ކ. މާލެ
|
13 ފެބްރުއަރީ 2023 | ހޯމަ 17:15
ޖަސްޓިސް ބިލްޑިންގ
ޖަސްޓިސް ބިލްޑިންގ
ރާއްޖެއެމްވީ
ސިވިލް ކޯޓު
ޕީއެޗްޑީ ގަބޫލުކުރަން އަމުރުނުކުރެވޭނެ، އެކަމަކު ލިބުނު ގެއްލުމަށް އެމްކިޔުއޭއިން ޒިންމާވާން ޖެހޭނެ: ސިވިލް ކޯޓު
2018 ވަނަ އަހަރު ކޯހުގައި މައްސަލަތަކެއް ހުރިކަން އެނގިގެން އެ ކޯސް ގަބޫލުކުރުން ހުއްޓާލަން ނިންމި

ރާއްޖެއިން ބޭރުން ހަދާފައިވާ ޕީއެޗްޑީ ކޯހެއް ގަބޫލުނުކުރަން މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އިން ނިންމި ނިންމުން ބަދަލު ކުރަން އަމުރުނުކުރެވެނޭ ކަމަށާއި އެކަމަކު ލިބުނު ގެއްލުމަށް އެ އޮތޯރިޓީން ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން މި ހުކުމް ކޮށްފައިވަނީ ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީލަންކާގެ ކޮލެޖަކުން ޕީއެޗްޑީ ކޯހެއް ހެދި ބަޔަކު އެ ކޯހުގެ ސެޓްފިކެޓް އެމްކިޔުއޭއިން ގަބޫލު ނުކުރުމުން އެމްކިޔުއޭއާ ދެކޮޅަށް މައްސަލަ ހުށަހެޅުމުންނެވެ. އެގޮތުން ތިން މީހަކު މި މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު އެ ތިން މީހުން ވެސް ކިޔެވުންފެށީ އެމްކިޔުއޭއިން އެ ކޯސް ގަބޫލުކުރާ ކަން 2016 ވަނަ އަހަރު އެންގުމުންނެވެ.

ނަމަވެސް ޖެނުއަރީ، 2018 ވަނަ އަހަރު އެ އެމްކިޔުއޭއިން ވަނީ އެ ކޯހުގައި މައްސަލަތަކެއް ހުރިކަން އެނގިގެން އެ ކޯސް ގަބޫލުކުރުން ހުއްޓާލަން ނިންމާފައެވެ. އެކަމަކު އެވަގުތު ކިޔަވަމުން ދިޔަ މީހުންގެ ސަނަދު ގަބޫލު ކުރާނެކަން އެންގި ކަމަށް ވަނީ ބުނެފައެވެ.

އެ ފަރާތްތަކުން ބުނެފައިވާގޮތުގައި ކިޔެވުން ނިންމުމަށްފަހު 2021 ވަނަ އަހަރު ސެޓްފިކެޓް ވެލިޑޭޓް ކުރަން ހުށަހެޅުމުން އެމްކިޔުއޭ އިން ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ. އެއާއެކު ތިން ފަރާތަކުން މި މައްސަލަ ބަލައިދިނުމަށް އެދި ކޯޓަށް ހުށަހެޅިއެވެ.

ސިވިލް ކޯޓުން އާދީއްތަ ދުވަހު ނެރުނު އަމުރުގައި ބުނީ ސަނަދުގެ ފެންވަރު ބެލުމުގެ އުސޫލާއި ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ޕްރޮގްރާމްތައް ގަބޫލު ކުރުމުގެ އުސޫލު އޮންނަ ގޮތުން އެ ކޯހުގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން އެމްކިޔުއޭގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ބަލަންވާ މިންވަރަށް ނުބަލާ، ކޯސް ގަބޫލު ކުރާކަން 2016 ވަނަ އަހަރު އެމްކިއުއޭއިން އަންގާފައިވާތީ ޖެނުއަރީ، 2018 އާ ހަމައަށް އެ މީހުން ކޯހުގައި ކިޔަވަން ކުރި ހަރަދާއި އަދި ގެއްލުމެއް ވެފައިވާނަމަ އެ ގެއްލުމަކަށް އެމްކިޔުއޭއިން ޒިންމާވާން ޖެހޭނެ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

މި މައްސަލައިގައި ގެއްލުމުގެ ބަދަލަށް އެކަކުގެ ފަރާތުން 23 މިލިއަން ރުފިޔާ އަދި ބާކީ ތިބި ދެ މީހުންގެ ތެރެއިން ކޮންމެ މީހެއްގެ ފަރާތުން 16 މިލިއަން ރުފިޔާގެ ބަދަލަކަށް ކޯޓުގައި އެދުނެވެ. ނަމަވެސް އެ މިންވަރަށް ގެއްލުން ވެފައިވާކަން ސާބިތުނުވާތީ އެ ފައިސާ ނަގައި ނުދެވޭނެ ކަމަށް ވެސް ކޯޓުގައި ހުކުމުގައި ވަނީ ބުނެފައެވެ.

އެމްކިޔުއޭއިން ބުނެފައިވާ ގޮތުގައި އެ ކޯސް ގަބޫލުކުރާކަން 2016 ވަނަ އަހަރު އެ އޮތޯރިޓީން އަންގާފައިވަނީ ބަލަންޖެހޭ މިންވަރަށް ކަންކަން ބެލުމެއް ނެތިއެވެ. އަދި އެތަނަކީ އޭރު ފިލިޕީންސްގެ ސަރުކާރުން ވެސް ގަބޫލު ނުކުރާ ކޯހެއް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް