ބްރެޒިލްގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ހޯމަ ދުވަހު އަމުރުކޮށްފިއެވެ.
އޭނާ އަކީ 2022 ވަނަ އަހަރުގެ އިންތިޚާބުގައި ބަލިވުމަށްފަހު ފަހު ވެސް މަޤާމުގައި ދެމިހުރުމަށް ރޭވި ރޭވުން ތަކުގެ މައި ސިކުނޑި ކަމަށް ތުހުމަތު ކުރެވިގެން ޝަރީއަތް ހިނގަމުންދާ ފަރާތެކެވެ.
މި މައްސަލަ އަށް ދެކުނު އެމެރިކާގައި އޮންނަ ބްރެޒިލް ގައި ވަރަށް ބޮޑަށް ސަމާލުކަން ދެވިފައި ވާއިރު، މިހާރު މި މައްސަލައިގެ ތެރެއަށް އެމެރިކާ އިން ވަދެ، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ހަނގުރާމަ އެއްވެސް ވަނީ ފެށިފައެވެ.
އެންމެ މަތީ ކޯޓުގައި ބޮލްސޮނާރޯގެ މައްޗަށް ހިނގަމުންދާ މައްސަލަ ބަލަމުންދާ ފަނޑިޔާރު ވިދާޅުވީ، 70 އަހަރުގެ ކުރީގެ ރައީސް، ގާނޫނޫ ހަދާ މަޖިލީހުގައި ހިމެނޭ އޭނާގެ ތިން ދަރިން ގެ ޒަރީއާ އިން ވާހަކަތައް ފެތުރުމުގެ ސަބަބުން، އޭނާގެ މައްޗަށް ކޯޓުން އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެފައިވާ ކަމަށެވެ.
ބޮލްސޮނާރޯގެ ވަކީލުން ބަޔާނެއްގައި ބުނެފައި ވަނީ އެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށެވެ. އަދި އޭނާގެ ދަރިއެއްގެ މޯބައިލް ފޯނަކުން ރިއޯ ޑީ ޖެނެއިރޯގައި އާދިއްތަ ދުވަހު އޮތް އިހުތިޖާޖަކަށް ފޮނުވާލި "ގުޑް އާފްޓަނޫން، ކޮޕަކަބާނާ، ގުޑް އާފްޓަނޫން މައި ބްރެޒިލް، އަ ހަގް ޓު އެވްރީ ވަން، ދިސް އިޒް ފޯރ އަވަރ ފްރީޑަމް" މި ބަސްތަކަކީ " ކޯޓުން ބުނާ ރައްކައުތެރި ކަމުގެ ފިޔަވަޅުތަކަށް ޚިލާފުވުން ނުވަތަ ކުށެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ނޫން" ކަމަށެވެ.
ހަރުކަށި ކަނާތުފިޔައިގެ މި ލީޑަރުގެ ޝަރީއަތަށް އިތުރު ސަމާލުކަން ލިބެމުން ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އެކުވެރިޔާގެ މައްޗަށް ހިނގަމުންދާ ޝަރީއަތާ ގުޅުވައި ބްރެޒިލް އިން އެމެރިކާ އަށް އެތެރެކުރާ މުދަލަށް 50 އިންސައްތައިގެ ޓެކުހެއް ނަގަން ނިންމުމާ ގުޅިގެންނެވެ. ޓްރަމްޕް ވަނީ މި ޝަރީއަތަކީ "ވިޗް ހަންޓެއް" ކަމަށް ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ބްރެޒިލްގެ ހުރިހާ ބާރުތަކެއްގެ ވެރިންގެ ފަރާތުން ޤައުމިއްޔަތުގެ ރޫހުގައި ވަރުގަދަ ރައްދުތަކެއް ވަނީ ދީފައެވެ. މީގެ ތެރޭގައި ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ ވެސް ހިމެނެއެވެ.
ކޯޓުގެ މި އަމުރު ނެރުނުތާ މާ ގިނަ އިރެއް ނުވަނީސް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ބިއުރޯ އޮފް ވެސްޓަން ހެމިސްފިއަރ އެފެއާޒް އިން އެކްސް ގައި ބުނެފައި ވަނީ ޓްރަމްޕް ސަރުކާރުން "ބޮލްސޮނާރޯ ގޭ ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު ކުށްވެރިކުރާ" ކަމަށާއި "އެ ފިޔަވަޅު އެޅުމަށް އަމުރުކުރި އެންމެހައި ފަރާތްތަކަށް ޖަވާބުދާރީވާން ޖެހޭނެ" ކަމަށެވެ.
"ޖައިރު ބޮލްސޮނާރޯ އަށް އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު އިތުރަށް ހަނި ކުރުމަކީ އާންމު ޚިދުމަތެއް ނޫނެވެ. ބޮލްސޮނާރޯ ބަސްބުނުމަށް ދޫކޮށްލާށެވެ!" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
ބްރެޒިލްގެ ސަރުކާރުން މި މައްސަލައާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
ބްރެޒިލްގެ ޕްރޮސެކިއުޓަރުން ބޮލްސޮނާރޯގެ މައްޗަށް ތުހުމަތު ކުރަނީ އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބު ގެ ނަތީޖާ ބަދަލު ކުރުމަށް ރޭވުމުގައި އިސްފަރާތެއްގެ ގޮތުގައި މަސައްކަތްކުރި ކަމަށެވެ. އޭގެ އިތުރުން 2022 ގައި އޭނާ އިންތިޚާބުގައި ކުޑަ ތަފާތަކުން ބަލިވުމަށްފަހު، އިންތިޚާބު ކާމިޔާބު ކުރެއްވި ލޫލާ އާއި ފަނޑިޔާރަކު މެރުމަށް ރޭވި ކަމުގެ ތުހުމަތު ވެސް ހިމެނެއެވެ.
ބޮލްސޮނާރޯ ގެ މައްޗަށް މިހާރު ވެސް ވަނީ އިލެކްޓްރޯނިކް މޮނިޓަރެއް އަޅުވައި، ޝަރީއަތް ހިނގަމުންދާ ވަގުތު އޭނާ އަށް ތައީދު ކުރާ މީހުންނަށް ހަރަކާތްތެރި ނުވެވޭނެ ގޮތައް ކާފިއު ތަންފީޒު ކުރުމަށް އެންމެ މަތީ ކޯޓުން އަމުރު ނެރެފައެވެ.
ބްރެޒިލްގެ ފެޑެރަލް ފުލުހަކު އެސޯސިއޭޓެޑް ޕްރެސް އަށް ބުނެފައި ވަނީ، ކޯޓުގެ އަމުރުގައިވާ ގޮތަށް، ބްރަސީލިއާގެ ވެރިރަށުގައި ހުރި ބޮލްސޮނާރޯގެ ގެއިން ފެޑެރަލް އޭޖެންޓުން މޯބައިލް ފޯނުތަކެއް އަތުލައިގަނެފައިވާ ކަމަށެވެ.
އޭނާ އަށް ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.
ކުރީގެ ރައީސް ތިން ދައުރެއްގެ މުއްދަތަށް ޕާލަމެންޓް މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ. އަދި ކުރީގެ މި އާމީ ކެޕްޓަނަކީ 1964 އިން 1985 އަށް ހިނގި ބްރެޒިލްގެ އަސްކަރީ ވެރިކަމަށްފަހު ހައްޔަރު ކުރެވުނު ހަތަރުވަނަ ކުރީގެ ރައީސެވެ. ބޮލްސޮނާރޯ އެ އަސްކަރީ ވެރިކަމަށް ތާއީދުކުރިއެވެ.