ކ. މާލެ
|
9 ޖުލައި 2025 | ބުދަ 13:03
އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ފްރާންސްގެ ރައިސް މެކްރޮން ވާހަކަ ދައްކަވަނީ
އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ފްރާންސްގެ ރައިސް މެކްރޮން ވާހަކަ ދައްކަވަނީ
ރޮއިޓަރސް
އިނގިރޭސިވިލާތް-ފްރާންސް
ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް ފްރާންސް އާއި އިނގިރޭސިވިލާތް އެކުގައި މަސައްކަތް ކުރަން ޖެހޭ: މެކްރޮން
މެކްރޮން ވިދާޅުވީ އިސްރާއީލް އިން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ޣައްޒާ ވީރާނާވަމުން ދާއިރު، ވެސްޓް ބޭންކަށް ވަނީ ދުވަހުން ދުވަހަށް ހަމަލާ ދެމުން ކަމަށެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށްޓަކައި ފްރާންސް އާއި އިނގިރޭސިވިލާތް އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެެެވެ.

މެކްރޮން މިހެން ވިދާޅުވީ އިނގިރޭސިވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ޤާނުނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. މެކްރޮންގެ ވާހަކަފުޅުގައި ވަނީ އިސްރާއީލް އިން ކުރިއަށް ގެންދަމުން އަންނަ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ. 

މީގެ އިތުރުން މެކްރޮން ވިދާޅުވެފައި ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުުރުމަކީ، މެދު އިރުމަތީގެ ސުލްހަ ޤާއިމު ކުރެވޭނެ ހަމައެކަނި މަގު ކަމަށެވެ. އަދި އެކަމުގައި ފްރާންސް އާއި އިނގިރޭސިވިލާތް އެކުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ. 

މެކްރޮން ވިދާޅުވީ އިސްރާއީލް އިން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ޣައްޒާ ވީރާނާވަމުން ދާއިރު، ވެސްޓް ބޭންކަށް ވަނީ ދުވަހުން ދުވަހަށް ހަމަލާ ދެމުން ކަމަށެވެ. އަދި ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ އުންމީދު މިހާ ބޮޑު ނުރައްކަލެއްގެ ތެރެއަށް އެއްވެސް އިރަކު ގޮސްފައި ނުވާ ކަމަށެވެ. 

އެހެންކަމުން ދެ ދައުލަތުގެ ޙައްލަކީ މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، އަދި ހަމަޖެހުން ޤާއިމު ކުރެވޭނެ ހަމައެކަނި މަގު ކަމަށް މެކްރޮން ވިދާޅުވި އެވެ. މީގެ ކުރިން މެކްރޮން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި، ފްރާންސް އިން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނާނެ ކަމަށް އިއުލާން ކޮށްފަ އެވެ. 

ދެ ދައުލަތުގެ ޙައްލު ހޯދުމަށް މިދިޔަ މަހުގެ ތެރޭގައި އދ ގެ ޖަލްސާ އެއް ބާއްވާނެ ކަމަށް ފްރާންސް އިން އިއުލާން ކުރި އެވެ. އެމެރިކާގެ ނިއު ޔޯކުގައި ޖޫން މަހުގެ 17 ވަނަ ދުވަހުން، 20  ވަނަ ދުވަހަށް ބޭއްވުމަށް ހަމަޖެހިފައި އޮތް އެ ޖަލްސާ ޗެއާ ކުރާ ގޮތަށް އޮތީ ފްރާންސް އަދި ސައުދީ އަރަބިއްޔާ އެވެ. އެ ޖަލްސާ އަަށް ފްރާންސްގެ ރައީސް މެކްރޮންގެ އިތުރުން، އެހެން ޤައުމުތަކުގެ އިސްވެރިން ވެސް ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަ ވެސް ޖެހިފަ އެވެ. 

ނަމަވެސް އެ ޖަލްސާ ފަހުން ވަނީ ފަސްކޮށްފަ އެވެ. އެކަން އިއުލާން ކުރައްވަމުން ވެސް އޭރު މެކްރޮން ވިދާޅުވެފައި ވަނީ، އެ ޖަލްސާ ފަސް ކުރި ނަމަވެސް ފަލަސްޠީނުގެ ދައުލަތް ބަލައިގަނެ، ދައުލަތް ޤަބޫލު ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.

މެކްރޮން އޭރު ވިދާޅުވީ، ޖަލްސާ ފަސް ކުރަން ޖެހުނީ ސަލާމަތީ ބައެއް ސަބަބުތަކުގެ އިތުރުން، ލޮޖިސްޓިކް ސަބަބުތަކާ ހުރެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަލަސްޠީނުގެ ބައެއް މަންދޫބުންނަށް ވެސް އެ ޖަލްސާ އަށް ވަޑައިނުގެންނެވޭ ކަމަށް މެކްރޮން އޭރު ވަނީ ވިދާޅުވެފަ އެވެ.

ފްރާންސްގެ ރައީސް މެކްރޮން އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން، ފްރާންސް އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް މާހިރުން ވަނީ ބުނެފަ އެވެ. 

- ކޮމެންޓް