ކ. މާލެ
|
20 ޑިސެންބަރ 2022 | އަންގާރަ 07:37
މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރޮއިޓާސް
ފްރާންސް ޤައުމީ ޓީމު
ފައިނަލުން ބަލިވުމުން އެމްބާޕޭގެ މެސެޖެއް
އެމްބާޕޭ ލިޔުނީ ފްރާންސް އެނބުރި އަންނާނެ ކަމަށް

ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ އަތުން ބަލިވި މެޗަށްފަހު ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭގެ މެސެޖެއް ދީފިއެވެ.

ފައިނަލްގައި އާޖެންޓީނާ އަތުން ފްރާންސް ބަލިވީ ޕެނަލްޓީގައެވެ. އެ މެޗުގައި އާޖެންޓީނާ އިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ފްރާންސް އަށް ދެ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްދިނީ އެމްބާޕޭއެވެ. އޭގެ ފަހުން އާޖެންޓީނާ އިން ތިން ވަނަ ލަނޑެއް ޖަހައި ލީޑު ނެގި ނަމަވެސް، އެންބާޕޭ ވަނީ ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފްރާންސް ބަލިވީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައެވެ. މެޗުން ބަލިވުމުން ފްރާންސް ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު ނުތަނަވަސްކަމެއް ފެނުނީ ވެސް އެމްބާޕޭގެ މޫނުމަތިންނެވެ.

މެޗުގެ ފަހު ވަގުތު އެމްބާޕޭ މޮޅު ކުޅުމެއް ދެއްކިއިރު، މިއީ 1966 ވަނަ އަހަރުގެ ފަހުން ފައިނަލް މެޗެއްގައި ކުޅުންތެރިޔަކު ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ. މެޗަށްފަހު އެމްބާޕޭ އެއްވެސް ވާހަކަ އެއް ދައްކާފައެއްނުވެއެވެ. ނަމަވެސް ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމްބާޕޭ ވަނީ ކުރު ޓުވީޓެއްކޮށްފައެވެ. މިއަހަރުގެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދިން ރަން ބޫޓާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން އެމްބާޕޭ ލިޔުނީ، ފްރާންސް އެނބުރި އަންނާނެ ކަމަށެވެ. މުބާރާތުގެ ރަން ބޫޓު އެމްބާޕޭ ހޯދީ ފައިނަލްގައި ހެދި ހެޓްރިކާއެކު ޖުމުލަ 8 ލަނޑު ޖަހައިގެންނެވެ.

ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ކުރި ޓުވީޓު - ޓްވީޓަރ

ފްރާންސްގެ ބައެއް ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން އެމްބާޕޭ އެ ދިން މެސަޖަކީ އޭނާ ހިތްވަރު އެލުވާ ނުލާނެ ކަމުގެ މެސެޖެވެ. އަދި މީގެ ހަތަރު އަހަރު ފަހުން، 2026 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕް މުބާރާތުގައި ވެސް އޭނާ ކުޅޭނެ ކަމުގެ ވާހަކައެވެ. އެމްބާޕޭ ވަނީ މިހާތަނަށް ވޯލްޑް ކަޕްގައި 12 ލަނޑު ޖަހާފައެވެ. އޭނާ ވަނީ ބްރެޒިލްގެ ލެޖެންޑް ޕެލޭއާ އެއް އަދަދަކަށް ވޯލްޑް ކަޕްގައި ލަނޑު ޖަހާފައެވެ. ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައި ވަނީ ޖަރުމަނުގެ މިރޮސްލާވް ކްލޯސްއެވެ. އޭނާ ވަނީ 16 ލަނޑު ޖަހާފައެވެ. އެ އަދަދާ ހަމަކުރުމަށް އެމްބާޕޭ އަށް ބޭނުންވަނީ ދެން އޮންނަ ވޯލްޑް ކަޕެއްގައި ހަތަރު ލަނޑު ޖެހުމަށެވެ. ފަސް ލަނޑުން އެމްބާޕޭ އަށް އެ ރެކޯޑު ވެސް މުގުރާލެވޭނެއެވެ.

އެންމެ ފަހުން ކުޅުނު ހަތް ވޯލްޑް ކަޕް މުބާރާތުގެ ތެރެއިން ހަތަރު މުބާރާތުގެ ފައިނަލްގައި ފްރާންސް ވަނީ ކުޅެފައެވެ. އޭގެ ތެރެއިން އެ ޤައުމު ވަނީ ދެ ފައިނަލުން މޮޅުވެ، ދެ ފައިނަލުން ބަލިވެފައެވެ. ފްރާންސް އަކީ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ވަރުގަދަ ޤައުމެކެވެ.

- ކޮމެންޓް