަ ޙާލަތްތަކެއްކަމަށް ބަޔާންކޮށް ޕާސްޕޯޓު ދޫކޮށްލުމަށް ނިންމާފައިވަނީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދެކޭގޮތް ބެލުމެއް ނެތި، އަދި އަޑުއެހުމުގައި ބައިވެރިވި ފަރާތްތަކަށް އެކަމުގައި ވާހަކަ ދެއްކުމުގެ އެކަށީގެންވާ ފުރުސަތުވެސް ދިނުމެއް ނެތި ކަމަށެވެ.  

އެއީ އެނޫން ގޮތަކަށް ކުރެވެން އޮތް ކަމެއްތޯ ނުވަތަ ނޫންތޯ ވަޒަން ކުރުމެއްވެސް ނެތި، ދަތުރުފަތުރުގެ މިނިވަންކަން ހިފެހެއްޓުމަށްވުރެ މަސްލަޙަތު ބޮޑީ ވަގުތީީ ގޮތުން ފުރައިގެން ދިއުމުގެ ހުއްދަ ދިނުމަށްކަމަށް ކްރިމިނަލް ކޯޓުން ކަނޑަައަޅާފައިވަނީ އެފަދަ ނިންމުމެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭ ކަންކަމަށް ރިއާޔަތް ނުކޮށް ކަމަށާއި، ފިލައިގެން ދިއުމުގެ އިހުތިމާލު އޮތް މިންވަރުވެސް ވަޒަން ނުކޮށްކަމަށް ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.

ވުމާއެކު، ތިން ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ މަންޑޭގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށްފައެވެ.  

މައްސަލައިގެ ޚުލާސާއެއް:

ހަންބޯ މޯލްޑިވްސްގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން، މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި, ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލާގައި އެ ކުންފުނީގެ ދިވެހި ހިއްސާދާރު ކަމަށްވާ މަންޑޭއަށް ވައްކަމުގެ ތުހުމަތުކޮށް ޖިނާއީ ތަހުގީގުކުރުމަށް، ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު ވަނީ މައްސަލަ ހުށަހަޅާފައެވެ.

މިމައްސަލައާ ގުޅިގެން، މީގެ ކުރިން ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ވަނީ މަންޑޭގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރެދީފައެވެ. ނަމަވެސް ކުރީގެ އަމުރު މުރާޖާ ކުރުމަށްފަހު ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލުމަށް ފަހުން ނިންމުމުން، ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް