ކ. މާލެ
|
12 ޑިސެންބަރ 2022 | ހޯމަ 17:08
އެޗްއާރުސީއެމް ރައީސް މަރިޔަމް މުނާ
އެޗްއާރުސީއެމް ރައީސް މަރިޔަމް މުނާ
ރާއްޖެއެމްވީ
ހިޔުމަން ރައިޓްސް ޑޭ ފާހަގަކުރުން
އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މިދަނީ ކެނޑިނޭޅި މަސައްކަތްކުރަމުން: އެޗްއާރުސީއެމް
2013 ވަނަ އަހަރު ފާސްކޮށް އަމަލުކުރަން ފެށި އެންޓި ޓޯޗަރ ގާނޫނަކީ ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް
މުޖުތަމައުގައި ތިބި މީހުންގެ އަޅާލުން ބޭނުންވާ މީހުންނަށް އިންސާނީ ހައްގުތައް ލިބޭކަން ކަށަވަރުވާންޖެހޭ

ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ކަމާގުޅޭ މުއައްސަސާތަކާއި ގުޅިގެން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސް މަރިޔަމް މުނާ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ހިޔުމަން ރައިޓްސް ޑޭ ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ އދ އޮފީހާ އެޗްއާރުސީއެމް ގުޅިގެން ކުރިޔަށްގެންދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުނާ ވިދާޅުވީ މިއަދުގެ ދުނިޔޭގައި އިންސާނުންގެ ނަސްލާއި، ކުލަ އާއި ނިސްބަތްވާ ގައުމާއި މިފަދަ ހުރިހާ ކަމަކާއި ގުޅުވާ މީހުންގެ ޚިޔާލު ތަފާތުވެފައިވާކަމަށެވެ. ނަމަވެސް ކޮންމެ އިންސާނަކީވެސް އިންސާނަކަށްވީތީ އެމީހަކަށް ލިބިދޭ ހައްގުތައް ލިބިދޭންޖެހޭ މީހެއްކަމަށް މުނާ ވިދާޅުވިއެވެ. އަންހެނުންނާއި ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މިފަދަ މުޖުތަމައުގައި ތިބި މީހުންގެ އަޅާލުން ބޭނުންވާ މީހުންނަށް އިންސާނީ ހައްގުތައް ލިބޭކަން ކަށަވަރުވާންޖެހޭކަމަށް މުނާ ވިދާޅުވިއެވެ.

މުނާ ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އިންސާނީ ހައްގުތައް ލިބޭކަން އެޗްއާރުސީއެމުން ކަށަވަރުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ. މުނާ ވިދާޅުވީ 2013 ވަނަ އަހަރު ފާސްކޮށް އަމަލުކުރަން ފެށި އެންޓި ޓޯޗަރ ގާނޫނަކީ ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށެވެ.

މީގެއިތުރުން ރާއްޖެއަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް އިންސާނީ ހައްގުތައް ހަމަހަމަކަމާއެކު ލިބެންޖެހޭކަން މުޖުތަމައު ގަބޫލުކުރަންޖެހޭކަމަށް މުނާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި އެތައް ހާސް ބިދޭސީންނެއް ދިރިއުޅެމުން އަންނައިރު އެމީހުންނަށްވެސް އިންސާނީ ހައްގުތައް ލިބޭކަން ކަށަވަރުކުރުމުގައި އެޗްއާރުސީއެމް އިން ކަމާ ގުޅޭ މުއައްސަސާތަކާއި ގުޅިގެން އަބަދުވެސް މަސައްކަތްކުރަމުން އަންނަކަމަށް މުނާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އދ ގެ ރެސިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެޒްވެލް ވަނީ ޔުނިވަރސަލް ޑިކްލެރޭޝަން އޮފް ހިޔުމަން ރައިޓްސް ގައި ގައުމުތަކުން ސޮއިކޮށް އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. ރާއްޖެއިންވެސް ޔޫޑީއެޗްއާރު ގައި ސޮއިކޮށްފައިވާކަމަށާއި އެހައްގުތައް ކަށަވަރުކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި އިންސާނީ ހައްގުތައް ކަށަވަރުކުރުމުގައި ރާއްޖެއިން މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ވިދާޅުވިއެވެ.

މިއިވެންޓްގައި ވަނީ ޕެނަލް ޑިސްކަޝަނެއްވެސް ކުރިޔަށް ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް