ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓުނީ ޕޯޗުގަލްއާއި މޮރޯކޯ ބައްދަލުކުރި މެޗަށެވެ. ގިނަ ބަޔަކު ހީކުރި ގޮތާއި ޚިލާފަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ އެފްރިކާ ޓީމުގެ ޝަރަފު މޮރޯކޯއިން ހޯދީ ވަރުގަދަ ޕޯޗުގަލް ބަލިކޮށްފައެވެ.
މި ނަތީޖާއާއެކު ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސްއަށެވެ. މެޗުގެ ފުރަތަމަ 11 ގައި ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނުމުންނެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ކައިރިން ފިލާވަޅުނަގާ ރޮނާލްޑޯއަށް ފުރުސަތު ނުދިނުމުންނެވެ. އޭނާގެ ކޮންފިޑެންސް ގެއްލުވާލުމުންނެވެ. ޤައުމަށްޓަކައި ރޮނާލްޑޮވީ ޤުރުބާނީގެ އަގު ވަޒަން ނުކުރުމުންނެވެ. ޓީމުގެ ތަރިއަށް އިތުބާރު ނުކުރުމުންނެވެ.
މި މެޗުގައި ރޮނާލްޑޯ ކުޅެން އެރުވީ މެޗުގެ ދެވަނަ ހާފުގައެވެ. މެޗުގެ ފަހު ކަށިގަނޑާއި ހަމައަށް ޓީމު މޮޅުކޮށްދިނުމަށް އޭނާ މަސައްކަތްކުރިއެވެ. ގިނަ ބަޔަކު ބުނަމުންދިޔައީ ފުރަތަމަ 11 ގައި އޭނާ މެޗު ފެށި ނަމަ ތަފާތު ފެންނާނެ ކަމަށެވެ. ރޮނާލްޑޯގެ ފަރާތުން އިތުބާރުވެސް ފެންނާނެ ކަމަށެވެ. އޭނާގެ ބަދަލުގައި މެޗު ފެށި ގޮންސާލޯ ރާމޯސްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނުމަކީ ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުންވެސް މިވާހަކަ ތަކުރާރުކުރާ މައިގަނޑު އެއް ސަބަބެވެ. ރޮނާލްޑޯއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވާތީއެވެ. ޤައުމީ ޓީމަށް ކުޅެދިން 195 މެޗުން ޖެހި 118 ލަނޑާއެކު އޭނާގެ ތަޖުރިބާގެ ބޭނުން ހިފޭނެތީއެވެ.
ނަމަވެސް ކޯޗު ސަންޓޯސް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. މެޗަށް ފަހުވެސް އޭނާ ބުނީ ރޮނާލްޑޯ ފުރަތަމަ 11 ގައި ނުހިމެނުނީތީ ދެރަ ނުވާ ކަމަށެވެ. އަދި އެއީ އޭނާ ރަނގަޅަކަށް ކުރި ކަމެއް ކަމަށެވެ. ސަންޓޯސް ބުނީ އޭނާ ވިސްނީ ހިތުން ނޫން ކަމަށާއި ސިކުނޑިން ކަމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ސްވިޒަލެންޑު މެޗުގައި ރޮނާލްޑޯ ނުހިމަނާ ޓީމުން ދެއްކި މޮޅު ކުޅުމުގެ ސަބަބުން އެންމެ ރަނގަޅު ގޮތަކީ ކުއާޓާ ފައިނަލުގައިވެސް ރޮނާލްޑޯ ބެންޗުކޮށްގެން މެޗު ފެށުމެވެ.
މީގެ އިތުރުން ސަންޓޯސް ބުނީ މެޗުން ބަލިވީ ނަސީބު ނެތުމުން ކަމަށެވެ. އަދި ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދީފާނަންތޯ ކުރި ސުވާލަށް އޭނާ ޖަވާބެއް ނުދެއެވެ. ނަމަވެސް ޕޯޗުގަލްގެ ގިނަ ސަޕޯޓަރުން މިހާރު ގޮވަމުން ދަނީ ޓީމުން ސަންޓޯސް ބޭރު ކުރުމަށެވެ.