ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ އަދި ލީގަލް ޑިޕާޓްމަންޓް ގެ ހެޑް މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް، އޮފީހުގެ އެކްސެސް ކަނޑާލައިފި އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީގެ އެކްޒެކެޓިވް ޓީމުގައި ހިމެނޭ، އަދި އެ ކުންފުނީގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ އަހްމަދު ޒިނަފް އާއި ޗީފް ރިސޯސް އޮފިސަރ މުޙައްމަދު އިލްހާމް އަދި ލީގަލް ޑިޕާޓުމެންޓުގެ ވެރިޔަކަށް ހުންނެވި ޑރ. ފާތުމަތު ޝިއުނީ އަށް ފިޔަވަޅު އެޅީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
"އެ އޮފިސަރުންނަށް އަންގާފައި އޮތީ، ވަޒީފާގެ ޒިންމާތަކުން އެކަހެރި ކުރި ކަމަށް، އެއްވެސް ސަބަބެއް ނޭނގޭ،" މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
އިތުބާރު ހުރި ގޮތަކަށް އެނގިފައިވަ ގޮތުގައި، އެ މުވައްޒަފުންނަށް އީމެއިލް ވެސް، އޮފީހަށް ވަންނަ އެކްސެސް ވެސް ވަނީ ކަނޑާލާފައެވެ.
"އީމެއިލް ވެސް އަދި އޮފީހަށް ވަންނަ އެކްސެސް ވެސް ވަނީ ކަނޑާލާފައި، އެމީހުންނަށް އޮފީސް އިމާރާތުގެ ތެރެއަށް ވެސް އަދި ނުވަދެވޭނެ އަމިއްލަ އަކަށް، އެމީހުންނަށް ވާންވީ ގޮތެއް ވެސް އަދި ނޭނގޭ، ކަނޑާލި ކަމެއް އަދި ޔަގީނެއް ނޫން،" މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ސަސްޕެންޑުކުރި އެޗްޑީސީގެ ތިން ވެރިންގެ އިތުރުން އެޗްއާރުގެ ޑިރެކްޓަރަކާއި އެ ޑިޕާޓްމެންޓުގެ އެސިސްޓެންޓު ޑިރެކްޓަރެއް ވެސް ސަސްޕެންޑުކުރި އެވެ.
މައުލޫމާތު ދިން ފަރާތުން ބުނީ އަދިވެސް އިތުރު ފަރާތްތަކަށް ފިޔަވަޅު އަޅަން މެނޭޖްމަންޓުން ރާވާފައިވާ ކަމަށާއި، އެކަން އަންގާރަ ދުވަހު ވެސް ކުރިއަށް ދާނެ ކަަމަށް ބެލޭ ކަމަށެވެ.
އެޗްޑީސީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި އެކި ފަންތީގެ މުވައްޒަފުންތަކަކަށް އެއްވެސް އިންސާފެއް ނެތި ފިޔަވަޅު އަޅަން މި ފެށީ އެތަނުގެ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބަދަލުކުރިތާ ހަފްތާއެއް ވެސް ނުވަނީހެވެ.