ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ދެކުނު ކޮރެޔާއާ ދެކޮޅަށް ނުކުންނަ މެޗަކީ ބްރެޒިލް އަނެއްކާވެސް ފެންވަރު ސާބިތުކޮށްދޭން ޖެހޭ މެޗެކެވެ. ބެންޗު ޓީމު ނެރެގެން ނަމަވެސް ގްރޫޕުގެ ފަހު މެޗުގައި ކެމަރޫން އަތުން ބަލިވުމަކީ ދުނޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބްރެޒިލްގެ ސަޕޯޓަރުންނަށް ހަޖަމުކުރަން ފަސޭހަކަމަކަށް ނުވިއެވެ. ހަގީގަތުގައިވެސް އެކަންވާނީ އެހެންނެވެ. ބްރެޒިލަކީ މުބާރާތުގެ އެންމެ ކާމިޔާބު ގައުމެވެ. މި ފަހަރުގެ މުބާރާތުގެ އެންމެ ހޮޓް ފޭވަރިޓްވެސްމެއެވެ. އެމީހުންނާ ނުލައި ވޯލްޑް ކަޕް ފުރިހަމައެއްނުވާނެއެވެ.
މިރޭގެ މެޗަށް ނުކުންނައިރު ބްރެޒިލް ޓީމަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. މިހާތަނަށް ފަސް ކުޅުންތެރިއަކަށް އަނިޔާވެ، ފޯވާޑް ގަބްރިއަލް ޖެސޫސްއަށް ވަނީ މުބާރާތުންވެސް ވަކިވާން ޖެހިފައެވެ. މިހެންވެ ތަދުވެފައިވާ ހިތަކާއެކު ބްރެޒިލް މިރޭގެ މެޗަށް ނުކުންނައިރު ލިބިފައިވާ ހަމައެކަނި ހިތްހަމަޖެހުމަކީ ފޯވަޑް ނޭމާ ސަންޓޯސްއަށް މިރޭގެ މެޗަށް އެރޭނެތީއެވެ. އޭނާގެ ފައިގެ ކުޑަހުޅަށް ފުރަތަމަ މެޗުގައި ލިބުނު އަނިޔާއިން މުޅިން މިންޖުވީ ގްރޫޕުގެ ފަހު ދެ މެޗު ދިޔަ ފަހުންނެވެ. މިހެންވެ ދެ ވަނަ ބުރުން ނޭމާ މުބާރާތް ފަށާއިރު އޭނާ ޓީމުގައި ހުރުމަކީ ކިހާ މުހިންމު ކަމެއްކަން ފާއިތުވެދިޔަ މެޗުތަކުގައި ބްރެޒިލް ޓީމުން ފެނިގެންދިޔައެވެ. ލިބުނު ގިނަ ފުރުސަތުތައް ކެމަރޫން މެޗުގައިވެސް ނަގާލާފައިވާއިރު، ނޭމާފަދަ ދުނިޔޭގެ ފެންވަރުގެ ތަރިއަކު ނުވަތަ ގޯލާ ރައްޓެހި ފޯވާޑަކު ހުރެއްޖެނަމަ އެއީ ކޮރެޔާވެސް ޖެހިލުންވާނެ ކަމެކެވެ. ބްރެޒިލްގެ މީހުންގެ އުއްމީދަކީ މިފަހަރުގެ މުބާރާތަކީ ޗަރުކޭސް ނުދައްކައި ނޭމާ ހަރުދަނާ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ އެމީހުންނަށް ތަށި ހޯދައިދޭނެ މުބާރާތަށްވުމެވެ. ހަގީގަތުގައި ދުނިޔެ ދެކެފައިވާ މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ނޭމާ ބަލައިގަނެ، ސީލް ކުރެވެން އޮތީ ވޯލްޑް ކަޕް ކާމިޔާބުކޮށްގެންނެވެ. އެހެންނޫންނަމަ އޭނާގެ މުޅި ކެރިއަރު ގުނާލަންޖެހޭނީ މުޅިން އެހެން ގޮތަކަށެވެ.
