ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޯޓީއަކީ ބްރެޒިލްގެ ކޯޗުކަން ކޮށްދިނުމަށް، އެ ގައުމުގެ އެންމެ ފުރަތަމަ ހޮވުމެވެ. އަދި އެންޗެލޯޓީވެސް ބްރެޒިލާ ހަވާލުވާން ބޭނުންވާކަމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ރެއާލް ދަތުރުކުރުމާއި، ކޮޕާ ޑެލްރޭ މުބާރާތް ކާމިޔާބުކުރުމުން އޭނާގެ ޚިޔާލު ބަދަލުވުން ގާތްކަމަށް ސްޕޭނާއި ބްރެޒިލްގެ ނޫސްތަކުން ދަނީ ބުނަމުންނެވެ. ސަބަބަކީ ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒް، އެންޗެލޯޓީ އެ ޓީމުގައި ބަހައްޓަން ބޭނުންވުމެވެ.
އެންޗެލޯޓީއާއެކު ރެއާލްއިން ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އެބައޮތެވެ. ރެއާލްއަކީ އޭނާގެ ކޯޗިން ކެރިއަރުގައި ކޯޗުކޮށްދޭނެ އެންމެ ފަހު ކުލަބުކަމަށް އެންޗެލޯޓީ ވަނީ މިދިޔަ އަހަރު ބުނެފައެވެ. މިހެންވެ އޭނާގެ ކޮންޓްރެކްޓް ނިމެންދެން ރެއާލްއިން އޭނާ ކޯޗުކަމުގައި ބެހެއްޓުން ވަރަށް ގާތްކަމަށް ސްޕޭނުގެ ވަރަށް ގިނަ ނޫސްތަކުން މިހާރު ބުނެއެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް ބުނީ އެންޗެލޯޓީގެ ޚިޔާލު ބަދަލުވެއްޖެނަމަ ދެން ހަދާނެ ގޮތަކާމެދު ފެޑަރޭޝަނުން ވިސްނާފައިވާ ކަމަށެވެ.
އަހަރުމެންގެ ފުރަތަމަ ހޮވުމަކީ އެންޗެލޯޓީ. އެކަމާމެދު ޝައްކެއްވެސްނެތް. އޭނައަށްވެސް އެކަން އެނގޭނެ. އަހަރުމެން ރަސްމީކޮށް ވާހަކަ ނުދައްކާ މިތިބީ މި ސީޒަން ނިމެންދެން. ކުލަބެއްގަ ހުއްޓާ، ސީޒަންގެ މެދުތެރޭގަ އޭނާއާ ވާހަކަދައްކަން ފަށައިފިނަމަ ކުލަބަށް އޭގެ ނޭދެވޭ އަސަރު ކުރާނެތީ އެންޗެލޯޓީވެސް ބޭނުންވީ މެއި މަހަށްފަހު ވާހަކަ ދައްކަން.އެޑްނާލްޑޯ
އޭނާ ބުނީ އެންޗެލޯޓީގެ ޚިޔާލު ބަދަލުވެ، ބްރެޒިލަށް އޭނާ ނުލިބިއްޖެނަމަ ދެން ހަދާނެ ގޮތަކާމެދު ވިސްނާފައިވާކަމަށެވެ.
މިދިޔަ މުއްދަތުގަ (ޑިސެމްބަރު މަހު ނިމުނު ވޯލްޑްކަޕަށްފަހު މިހާހިސާބަށް) އަހަރުމެން ވާނީ ބްރެޒިލްގެ ކޯޗުންގެ ތެރެއިން ގައުމީ ޓީމާމެދު ޝައުގުވެރިކަން ހުރި ގިނަ ކޯޗުންތަކެއް ޝޯޓްލިސްޓްކޮށްފަ. މީގެތެރޭންވެސް ބައެއް ކޯޗުންނަކީ އެންޗެލޯޓީ ކޯޗުކޮށްދޭ ލެވެލްގެ ކޯޗުން.އެޑްނާލްޑޯ
އެންޗެލޯޓީ ނުލިބިއްޖެނަމަ ބްރެޒިލްގެ ކޯޗަކަށްވުން ގާތީ ފުލުމިނޭޒީގެ ކޯޗު، އުމުރުން 49 އަހަރުގެ ފެނާންޑޯ ޑިނިޒްކަމަށް އެ ގައުމުގެ މީޑިޔާތަކުން ލަފާކުރެއެވެ. ޑިނިޒްއަކީ ބްރެޒިލް މީހުންގެ ބުނާގޮތުގައި އެގައުމުގެ ގާޑިއޯލާއެވެ.
ބްރެޒިލްގެ ކޯޗުގެ މަގާމު ހުސްވީ އެންމެ ފަހުގެ ދެ ވޯލްޑްކަޕުގައި ލިބުނު ނާކާމިޔާބީއަށްފަހު ކޯޗުކަމުން ޓިޓޭ ވަކިވުމުންނެވެ. މިހެންވެ ބްރެޒިލުން އުއްމީދުކޮށްގެން އޮތީ އެންޗެލޯޓީ ފަދަ ދުނިޔޭގެ ފެންވަރުގެ ކޯޗަކު ގެނައުމަށެވެ. އޭނާއަކީ އިޓަލީގެ އޭސީ މިލާނާއި އިނގިރޭސި ކުލަބު ޗެލްސީއާއި ފްރާންސްގެ ޕީއެސްޖީ އަދި ޖަރުމަނުގެ ބަޔާން މިއުނިކްގައި ގިނަ ތަށިތަކެއް ހޯދި، ކުލަބު ލެވެލްގެ އެންމެ ކާމިޔާބު އަދި އެންމެ ތަޖުރިބާކާރު އެއްކޯޗެވެ.