މޫދުން ނަގާ ވެއްޔަށް ސަރުކާރުން ފީ ނެގުމަށް މަޝްވަރާތައް ފަށައިފިއެވެ.
މަޝްވަރާ ތަކާ ބެހޭ ގޮތުން މި ނޫހަށް މައުލޫމާތު ދިން އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތު ކޮށް ބުނީ، އެކި ދާއިރާ ތަކާ އެކު މިހާރުވެސް މި ކަމުގައި މަޝްވަރާ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ މޫދުން ނަގާ ކޮންމެ ކޮޑި މީޓަރުގެ ވެއްޔަށް 1 ޑޮލަރާ 5 ޑޮލަރާ ދެމެދުގެ ފީ އެއް ނެގުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ވެލި ނެގުމަކީ ހުއްދަ ނަގައިގެން ކަނޑައަޅާ ސަރަހައްދު ތަކަކަުން ސަރުކާރަށް ފީ އެއް ދައްކަން ނުޖެހި ރަށްރަށުގައި ދިރިއުޅެން ކުރާ މަސައްކަތެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ކުރަމުން އަންނަ ކަމެކެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ކުރެވިފައިވާ މަޝްވަރާ ތަކުން އަމިއްލަ ކޮންޓްރެކްޓަރުންގެ ކަންބޮޑުވުން ފާޅު ކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ބިންހިއްކުމާއި ގޮނޑު ދޮށް ހިމާޔަތް ކުރުމާއި އިމާރާތް ކުރުމުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދާނެ ކަން އެ ފަރާތްތަކުން ފާހަގަ ކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ މަޝްރޫއުތަކަށް މި ފީ ހިނގާނެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ މިހާރުވެސް އެ ސުވާލު ޕްރައިވެޓް ކޮންޓްރެކްޓަރުން ކުރާ ކަމަށާއި އެކަމުގައި ވަކި ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދު ރަނގަޅު ކޮށް ސަރުކާރުގެ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުގެ ވެރިންގެ ފެންވަރުގައި ދައްކަވާފައިވާ ތަފާތު ވާހަކަތައް މިހާތަނަށް ވަނީ އާންމުކޮށްފައެވެ. އެގޮތުން މޫދު ލޮނުން ފުއް ލޮނު އުފެއްދުމާއި އާއި އިމާރާތްތައް ސާފު ކުރުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނި ވެމްކޯ އިން ފަށާ ވާހަކަ އާއި ސަރުކާރުން ޓެކްސީ ފްލީޓެއް ފެށުމުގެ ވާހަކަ ތައް ވެސް ވަނީ ދެކެވިފައެވެ. އާމްދަނީ ހޯދަން ރާއްޖޭގައި މަނާ ކޮށްފައި އޮތް ލޭނު އެޅުމާއި މިޔަރުގެ ވިޔަފާރި އަށް ހުއްދަ ދޭ ވާހަކަ ވެސް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ. ސަރުކާރުން ގެންދަނީ އެކި ބާވަތުގެ ފީ އާ ޖުރިމަނާ ފައިސާ ނުދައްކާ ފަރާތްތަކަށް ވެސް އެ ފައިސާ ދެއްކުމަށް ޕްރެޝަރ ކުރަމުންނެވެ. އެހެން ނަމަވެސް އަމިއްލަ ވިޔަފާރިތަކުން ބުނަމުން އަންނަނީ ސަރުކާރުން އަމިއްލަ ފަރާތްތަކުގެ ބިލްތަކަށް ދޭން ޖެހޭ ފައިސާ އެތައް މަސްތަކެއް ފާއިތުވެގެން ދާއިރުވެސް ނުލިބޭ ކަމުގައެވެ.