ސޯޝަލް މީޑިޔާ ޕްލެޓް ފޯމް ޓްވިޓަރގެ ނޫ ދޫނި ލޯގޯގެ ބަދަލުގައި ކަޅު ބެކްގްރައުންޑެއްގައި ހުދު އަކުރުން އިނގިރޭސި އެކްސް އަކުރު ލިޔެފައިވާ އައު ލޯގޯ ދައްކާލައިފިއެވެ.
ޓްވިޓަރގެ ވެރިޔާ އީލޮން މަސްކާއި ޓްވިޓަރ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ލިންޑާ ޔަކަރީނޯ ވަނީ އައު ލޯގޯ ހާމަކުރުމުގެ ގޮތުން، ފޮޓޯއާއެކު ޓްވީޓެއްކޮށްފައެވެ. މީގެ އިތުރުން ސެންފްރެންސިސްކޯގައި ހުންނަ ޓްވިޓަރގެ އޮފީހުގެ ބޭރުގައިވެސް ވަނީ އައު ލޯގޯ ކަމުގައިވާ އެކްސް ދިއްލާލާފައެވެ.
މަސްކާއި ޔަކަރީނޯގެ ޓްވިޓަރގައި މިހާރު ފެންނަނީ ނޫ ދޫނީގެ ބަދަލުގައި އެކްސް ލޯގޯއެވެ. ނަމަވެސް އަދިވެސް ކުރީގެ ލޯގޯ ކަމުގައިވާ ދޫނި، ޓްވިޓަރއިން ފެނެއެވެ.
އައު ލޯގޯއަށް ފާޑުކިޔާ ފަރާތްތަކުން ގެންދަނީ ޓްވިޓަރ ތެރޭގައި ހޭޝްޓެގް ގުޑްބައި ޓްވިޓަރ ބޭނުންކޮށްގެން ޓްވީޓްތައް ކުރަމުންނެވެ. މި ހޭޝްޓެގް ޓްވިޓަރގައި އަންނަނީ ޓްރެންޑްވަމުންނެވެ.
އާދިއްތަ ދުވަހު، ޓްވިޓަރގެ ވެރިޔާ މަސްކު ވަނީ ޓްވިޓަރގެ ލޯގޯ ބަދަލުކުރަން ބޭނުންވާކަމަށް ބުނެފައެވެ. އަދި އޭނާގެ އެތައް މިލިއަން ފޮލޯވަރުންނަށް ވަނީ ޓްވިޓަރގެ ކުލަ ނޫ ކުލައިން ކަޅު ކުލައަށް ބަދަލުކުރުމަށް ތާއީދުކުރާނެތޯ ބުނެ ޕޯލަކަށް ހުޅުވާލާފައެވެ.
މަސްކު ވަނީ ކަޅު ކުލައިގެ ބެކްގްރައުންޑެއްގައި ހުދު ކުލައިން އެކްސް އަކުރު ލިޔެފައިވާ ފޮޓޯ އެއް ޕޯސްޓްކޮށްފައެވެ. އަދި އެއީ ވަގުތީ ލޯގޯއެއްކަމުގައި ބުނެފައިވެއެވެ. އަދި ވަރަށް އަވަހަށް ޓްވިޓަރގައި ބޭނުންކުރާ ދޫނި ލޯގޯއަށް އަލްވަދާއު ކިޔާނެކަމަށް ބުނެ ޓްވީޓެއް ކޮށްފައިވެއެވެ.
ޓްވިޓަރގެ ނޫ ކުލައިގެ ދޫނީގެ ލޯގޯ ޑިޒައިންކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ.