ކ. މާލެ
|
11 މެއި 2023 | ބުރާސްފަތި 15:54
އިދިކޮޅު ފަރާތްތަކުން ގުޅިގެން ގެންދަނީ ސަރުކާރަށް އެކިކަހަލަ ފުރައްސާރަ ކުރަމުން
އިދިކޮޅު ފަރާތްތަކުން ގުޅިގެން ގެންދަނީ ސަރުކާރަށް އެކިކަހަލަ ފުރައްސާރަ ކުރަމުން
ރާއްޖެއެމްވީ
އިދިކޮޅު ސިޔާސީ ޕާޓީތައް
ބޭނުމަކީ ވެރިކަން، ނިވާފަތްގަނޑަކަށް ޗާގޯސް
އިދިކޮޅުގެ ބޭނުމަކީ އިންތިޚާބަށް ފައިވިއްދޭނެ ގޮތުގެ ފޯމިއުލާ ހެދުން
ރައްޔިތުންނަށް ދައްކުވައިދޭ މަންޒަރަކީ މިއީ ގައުމަށްޓަކައި ނުކުންނަ ބައެއްކަން
ސިޔާސީ ގޮތުންވެސް ތެލާއި ފެން އެއްނުވާނެކަމަށް ދުށް ބަޔަކު ތިބި

ސިޔާސީ ކަންކަމަކީ ފާޑެއްގެ ކަމެކެވެ. އިއްޔެގެ ހަތުރުން މިއަދު މިތުރުންނަށްވެ، ކަރާއި ކަރު މަހާލާތަންވެސް ފެނިދާނެއެވެ. ހަމައެކަނި ރާއްޖޭގައެއް ނޫނެވެ. ދުނިޔެއަށް ބަލައިލިޔަސް ފެންނަން އޮތް ސިޔާސީ ހަގީގަތަކީ އެއީއެވެ.

ނަމަވެސް ސިޔާސީގޮތުން ވިއަސް އަދި އެހެން ގޮތަކުންވިޔަސް، ތެލާއި ފެން އެއްނުވާނެކަމަށް ދުށް ބަޔަކު ތިއްބެވެ. ސިޔާސީ ފޯރީގައި ރާއްޖޭގެ އެންމެ ވާދަވެރި ދެ ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީއާއި ޕީޕިއެމް އެއްގަލަކަށް އަރައި، އެކީގައި މަސައްކަތްކުރުމަކީ ފެނިދާނެ މަންޒަރެއްކަމަކަށް މީހުން ހިއެއް ނުކުރެއެވެ.

އެމްޑީޕީއެއް ނޫނެވެ. އެމްޑީޕީގެ ތެރެއިން ބޮޑާހާކާފައި ނުކުމެ އުޅޭ "ފިކުރެއްގެ ދިރުމުގެ" މެމްބަރުންނެވެ. ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ރަތް މަހަށް ނުގޮވާހައި އެއްޗެހި ތާއަބަދުމެ ގޮވި ބޭފުޅުންނެވެ. ޔާމީނަކީ "ވަގެއް" ކަމަށާއި، ވަގުންނަށް ބައިއަތުހިފާނީވެސް ވަގުންކަމަށް ބުނެ އުޅުނު މީހުން މިއަދު ތިބީ ޔާމީނުގެ އަރިހަށް ޒައިތޫނި ފަތްކޯޅި ހިފައިގެން ގޮހެވެ.

ޕީޕީއެމްގެ ހާލަކީވެސް އެއީއެވެ. ފިކުރެއްގެ ދިރުމުގެ އިސްކޮށް އުޅުއްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ޕީޕީއެމުން ނިކަން ރުޅިއަންނަ ބޭފުޅެއްގެ ގޮތުގައި އޮތީ ފެންނާށެވެ.

އެ ރުޅިއާއި ނުރުހުމުގެ އިންތިހާގައި ގިނަ ފަހަރު ނަޝީދަކީ މުސްލިމެއްވެސް ނޫންކަމަށް ގޮވާފައިވަނީ މަދު ފަހަރަކު ނޫނެވެ. ނަމަވެސް ޕީޕީއެމުންވެސް ފެންނަނީ އޭރު ގޮވުނު އެއްޗެއްސާމެދު ލަދުވެތި ހިނިތުންވުމަކާއެކުވެސް، މަޝްވަރާގެ މޭޒުގައި އަތްދަމާލާފައިވާ މަންޒަރެވެ.

އެހިސާބުން ބަލައިލަން ބޭނުންވީ ތެލާއި ފެން މި އެއްވީ ކީއްވެބާއެވެ؟ ގައުމުގެ މިނިވަންކަން ގެއްލި، ސިޔާދަތު ހަސްފަސްވެ، ދީން މުގުރާލައި، ރައްޔިތުން އަޅުވެތިކުރަން ބަޔަކު އަރައިގަތީބާއެވެ؟ އެ ހާލަތުގައި ފަހަރުގައި މިދެންނެވި ބޭފުޅުންވެސް އެއްގަލަކަށް އަރާވަޑައިގަތުމަކީ ވެދާނެކަމަކަށް ވާތީއެވެ.

ނޫނެކެވެ. އެހެނެއްވެސް ނޫނެވެ. ރައްޔިތުން ހަމަ އާންމު ދިރިއުޅުމުގައި ހޭލަމޭލަވެ އުޅެނީއެވެ. ގައުމުގެ ދިދަ ހަމަ އޭގެ މިނިވަންކަން މަތީގައި ވިހުރެނީއެވެ. އެމީހަކު ބޭނުން ޝުއޫރެއް، ބޭނުން ހިޔާލެއް ފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ލިބިދީފައިވާ ސަރުކާރެއްގައި އެންމެންވެސް ހަމަ އެމީހެއްގެ ދިރިއުޅުމައިގެން މަޝްޣޫލުވެ އުޅެނީއެވެ. ތެލާއި ފެން މި އެއްވީ އަދި މިހެންވެގެން ނޫންކަން އެހިސާބުން އެނގުނެވެ.

ވީގޮތް އެނގިއްޖެއެވެ. ބޭ އޮފް ބެންގާލްގައި އުފެދިގެން އުޅޭ ތޫފާނެކޭ އެއްގޮތަށް ބޮޑު ވިލާގަނޑެއް ބޯމަތިވީއެވެ. ރިޔާސީ އިންތިޚާބުގެ ވިލާގަނޑެވެ. އެ ވިލާގަނޑުގެ ބާރުމިނުގައި ތެލާއި ފެންވެސް އެއްވާން ޖެހުނީއެވެ. މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރަން އިއްޔެގެ ހަތުރުވެސް މިއަދު މިތުރުވީއެވެ.

މި ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ހަގީގަތަކީ މިއީތާއެވެ. ހަދަމުން މިދަނީ ޗާގޯސްގެ ނިވަލުގައި ތިބެގެން އާ ގޯހެއް ހެދޭނެ ގޮތުގެ މަންތިރިއެވެ. އިންތިޚާބަށް ފައިވިއްދޭނެ ގޮތުގެ ފޯމިއުލާއެވެ. ރައްޔިތުންނަށް ދައްކުވައިދޭ މަންޒަރަކީ މިއީ ގައުމުން ބައެއް ގެއްލިގެން ނުކުންނަ ފަހުލަވާނުންތަކެއް ކަމެވެ. އެކަމަކު ހަގީގަތް ބަލާއިރު، އެންމެންގެ ހިތުގައިވެސް އޮތީ ވެރިކަމުގެ މަސްތާއި ހީލަތެވެ. މިއޮތީވާ ކަމެކެވެ. ބޭނުމަކީ ވެރިކަމެވެ. ނިވާފަތްގަނޑަކަށް ޗާގޯހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް