ކ. މާލެ
|
20 ފެބްރުއަރީ 2023 | ހޯމަ 17:42
ޕީޕީއެމް މުޒާހަރާއެއްގެ ތެރެއިން
ޕީޕީއެމް މުޒާހަރާއެއްގެ ތެރެއިން
ރާއްޖެއެމްވީ
އިދިކޮޅު ކޯލިޝަން
އިދިކޮޅުގެ އެއްވުންތަކުގައި 18 އަހަރު ނުފުރޭ ކުއްޖަކު ބައިވެރިކޮށްފައިވޭ: އެޗްއާރުސީއެމް
އިދިކޮޅުގެ ހަރަކާތްތައް އެޗްއާރުސީއެމުން ދަނީ މޮނިޓާ ކުރަމުން

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލެ އާއި އަތޮޅުތެރޭގެ ތަންތަނުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތްތައް ވަރަށް ގާތުން މޮނީޓާކުރަމުން ދާ ކަމަށާއި އިދިކޮޅުގެ މުޒާހަރާގެ ބައިވެރިންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ބައިވެރިކޮށްފައިވާކަން ފާހަގަވެފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިދިކޮޅުން މާލެއައި އަތޮޅުތެރޭގައި ކުރިއަށް ގެންގޮސްފައިވާ 49 ހަރަކާތެއް އެ ކޮމިޝަނުން މޮނިޓާކޮށްފައިވައިރު އެ ހަރަކާތްތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތަކާއި ކޮމިޝަނަށް ހުށަހަޅައިަފއިވާ މައްސަލަތައް ބަލަމުންދާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ސުލްހަވެރިކަމާއެކީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ރާއްޖޭގެ ގާނޫނު އަސާސީން ކޮންމެ މީހަކަށްމެ ލިބިދޭ ހައްގެއް ކަމަށެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ވެސް އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ހިލާފުވާ ފަދަ ގޮތަށް ޓްރެފިކް ބްލޮކްކުރުމާއި ބޭއަދަބީ ބަސްތަކާއި ޝިއާރުތައް ބޭނުންކުރުމާއި ފުލުހުންގެ މަސައްކަތަށް ހުރަސް އެޅޭފަދަ ގޮތްގޮތަށް އަމަލުތައް ފާހަގަކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މުޒަހަރާގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ބައިވެރިކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ރައްޔިތުންގެ ފަރާތުން ވެސް މުޒާހަރާގެ ބައިވެރިންގެ ގަޔަށް ފެން ޖެހުމާއި، ސައިކަލެއްގައި ގޮސް ވަންނަން އުޅުން ފަދަ ނޭދެވޭ އަދި ގެއްލުމެއް ލިބިދާނެފަދަ އަމަލުތަކެއް ކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ. މީގެ އިތުރުން، ބައެއް ހާލަތްތަކުގައި މުޒާހަރާ ރޫޅާލުމުގައި ފުލުހުންގެ ބާރު ބޭނުންކުރާކަމައި ބައެއް ހާލަތްތަކުގައި އެއްވުން ރޫޅާލުމުގެ ކުރިން އިންޒާރުދީފައި ނުވާ ކަމަށާއި އިންޒާރުދިނުމަކާ ނުލައި ޕެޕާ ސްޕްރޭ ޖަހައިފައިވާ ކަމަށް ވެސް އެ ކޮމިޝަނަށް ފާހަގަވެފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް