ކ. މާލެ
|
16 ޖުލައި 2025 | ބުދަ 13:07
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އަދި ފްރާންސްގެ ޚާރިޖީ ވަޒީރު ބަރޮޓް
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އަދި ފްރާންސްގެ ޚާރިޖީ ވަޒީރު ބަރޮޓް
އަލްއަރަބިއްޔާ
އެމެރިކާ-އީރާން
އީރާން އަށް މުހުލަތެއް ދިނުމަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ނިންމައިފި
އެކްސިއޯސް ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ މުއްދަތުގެ ތެރޭގައި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ޔޫރަޕުގެ ބާރުތަކުން "ސްނެޕްބެކް" މެކޭނިޒަމް ތަންފީޒުކޮށް، 2015 ވަނަ އަހަރުގެ އެއްބަސްވުމުގެ ދަށުން އުވާލާފައިވާ އދ ގެ ސެކިއުރިޓީ ކައުންސިލްގެ ހުރިހާ ފިޔަވަޅުތަކެއް އަލުން ތަންފީޒު ކުރުމަށް ވަނީ ނިންމައިފައި.

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދަމުން އައި ނިއުކްލިއާ ޕްރޮގްރާމްގެ މަޝްވަރާތަކުގައި، ވަކި ގޮތެއް ނިންމުމަށް އީރާން އަށް މުހުލަތެއް ދިނުމަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ނިންމައިފި އެވެ.

އެގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި، ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން ނޯލް ބަރޮޓް އަދި ޖަރުމަނުގެ ޚާރިޖީ ވަޒީރު ޔޯހާން ވަޑެފުލް މަޝްވަރާ ކުރެއްވުމަށް ފަހު ނިންމާފައި ވަނީ އަންނަ އޯގަސްޓު މަހުގެ ނިޔަލަށް އެއްބަސްވުމެއް ޤާއިމު ކުރުމުގެ މުހުލަތު އީރާން އަށް ދިނުމާއި، އެކަމަށް ސުން ގަޑި ކަނޑައެޅުމަށެވެ.

އެކްސިއޯސް ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ މުއްދަތުގެ ތެރޭގައި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ޔޫރަޕުގެ ބާރުތަކުން "ސްނެޕްބެކް" މެކޭނިޒަމް ތަންފީޒުކޮށް، 2015 ވަނަ އަހަރުގެ އެއްބަސްވުމުގެ ދަށުން އުވާލާފައިވާ އދ ގެ ސެކިއުރިޓީ ކައުންސިލްގެ ހުރިހާ ފިޔަވަޅުތަކެއް އަލުން ތަންފީޒު ކުރުމަށް ވަނީ ނިންމައިފަ އެވެ.

އެކަމާ ގުޅިގެން ފްރާންސްގެ ޚާރިޖީ ވަޒީރު ވިދާޅުވެފައި ވަނީ، އެ މުއްދަތުގެ ތެރޭގައި އެއްބަސްވުމުގެ އެއްވެސް ކުރިއެރުމެއް ނުފެނިއްޖެ ނަމަ، މީގެ ދިހަ އަހަރު ކުރިން އުވާލެވިފައިވާ ހަތިޔާރު ބޭންކިން އަދި ނިއުކްލިއާ ސަމާނާ ދެކޮޅަށް ދުނިޔޭގެ އެކި ކަން ކޮޅު ތަކުގައި އޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އަލުން އިއާދަ ކުރަން ފްރާންސް އާއި އެ ޤައުމުގެ ބައިވެރިން އެއްބަސްވާ ސަބަބުތައް ހުރި ކަމަށެވެ. 

އެގޮތުން އޭނާ ވިދާޅުވީ، އޯގަސްޓު މަހުގެ ނިޔަލަށް އީރާން އިން ސާފު އަަދި ޞައްޙަ ޖަވާބެއް، ނުވަތަ ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ނުދީފި ނަމަ، އެކަމާ ދެކޮޅަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ. 

މި ވާހަކަތަކާ ގުޅިގެންް އީރާން އިން ބުނެފައި ވަނީ އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރަމާ ގުޅިގެން އދ ގެ ފިޔަވަޅުތައް އަލުން ތަންފީޒު ކުރާ ނަމަ، އެކަމަށް ރައްދު ދޭނެ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ދެކޮޅަށް އީރާން އިން އަޅާނެ އެއްވެސް ފިޔަވަޅެއް ހާމަކޮށްފައި ނުވެ އެެވެ. 

އީރާންގެ ޚާރިޖީ ވުޒާރާ އިން ހޯމަ ދުވަހު ބުނެފައި ވަނީ އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށް ގެންދަމުން އައި ނިއުކްލިއާ މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް، އީރާން އިން މިހާތަނަށް ވަނީ ތާރީޚެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.

އީރާންގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަށް ލަފާދޭ ފަރާތެއް ކަމަށްވާ އަލީ ވެލަޔަތީ ވިދާޅުވެފައި ވަނީ، އީރާން އިން ޔުރޭނިއަން އުފެއްދުން ހުއްޓާލުމަކީ މަޝްވަރާތަކުގެ ޝަރުތެއް ކަމަށްވާ ނަމަ، އެ ފަދަ މަޝްވަރާތަކެއް ނުބޭއްވޭނެ ކަމަށެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި އިސްރާއީލް އިން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާގެ ސަބަބުން، އިސްރާއީލާއި އީރާނާ ދެމެދު 12 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ކުރިއަށް ދިޔައިރު، ވަކި ހިސާބަކުން އެމެރިކާ އިން ވެސް ވަނީ އެ ހަނގުރާމައިގެ ތެރެއަށް ވަދެ އީރާން އަށް ހަމަލާ ދީފަ އެވެ. 

މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އީރާން އާއި އެމެެރިކާއާ ދެމެދު ވަނީ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ މަޝްވަރާތައް ފަށައިފަ އެވެ. އެ މަޝްވަރާތަކުގެ ހަ ވަނަ ބުރުގެ ބައްދަލުވުމެއް ބާއްވަން ނިންމާފައި ވަނިކޮށް، އިސްރާއީލާއި އީރާނާ ދެމެދު ފެށުނު ހަނގުރާމައިގެ ސަބަބުން ވަނީ މަޝްވަރާތައް މެދު ކަނޑާލަން ޖެހިފަ އެވެ.

- ކޮމެންޓް