ކ. މާލެ
|
21 ފެބްރުއަރީ 2023 | އަންގާރަ 14:36
އެމްޑީީޕީ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
އެމްޑީީޕީ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
އެމްޑީޕީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ޕްރައިމަރީއާ ގުޅޭ މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި
މި މައްސަލައިގައި މައިގަނޑުގޮތެއްގައި އެދިފައިވަނީ އެމްޑީޕީގެ ޕްރައިމަރީ އަލުން ބޭއްވުމަށް
މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި މައްސަލައިގެ އަޑުއެހުން ވަނީ ތާވަލު ކޮށްފައި
އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައީސް ޞާލިހު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ޕްރައިމަރީއާ ގުޅިގެން އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް އެ ކޯޓުން ބަލައިގެންފިއެވެ.

ސިވިލް ކޯޓުގެ އޮފިޝަލަކު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއާ ގުޅިގެން ތިން މައްސަލައެއް ހުށަހަޅައިފައިވާ ކަމަށެވެ. އޭގެ ތެރެއިން ބަލައިގެންފައިވަނީ އަމިއްލަ ފަރާތެއް ކަމަށްވާ އަލީ އަމްޖަދު ހުށަހަޅައިފައިވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މައްސަލައިގައި މައިގަނޑުގޮތެއްގައި އެދިފައިވަނީ އެމްޑީޕީގެ ޕްރައިމަރީ އަލުން ބޭއްވުމަށެވެ. މައްސަލަ ބަލައިގަނެ މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި މައްސަލައިގެ އަޑުއެހުން ވަނީ ތާވަލު ކޮށްފައެވެ.

ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ޕްރައިމަރީ ކާމިޔާބު ކުރެއްވީ 61 އިންސައްތަ ނުވަތަ 24،566 ވޯޓުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 38 އިންސައްތަ ނުވަތަ 15،641 ވޯޓެވެ. 57،255 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، މި އިންތިޚާބުގައި ޖުމްލަ ވޯޓުލާފައިވަނީ 40،887 މީހުންނެވެ.

އިންތިޚާބަށްފަހު ރައީސް ޞާލިހަށް މިހާރުއަށް ވަނީ ރަސްމީކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓްވެސް ހަވާލުކޮށްފައެވެ. ޓިކެޓް ދިނުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދި ވެސް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.

ރައީސް ޞާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރެއްވީ އެ ކަމަށްޓަކައި މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގައި އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއިލެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއާ މެދު ބަޔަކު ހިތްހަމަނުޖެހުނަސް އެ ޕާޓީން ފަހަތަށް ނުޖެހޭނެއެވެ. އަދި، ރިޔާސީ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބުކޮށްދޭން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ރިޔާސީ ޕްރައިމަރީއާއެކު އެމްޑީޕީގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހިޔާލުތަފާތުވުންތައް އެބަހުރި ކަމަށެވެ. ޑިމޮކްރަޓިކް ޕްރޮސެސްއެއްގެ ތެރޭގައި ކަންކަން ނިމެމުންދާއިރު އާއި އެންމެން ވަކާލާތުކުރި ކަންކަން ތަންފީޒުކުރެވިގެންދާއިރުގައި ނަތީޖާއަށް އަންނަ ބަދަލާއި ގުޅިގެން ހިތްހަމަނުޖެހުމަކީ އިންސާނީ ތަބިއްޔަތުގައި ހުންނަކަމެއް ކަމަށާއި އެކަމާއި މެދު ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް