ކ. މާލެ
|
26 މާރޗް 2025 | ބުދަ 16:55
2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން އީރާނުން ޖާގަ ހޯދީ އުޒްބެކިސްތާނު އަތުން 2-2 އިން އެއްވަރުކޮށްގެން
2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން އީރާނުން ޖާގަ ހޯދީ އުޒްބެކިސްތާނު އަތުން 2-2 އިން އެއްވަރުކޮށްގެން
ދަ ސްކޯ އެމްވީ
އޭޝިޔަން ވޯލްޑް ކަޕް ކޮލިފައިން
އުޒްބެކިސްތާނާއި އެއްވަރުކޮށް އިރާން ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
އޭޝިޔާގެ ކޮލިފައިން ތިން ގްރޫޕަކަށް ބަހާލާފައިވާއިރު ކޮންމެ ގްރޫޕަކުންވެސް ލީގު އުސޫލުން ކުޅޭ މެޗުތަކަށްފަހު އެއްވަނަ އަދި ދެވަނަ ޓީމަށް ވޯލްޑްކަޕްގެ ސީދާ ޖާގައެއް ލިބިގެންދާއިރު ތިންވަނަ އަދި ހަތަރުވަނައަށް ދާ ޓީމުތައް ޖެހޭނީ އިތުރު ޕްލޭއޮފް މެޗުތަކެއް ކުޅެން

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޖާގައެއް އިރާން އިން ކަށަވަރުކޮށްފި އެވެ.

އިރާން ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ އޭޝިޔާގެ ކޮލިފައިންގެ ގްރޫޕް އޭ ގައި އަންގާރަ ދުވަހުގެ ރޭ އުޒްބެކިސްތާނާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށްގެންނެވެ.

އޭޝިޔާގެ ކޮލިފައިން ތިން ގްރޫޕަކަށް ބަހާލާފައިވާއިރު ކޮންމެ ގްރޫޕަކުންވެސް ލީގު އުސޫލުން ކުޅޭ މެޗުތަކަށްފަހު އެއްވަނަ އަދި ދެވަނަ ޓީމަށް ވޯލްޑްކަޕްގެ ސީދާ ޖާގައެއް ލިބިގެންދާއިރު ތިންވަނަ އަދި ހަތަރުވަނައަށް ދާ ޓީމުތައް ޖެހޭނީ އިތުރު ޕްލޭއޮފް މެޗުތަކެއް ކުޅުމަށެވެ.

އިރާން ވަނީ ގްރޫޕް އޭގައި ކުޅުނު 8 މެޗުން 20 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ހޯދާފައެވެ. ދެވަނައިގައި އޮތް އުޒްބެކިސްތާނަށް ލިބިފައިވަނީ 17 ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އުޒްބެކިސްތާނުންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި އުޒްބެކިސްތާނުން މެޗުގެ ލީޑު ނެގި މި ލަނޑު ޖަހައިދިނީ ހޮޖިމަތް އެރްކިނޯވް އެވެ.

އުޒްބެކިސްތާނުން އެއް ލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަމަަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި މެހްދީ ތަރޭމީ ވަނީ ލަނޑެއް ޖަހާ އިރާނަށް މެޗުގެ ނަތީޖާ އެއްވަރުކޮށް ދީފައެވެ. އަދި އޭގެ މިނިޓެއް ފަހުން އުޒްބެކިސްތާނުގެ އަބޯސްބެކް ފައިޒުއްالله ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އީރާނުން މި މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރު ކުރީ މެޗުގެ 83 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް އީރާނަށް ޖަހައިދިނީ އިރާނަށް މެޗުގެ ފުރަތަމަ ލަނޑުވެސް ޖަހައިދިން މެހްދީ ތަރޭމީ އެވެ.

މި މެޗަށް ނިކުތްއިރުވެސް ޕޮއިންޓެއް ހޯދައިގެން ކެނެޑާ އާއި އެމެރިކާގެ އިތުރުން މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ޖާގައެއް އިރާނަށް ލިބިގެންދާނެ އެވެ.

އިރާނުން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު މީގެ ކުރިން ޖަޕާން އިން ވަނީ ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

- ކޮމެންޓް