ބްރެޒިލް ޓީމަކީ ތަރިންގެ ޓީމެއް ނަމަވެސް މިރޭގެ މެޗުގައި ފަހަތުން ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެއެވެ. ބްރެޒިލްގެ އެންމެ ބޮޑު ބަލިފަޔަކީ ޓީމުގެ ފަހަތެވެ. ޚާއްސަކޮށް، ދުވަސްވީ ކުޅުންތެރިން ފަހަތުގައި ތިބުމާއެކު، ކޮރެޔާފަދަ އަވަސް، ކުދި ޕާސް ޖަހައިގެން ކުޅޭ ޓީމަކުން ކުޅެފާނެ ތުރޫ ޕާސްތަކަށް ކޯޗު ޓީޓޭ ވަނީ ޕްރެކްޓިހުގައި ކުޅުންތެރިން ފަރިތަކުރުވާފައެވެ. މިހެންވެ ބްރެޒިލް ޓީމުގެ ފަހަތުން ތަފާތު ޓެކްޓިކެއް ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ ބްރެޒިލް ކޮންމެހެން ހޯދަންޖެހޭ މުބާރާތެއްކަން އެ ގައުމުގެ ކުރީގެ ތަރިން ދަނީ ބުނެދެމުންނެވެ. މުބާރާތް ބާއްވާ ގައުމުކަމަށްވާ ގަތަރުގައި ބްރެޒިލް ކުޅޭ ކޮންމެ މެޗެއްގައި ކުރީގެ ލެޖެންޑުން ދައްކަމުންދާ ފޯރިއާއި ޓީމަށް ދޭ ތަރުހީބަކީ ވަރަށް މުހިންމު އެއްޗަކަށް ވެފައިވެއެވެ. މިތަން ފެނިފައި މުބާރާތުގައި ވާދަކުރާ އެހެން ގައުމުތަކުގެ ލެޖެންޑުންވެސް ވަނީ އެންމެން އެއްކޮށް ފޮޓޯނަގައި ސޯޝަލް މީޑިއާ ފުރާލަމުންނެވެ. އެކަމަކު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ހޯދައިދިން ރޮނާލްޑޯއާއި ކެޕްޓަން ކަފޫ އަދި ރޮބާޓޯ ކާލޮސްއާއި ކަކާ ނެގި ފޮޓޯއަކީ މިހާތަނަށް ވޯލްޑް ކަޕުގައި ރޮސްޓްރަމުން ނަގާފައިވާ އެންމެ ހިތްގައިމު، އަދި އެންމެ މަގުބޫލު ފޮޓޯއެވެ.
މިރޭ ކޮރެޔާއާ ދެކޮޅަށް ކުޅެން ނުކުތުމުގެ ކުރިން މި ކުޅުންތެރިންނާ ގުޅެން އެމީހުންގެ ޒަމާންވީ އެކުވެރިޔާ އަދި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ ތަރި ރިވާލްޑޯވެސް މިހާރު ހުރީ ގަތަރުގައެވެ. މިހެންވެ ދުރު ތިބީން މިހާރު ބުނަމުންދަނީ، ބްރެޒިލްގެ ކުޅުންތެރިންނާ އެއްވަރަށް އެމީހުންގެ ލެޖެންޑުންވެސް ވޯލްޑް ކަޕް ކާމިޔާބުކުރަން ތިބީ ކެތްމަދުވެފައި ކަމަށެވެ. ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ބްރެޒިލްގެ މެޔަށް ހަ ވަނަ ތަރިއެއް އަރުވާލުމަށް މިއެންމެން އެކަތިގަނޑެއްގެ ގޮތުގައި ފެނުނަކީ ހަގީގަތުގައިވެސް ކުޅުންތެރިންނަށް ލިބޭ ހިތްވަރެކެވެ. ގަތަރަށް ނުދިޔަނަމަވެސް، 1994 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކޮށްދިން ފޯވަޑް ރޮމާރިއޯ، ނޭމާއަށް ފޮނުވި އަސަރުގަދަ ސިޓީއަކީވެސް މިތަށި ބްރެޒިލަށް ގެންދަން ކުޅުންތެރިން އިތުރަށް ކަމަރު ބާރުކޮށްލި ސިޓީއަކަށްވެއްޖެއެވެ.