ކ. މާލެ
|
21 މާރޗް 2023 | އަންގާރަ 22:39
ރައީސް ސާލިހުގެ ކޯލިޝަން ބައްދަލުވުން
ރައީސް ސާލިހުގެ ކޯލިޝަން ބައްދަލުވުން
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2023
ރައީސް ނަޝީދުގެ ތާއީދު ނުލިބުނަސް މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނަން: ފައްޔާޒު
ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ކުރިއަށްދެވެން އޮތީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދީގެން
ޖޭޕީގެ ތާއީދާ ނުލައިވެސް އިންތިޚާބު ކާމިޔާބު ކުރެވޭނެ

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދުގެ ތާއީދު ބޭނުންވާކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ތާއީދާނުލައި ވެސް މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް، އެމްޑީޕީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދުކުރާ ކޯލިޝަން ޕާޓީތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ، އަދާލާތު ޕާޓީއާއި އެމްޑީއޭ މިހާރު ކޯލިޝަނާ ގުޅިފައިވާއިރު، އިތުރު ޕާޓީތަކުން ވެސް ކުރިއަށް އޮތްތަނުގައި ކޯލިޝަނުގައި ބައިވެރިވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން އެ ކޯލިޝާނާ ގުޅުނުނަމަ އިންތިޚާބުގައި 60 އިންސައްތަ ވޯޓު ލިބޭނެ ކަމުގެ ޔަގީންކަން އޮތްކަމަށާއި، ނަމަވެސް އެ ޕާޓީއާ ނުލައިވެސް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމާމެދު ޝައްކެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ،

އެމްޑީޕީގެ ތެރެއިން އިތުރު ފެކްޝަނެއް ހަރަކާތްތެރިވުމާ ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދާ ޚިލާފަށް، އަދި ޕާޓީގެ ރައީސް، ނަޝީދު މިހާތަނަށް ވަކާލާތު ކުރެއްވި އުސޫލުތަކާ ޚިލާފަށް މަސައްކަތްކުރައްވާތީ ހިތާމަފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ހުރިހާ މެމްބަރުންނަކީ ވެސް ޚިޔާލުތަފާތުވުންތަކާއެކު، މިނިވަންކަމާއެކު އެ ޚިޔާލުތައް ފާޅުކުރެވޭ މެމްބަރުންކަމަށާއި އެހެންކަމުން އެފަދަ ކަންކަމުގެ ސަބަބުން ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި، ފިޔަވަޅު އަޅަން ބޭނުން ނުވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ފައްޔާޒު ވަނީ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ރައީސް ސާލިހާއެކު މި އިންތިޚާބުގައި ކުރިއަށްވަޑައިގަތުމަށް ނަސޭހަތްތެރިވެފައެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ކުރިއަށްދެވެން އޮތީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދީގެން ކަމަށެވެ.

ރައީސް ނަޝީދުގެ ތާއީދު ބޭނުންފުޅުވާކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، އެމަނިކުފާނުގެ ތާއީދު ނެތްނަމަވެސް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ. ނަމަވެސް ބޭނުންވަނީ އެމަނިކުފާނާ ގުޅިގެން އިންތިޚާބު ކާމިޔާބު ކުރަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް