Advertisement
ކ. މާލެ
|
11 ޑިސެންބަރ 2022 | އާދީއްތަ 09:44
49 ފަނޑިޔާރަކު އިންޑިއާގެ ބޯޕާލްއަށް ވަޑައިގަންނަވާނެ
49 ފަނޑިޔާރަކު އިންޑިއާގެ ބޯޕާލްއަށް ވަޑައިގަންނަވާނެ
ޖޭއެސްސީ
ފަނޑިޔާރުން ތަމްރީނުކުރުން
ޖޭއެސްސީއާއެކު ވެފައިވާ އެމްއޯޔޫއެއްގެ ދަށުން 49 ފަނޑިޔާރަކު އިންޑިއާގައި ތަމްރީނުކޮށްދެނީ
އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއާއި އެ ކޮމިޝަނާމެދު އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައި
ސުޕީރިއަރ ކޯޓުތަކުގެ 14 ފަނޑިޔާރެއްގެ އިތުރުން، މެޖިސްޓްރޭޓު ކޯޓުތަކުގެ 33 ފަނޑިޔާރުން ހިމެނޭ
މިއީ ދިވެހި ފަނޑިޔާރުންނަށް އަމާޒުކޮށް އެ އެކަޑަމީން ތަމްރީނު ފޯރުކޮށްދޭ ފުރަތަމަ ފަހަރު

5 ދުވަހުގެ ތަމްރީނު ޕްރޮގްރާމަކަށް ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންތަކެއް އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއާއި އެ ކޮމިޝަނާމެދު 2020 ވަނަ އަހަރު ވެފައިވާ އެމްއޯޔޫއެއްގެ ދަށުން، 49 ފަނޑިޔާރަކު އިންޑިއާގެ ބޯޕާލްއަށް ވަޑައިގަންނަވާނެ ކަމަށެވެ. މިއީ ފަނޑިޔާރުންގެ ޤާބިލުކަން މިހާރަށްވުރެ އިތުރު ކުރުމަށްޓަކައި ދެވޭ 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްކަން ޖޭއެސްސީން ފާހަގަ ކުރެއެވެ.

މި ތަމްރީނުގައި ބައިވެރިވެވަޑައިގަންނަވާ ފަނޑިޔާރުންނާ ޖޭއެސްސީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކޮށްފައެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝްރީ މުނޫ މަހާވަރުގެ އިތުރުން، އުއްތަމަ ފަނޑިޔާރު ޑރ.މުއުތަސިމް އަދުނާނާއި، ޖޭއެސްސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުކުރެއްވުމާއި ގުޅޭ ފޮޓޯ ހިއްސާކޮށް ބައެއް ނޫސްތަކުން ވަނީ ފަނޑިޔާރުން އިންޑިއާ އެމްބަސީއަށް ހާޒިރުކޮށްފައިވާކަމަށް ބުނެ ޚަބަރު ފަތުރާފައެވެ. އެހެންނަމަވެސް ޑީޖޭއޭއިން ވަނީ އެއީ ކަމުގެ ޙަޤީޤަތް އޮޅުވާލައި، ފަނޑިޔާރުންނާމެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ފަތުރާފައިވާ ޚަބަރެއްކަން ފާހަގަކޮށްފައެވެ.

ބޯޕާލްގައި ހުންނަ ނޭޝަނަލް ޖުޑީޝަލް އެކަޑަމީ ކެމްޕަހުގައި މިފަހަރު ކުރިއަށްދާ ތަމްރީނު ޕްރޮގްރާމަށް ބަލާއިރު، މިއީ ދިވެހި ފަނޑިޔާރުންނަށް އަމާޒުކޮށް އެ އެކަޑަމީން ތަމްރީނު ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.

Advertisement

ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި މިފަހަރުގެ ތަމްރީނު ޕްރޮގްރާމްގައި ހައިކޯޓުގެ 2 ފަނޑިޔާރަކާއި، ސުޕީރިއަރ ކޯޓުތަކުގެ 14 ފަނޑިޔާރެއްގެ އިތުރުން، މެޖިސްޓްރޭޓު ކޯޓުތަކުގެ 33 ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވައެވެ.

މިހިނގާ ޑިސެމްބަރު މަހުގެ 12 އިން 16 ވަނަ ދުވަހުގެ ނިޔަލަށް މި ތަމްރީނުތައް ކުރިއަށްދާނެކަމަށް ޖޭއެސްސީން ބުނެއެވެ. އެގޮތުން އިންޑިއާގެ ޖުޑީޝަރީއާ ބެހޭ މައުލޫމާތުގެ އިތުރުން، ފަނޑިޔާރުންގެ ހުނަރުތައް ކުރިއެރުވުމާއި، ކޯޓު މެނޭޖްމަންޓާއި، ކޭސް މެނޭޖްމަންޓާއި، އައިސީޓީ މެދުވެރިކޮށް ޖުޑީޝަލް ޕްރޮސެސްތައް ކުރިއަށްދާ ގޮތާއި ގުޅޭ ތަމްރީނުތައް ފޯރުކޮށްދެވިގެންދާނެއެވެ.

ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި މި ތަމްރީނުގެ ދެވަނަ ބެޗް އަންނަ ފެބްރުއަރީ މަހު ފުރާވަޑައިގަންނަވާނެއެވެ.

އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއަކީ 1993 ވަނަ އަހަރު ޤާއިމުކޮށްފައިވާ އެކަޑަމީއެކެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައިވެސް އެ އެކަޑަމީން އިންޑިއާގެ އިތުރުން، އަވައްޓެރި ޤައުމުތަކުގެ ފަނޑިޔާރުން ތަމްރީނު ކުރަމުން ގޮސްފައިވެއެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް އަދި މިޔަންމާ ފަދަ ޤައުމުތައް ހިމެނޭކަމަށް ޖޭއެސްސީން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް