ކ. މާލެ
|
31 އޯގަސްޓް 2024 | ހޮނިހިރު 18:53
އެކްސްގެ ވެރިޔާ، އީލޮން މަސްކް
އެކްސްގެ ވެރިޔާ، އީލޮން މަސްކް
ރޮއިޓާސް
އެކްސް
ކޯޓު އަމުރަކަށް ބްރެޒިލްގައި އެކްސް މަނާ ކޮށްފި
މައްސަލަ ޖެހުނީ ދޮގު މަޢުލޫމާތު ފެތުރުމުގެ ތުހުމަތު ކުރެވޭ އެކްސް އެކައުންޓްތައް ހިންގާ ފަރާތްތަކުގެ ތަހުގީގު ހިނގަމުންދާތީ އެ އެކައުންޓްތައް ވަގުތުން ބަންދު ކުރުމަށް އެކްސް އިން ދެކޮޅު ހެދުމެވެ.

އެކްސް ގެ ޚިދުމަތް ވަގުތުން އެ ގައުމުގައި ހުއްޓުމަކަށް ގެނައުމަށް ބްރެޒިލްގެ ކޯޓަކުން އަމުރު ކޮށްފިއެވެ.

ފަނޑިޔާރު އެލެޝަންދްރީ ދި މޮރާއިސް ކުރެއްވި އަމުރުގައި ވަނީ އެކްސް ގެ މައްޗަށް މިހާތަނަށް ކޯޓުން ނެރެފައިވާ އަމުރުތަކަށާއި، ކޮށްފައިވާ ޖުރިމަނާތަކަށް ފުރިހަމަ އަށް އަމަލު ކުރަންދެން "ވަގުތުން އަދި ފުރިހަމަ އަށް" އެކްސް ގެ ޚިދުމަތް ހުއްޓާލުމަށެވެ.

ބްރެޒިލްގެ ކޯޓާއި އެކްސް ނުވަތަ ކުރީގެ ނަމުން ނަމަ ޓްވިޓަރ އާ ދެމެދު އަރާރުން އުފެދެން ފެށީ މިދިޔަ އޭޕްރީމް މަހު ބްރެޒިލް ގައި ދޮގު މައުލޫމާތު ފަތުރާ ކަމަށް ތުހުމަތު ކުރާ ބައެއް އެކައުންޓްތައް ބްލޮކް ކުރުމަށް އެކްސް ގެ މައްޗަށް ކުރި އަމުރަކާ ގުޅިގެންނެވެ.

މި އަމުރު ކުރުމާއެކު އެއަށް ރައްދު ދެމުން އެކްސްގެ އޯނަރު އީލޮން މަސްކް ބުނެފައިވަނީ ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަކީ ޑިމޮކްރަސީގެ ބިންގާ ކަމަށާއި، އިންތިޚާބު ނުކުރާ ބްރެޒިލްގެ ފަނޑިޔާރަކު ސިޔާސީ ބޭނުމަށް އެ ބިންގާ ހަލާކު ކޮށްލަނީ ކަމުގައެވެ.

ބްރެޒިލްގެ 200 މިލިއަން މީހުން އާބާދީގެ 10 އިންސައްތަ މީހުން އެކްސް ބޭނުން ކުރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބްރެޒިލްގައި އެކްސް ބޭނުން ކުރާ މީހުން ބުނާ ގޮތުގައި ހޮނިހިރު ދުވަހު ހެނދުނު ވީއިރު އެކްސް އަކަށް ނުވަދެވެއެވެ.

މި މަހުގެ ކުރީ ކޮޅު ބްރެޒިލްގައި ހުންނަ އެކްސް ގެ އޮފީސް ވަނީ ބަންދުކޮށްފައެވެ. އޮފީސް ބަންދުކުރި ސަބަބެއް ކަމަށް ބުނެފައިވަނީ، ކޯޓުގެ އަމުރަށް ނުކިޔަމަންތެރި ވެއްޖެ ނަމަ ކަމާބެހޭ އޮފިޝަލުން ހައްޔަރުކުރާނެ ކަމުގެ އިންޒާރު ލިބިފައި އޮތުމުންނެވެ.

ފަނޑިޔާރު މޮރާއިސް އަމުރުކުރެއްވީ ދޮގު މަޢުލޫމާތު ފެތުރުމުގެ ތުހުމަތު ކުރެވޭ އެކްސް އެކައުންޓްތައް ހިންގާ ފަރާތްތަކުގެ ތަހުގީގު ހިނގަމުންދާތީ އެ އެކައުންޓްތައް ވަގުތުން ބަންދު ކުރުމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކޯޓުން ބްލޮކް ކުރަން އަމުރުކުރި އެކައުންޓަތަކަކީ ކުރީގެ ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯގެ ތާއީދު ކުރާ ފަރާތްތަކެއްގެ އެކައުންޓްތަކެވެ.

ފަނޑިޔާރު ވިދާޅުވީ އެއްވެސް އެކައުންޓެއް އަލުން އެކްޓިވޭޓްކޮށްފިނަމަ، އެކަމުގެ ޒިންމާ ކުންފުނީގެ ޤާނޫނީ މަންދޫބުން އުފުލަންޖެހޭނެ ކަމަށެވެ. މި އަމުރާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ އެކްސް ޖޫރިމަނާ ކުރެވޭނެކަމުގެ އިންޒާރު ވެސް ފަނޑިޔާރު ވަނީ ދެއްވާފައެވެ. މި އަމުރާ ގުޅިގެން އެކްސްގެ ވެރިޔާ މަސްކް އާއި ބްރެޒިލްގައި މި އަމުރާ ދެކޮޅު ހަދާ ފަރާތްތައް ގުޅިގެން ފަނޑިޔާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ޖަސްޓިސް މޮރާއެސް ވަނީ އެޕަލް އަދި ގޫގަލް ފަދަ ކުންފުނިތަކަށް، އެ ޕްލެޓްފޯމް ތަކުން އެކްސް އެޕްލިކޭޝަން ނެގުމަށް 5 ދުވަހުގެ މުއްދަތެއް ދިނުމުގެ އިތުރުން އައިއޯއެސް އަދި އެންޑްރޮއިޑް ސިސްޓަމްތަކުގައި އެކްސް ބޭނުން ކުރުން މަނާކުރުމަ ވެސް ފަނޑިޔާރު ވަނީ އަމުރުކުރައްވާފައެވެ.

ބްރެޒިލްގެ ކޯޓުން ވަނީ ވީޕީއެން (ވަރޗުއަލް ޕްރައިވެޓް ނެޓްވޯކް) ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އެކްސް ބޭނުން ކުރާ ފަރާތްތައް 50،000 ބްރެޒީލިއަން ރިއާލް (6،700 ޕައުންޑް) އިން ޖުރިމަނާ ކުރުމަށް އަދަބު ކަނޑައަޅާފައެވެ. ފަނޑިޔާރުގެ އަމުރުގައިވާ ގޮތުން، އެކްސް އިން ބްރެޒިލްގައި އެކުންފުނި ތަމްސީލް ކުރަން އައު ގާނޫނީ މަންދޫބެއް ކަނޑައަޅާ، ބްރެޒިލްގެ ގާނޫނާ ޚިލާފްވުމާ ގުޅިގެން ދައްކަންޖެހޭ ޖުރިމަނާ ފައިސާ ދައްކަންދެން އެކްސް މަނާ ކޮށްފައި އޮތް އޮތުން ދެމި އޮންނާނެއެވެ.

އެކްސްގެ ރަސްމީ އެކައުންޓަކުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި އަމުރާ އެއް ގޮތަކަށް އެ ކުންފުނިން އަމަލު ނުކުރާނެ ކަމަށެވެ.

މިއާއެކު، ބްރެޒިލްގެ ސުޕްރީމް ކޯޓުން ކުރިން ނެރުނު އަމުރަކާ ގުޅިގެން މަސްކްގެ ސެޓެލައިޓް އިންޓަނެޓް ކުންފުނި ސްޓާލިންކްގެ ބޭންކް އެކައުންޓްތައް ބްރެޒިލްގައި ވަނީ ފްރީޒް ކޮށްފައެވެ.

ސްޓާލިންކުން މިކަމާ ގުޅޭގޮތުން އެކްސްގައި ކުރި ޕޯސްޓްގައި ބުނެފައިވަނީ "މި އަމުރު ބިނާވެފައިވަނީ އެކްސްއާ ދެކޮޅަށް އަދި ޤާނޫނު އަސާސީއާ ޚިލާފަށް ކަނޑައަޅާފައިވާ ޖޫރިމަނާތަކަށް ސްޓާލިންކުން ޒިންމާވާންޖެހޭނެކަމަށް ބުނާ އަސާސެއް ނެތް ނިންމުމެއްގެ މައްޗަށް" ކަމަށެވެ..

އެކްސްއަކީ ބްރެޒިލްގެ މުއައްސަސާތަކުގެ ފިއްތުންތަކާ ކުރިމަތިވި ފުރަތަމަ ސޯޝަލް މީޑިއާ ކުންފުނި ނޫންކަން ފާހަގަ ކުރެވެއެވެ.

މިދިޔަ އަހަރު، ވަގުތީގޮތުން އެ ގައުމުގައި ޓެލެގްރާމް މަނާކުރެވުނެވެ. އެއީ ވަކި ޕްރޮފައިލްތަކެއް ބްލޮކްކުރުމަށް ކުރި އަމުރަށް އެއްބާރުލުން ނުދިނުމުގެ ސަބަބުންނެވެ.

މެޓާގެ މެސެޖިންގ ސަރވިސް ވަޓްސްއެޕްވެސް ވަނީ 2015 އަދި 2016 ގައި ވަގުތީގޮތުން މަނާކުރެވިފައެވެ. އެއީ ވަޓްސްއެޕް ބޭނުން ކުރާ ބައެއް ފަރާތްތަކުގެ މައުލޫމާތޫ ހޯދުމަށް ފުލުހުން އެދިގެން އެކަމަށް އެއްބާރުލުން ނުދިނުމުގެ ސަބަބުންނެވެ.

- ކޮމެންޓް