Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2023 | އާދީއްތަ 15:55
ހިޔާ ޓަވަރު ތައް
ހިޔާ ޓަވަރު ތައް
ރާއްޖެއެމްވީ
ހިޔާ ފްލެޓް
ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ސަރވޭއެއް ކުރިއަށް ގެންދަނީ
ފެބްރުއަރީ 27 ވަނަ ދުވަހުން މާރޗް 6 ވަނަ ދުވަހަށް ސަރވޭ ކުރިއަށްދާނެ

ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ސަރވޭއެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ތަރައްޤީކޮށް ފެންވަރު ރަނގަޅު ކުރުމަށްޓަކައި، އެމީހުންގެ ޙިޔާލު ހޯދުމަށް ސަރވޭއެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ސަރވޭ ފެބްރުއަރީ 27 ވަނަ ދުވަހުން މާރޗް 6 ވަނަ ދުވަހަށް ކުރިއަށް ގެންދާނެ ކަމަށް ބުނެފައި ވެއެވެ.

މި ސަރވޭގައި އާމްދަނީ، ޚަރަދު އަދި ކޭޝް ކާޑުގެ އެއްވެސް މައުލޫމާތެއް އަދި ބޭންކް އެކައުންޓްގެ މައުލޫމާތު ވެސް ނާހާނެ ކަމަށް ވަނީ ބުނެފައެވެ. ސަރވޭއަށް މައުލޫމާތު އެއްކުރާނީ އެޗްޑީސީގެ މުވައްޒަފެއްކަން އަންގައިދޭ ކާޑު އަޅައިގެން ކަމަށާއި އިތުރު މައުލޫމާތެއް ސާފުކުރަން ޖެހިއްޖެނަމަ ކޯޕަރޭޝަންގެ ރަސްމީ ނަންބަރަކުން ގުޅާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައި ވެއެވެ.

Advertisement

އެޗްޑީސީން އިތުރަށް ބުނީ ސަރވޭއާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ނުވަތަ ޝަކުވާއެއް އޮތްނަމަ ކޯލް ސެންޓަރު ނަންބަރު 1516 އަށް ގުޅޭނެ ކަމަށެވެ.

އެޗްޑީސީން މި ސަރވޭ ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓުތަކުގައި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެޗްޑީސީން ބުނީ ހިޔާ ފުލެޓްތަކަކީ އެންމެބޮޑު އެއް އަބާދީއެއް އެއް ސަރަހައްދެއްގައި ދިރިއުޅެމުން ގެންދާ ސަރަހައްދަށްވާއިރު އެ ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަމަށާއި، ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ފަސޭހައަށް ގިނަ އުސޫލުތަކަކާއި ގަވާއިދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން، ފިނިޝިންގެ މަސައްކަތްތައް ކުރުމުގައި އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި އިމާރާތުގެ ސްޓަރަކްޗާ އަށް ގެއްލުން ވާ ފަދަ ޓޫލްތައް ބޭނުން ކުރުން ނުވަތަ އެކަހަލަ މަސައްކަތް ކުރުމަކީ މަނާ ކުރެވިފައިވާ ކަމެއް ކަމަށެވެ.

އެފަދަ ކަންކަން މަނާ ކުރެވިފައިވަނީ ރައްޔިތުންގެ ފަސޭހަ އާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް ކަން ފާހަގަކޮށް އެޗްޑީސީން ބުނީ ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން އެގޮތަށް ފާހަގަކުރެވިފައިވާ އެޕާޓްމަންޓް ޔުނިޓްތައް ޖޫރިމަނާ ކޮށް، ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި މިހާރުވެސް މިކަމަށް ހާއްސަ އިންސްޕެކްޝަނެއް ހިޔާ ފުލެޓްތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް